މި ސުވާލު މި އުފެދެނީ މި މަހުގެ 26 ވަނަ ދުވަހު އިންޑޮނޭޝިޔާ ފުލުހުންނާއި އިންޑިއާ ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި އިންޑޮނޭޝިޔާއިން ހައްޔަރުކުރި އިންޑިއާގެ "މާފިއާ ޑޮން" އެއް ކަމަށްވާ ރާޖޭންދުރަ ސަދަޝިވް ނިކާލްޖޭ (ޗޯޓާ ރާޖަން) އާއި ބެހޭގޮތުން ހިންދުސްތާން ޓައިމްސް ރޭގެ ވަގުތެއްގައި ލިޔެފައިވާ އާޓިކަލްއަކާއި ގުޅިގެންނެވެ.
އެ އާޓިކަލް ހާއްސަކޮށްފައިވަނީ ޗޯޓާ ރާޖަން އާއި އޭނާގެ ގޭންގު މެމްބަރުންގެ މައުލޫމާތުތައް ހާމަކުރުމަށެވެ. ހަބަރުގެ މަސްދަރެއް ކަމަށް ބުނެފައިވަނީ ނަން ހާމަ ނުކުރުމަށް ޝަރުތުކޮށްފައިވާ އިންޑިއާގެ އަންޑަވޯލްޑް ތަހުގީގު ކުރާ ފުލުހެކެވެ.
އެ ނޫހުގައި ބުނެފައިވަނީ ރާޖަން ގޭންގުގެ އެންމެ ބާރުގަދަ އެކަކުކަމުގައިވާ ބާލޫ ޑޯކްރޭ ކިޔާ މީހަކަށް ވަޅިން ހަމަލާދީ 2005 ވަނަ އަހަރު މެލޭޝިޔާގައި މަރާލުމުން ރާޖަންގެ ގޭންގު ބައިބައިވެ ވިއްސިވިހާލި ވި ކަމަށެވެ. އަދި އެ ގޭންގުގައި ހިމެނުނު ހިމަންތު ޕުޖާރީ ކިޔާ ގޭންގު ލީޑަރަކު ޗޯޓާ ރާޖަންގެ ގޭންގުން ވަކިވެ ރާއްޖެ އައިސް އަމިއްލަ ގޭންގެއް ފެށި ކަމަށެވެ.
އެ އާޓިކަލްގައި ހެމަންތު ޕުޖާރީއަކީ ކާކުކަން ބުނެފައި ނުވި ނަމަވެސް އިންޑިއާގެ ނޫސްތަކުގެ އާކައިވް ބުނާގޮތުން އޭނާ އަކީ އިންޑިއާއިން ހޯދަމުން އަންނަ ޒަމާންވީ ގޭންގުލީޑަރެކެވެ. 1990 ގެ އަހަރުތަކުން ފެށިގެން އޭނާ އިންޑިއާ ފުލުހުންނަށް ހޯދިފައެއް ނުވެ އެވެ. އިންޑިއާގައި މި ގޭންގު ލީޑަރު މަޝްހޫރުވެފައި އޮންނަނީ ބޮލީވުޑް ފިލްމީތަރިންނަށް އިންޒާރުދީ ބްލެކްމެއިލް ކުރުމަށް މަސައްކަތްކުރާ ގޭންގު ލީޑަރެއްގެ ގޮތުގަ އެވެ.
އެގޮތުން ސަލްމާން، އަކްޝޭ ކުމާރު، ކަރަން ޖޯހަރު، އަދި ރާކޭޝް ރޯޝަން އަށް ހެމަންތު ޕުޖާރީގެ އިންޒާރުތައް ލިބުނު ކަމަށް އިންޑިއާގެ ނޫސްތައް ބުނެ އެވެ. އަދި މަޝްހޫރު ލަވަކިޔުންތެރިއެއް ކަމަށްވާ އަރީޖީތު ސިންގަށް ދާދިފަހުން ހިމަންތު ޕުޖާރީ ވަނީ އިންޒާރެއް ދީފަ އެވެ.
ހެމަންތު ޕުޖާރީ އެންމެ ފަހުން އުޅެފައިވަނީ އޮސްޓްރޭލިއާގައި ކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފައިވީނަމަވެސް ހިންދުސްތާން ޓައިމްސްގައި ބުނެފައިވާގޮތުން ޗޯޓާ ރާޖަން އާއި މައްސަލަ ޖެހުނު ހިސާބުން ހެމަންތު ޕުޖާރީ އައީ ރާއްޖެއަށެވެ. އަދި އޭނާ ރާއްޖެ އައީ އޭނާގެ ގޭންގު ރާއްޖޭގައި ހުރެ ހިންގުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް