ބަގްލަދޭޝްގެ މެޑިކަލް ކޮލެޖްގެ ދިވެހި ދަރިވަރުން ބިރުވެރިކަމެއްގެ ތެރޭގައި، ދިވެހި ދެ ޑޮކްޓަރުންނަށް އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެ!

ބަންގްލަދޭޝަްގެ ހޮސްޕިޓަލެއްގައި މަސައްކަތްކުރާ ދެ ޑޮކްޓަރެއް ޑިއުޓީގައި ތިއްބާ އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ބަންގްލަދޭޝްގައި ހުންނަ ޗިޓަގޮންގް މެޑިކަލް ކޮލެޖް ހ...

31 Aug 2024 | 13:06

ބަންގްލަދޭޝަްގެ ހޮސްޕިޓަލެއްގައި މަސައްކަތްކުރާ ދެ ޑޮކްޓަރެއް ޑިއުޓީގައި ތިއްބާ އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ބަންގްލަދޭޝްގައި ހުންނަ ޗިޓަގޮންގް މެޑިކަލް ކޮލެޖް ހޮސްޕިޓަލުގައި ރޭގެ ވަގުތެއްގައެވެ.  ދިވެހި ދެ އިންޓާން ޑޮކްޓަރުން ޑިއުޓީގައި ބަލި މީހުންނަށް ފަރުވާ ކުރަމުން ދަނިކޮށް ބަޔަކު އައިސް ވަނީް ޖިސްމާނީ އަނިޔާ ތަކެއް ދީފައެވެ.

އެތަނުން އެއް ޑޮކްޓަރު ގައިގައި ޖަހާފައިވާއިރު، އަނެއް ޑޮކްޓަރުގެ އަތުގައި ހިފައި ދަމާފައި ގެންދިޔަ ކަމަށް މައުލޫމާތު ލިބެއެވެ.

އެ ޑޮކްޓަރުންނާއި މެދު މިފަދަ އަމަލެއް ކޮށްފައިވާއިރު އެ ހޮސްޕިޓަލުގެ ސީނިއާ މީހުން ވެސް އެވަގުތު ތިބި ކަމާއި އެހެން ނަމަވެސް އެމީހުން އެކަން މާބޮޑު ކަމަށް ނަހަދާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ދުވަސް އަށް އެނގިފައިވާގޮތުގައި، ޑޮކްޓަރުން ވަނީ މިކަމާއި ގުޅިގެން ހޮސްޕިޓަލުގެ ޑައިރެކްޓަރު ކައިރިއަށް ގޮސް އެ ވާހަކަތައް ދައްކާފައެވެ. އެހެން ނަމަވެސް އެ ފަރާތުން ވަނީ އެމީހުންގެ ވާހަކަތައް ދޮގުކޮށް ސީސީޓީވީ ހެކި ދެއްކުމަށް ބުނެފައިވާކަމަށާއި އެ ހާދިސާގެ ފަހުން އެ ދެ ޑޮކްޓަރުން ގެއަށް ފޮނުވާލުމުގެ ބަދަލުގައި ޑިއުޓީގައި ތިބުމަށް ސީނިއާ މީހުން ބުނި ކަމަށް ވެސް މައުލޫމާތު ލިބިފައި ވެއެވެ.

އެމީހުންނަށް ލިބިފައިވާ އަނިޔާތަކާއ ގުޅިގެން ދެ ގަޑިއިރު ވަންދެން ދެ ޑޮކްޓަރުން ބިރުން ސްޓޯރ ރޫމްގައި ތިބިކަމަށް ވެސް މައުުލޫމާތު ލިބެއެވެ.

މިކަމާއި ގުޅިގެން ރާއްޖޭގެ އެއްވެސް ރަސްމީ އިދާރާއަކުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

އެހެން ނަމަވެސް ބަގްލަދޭޝްގައި ތިބި ދިވެހި ދަރިވަރުންގެ ރައްކާތެރިކަމާއި މެދު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް