މާލޭގައި ބުރާސްފަތި ދުވަހުގެ ރޭ ލޯބިވެރިޔާ ރަހީނުކޮށް ކަރުގައި ވަޅި ޖައްސައިގެން ގެންގުޅުނު ށ. މިލަންދޫ، ހެޕީ ލޭންޑު، އަހްމަދު އަތުހަރު މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމުގައި ފުލުހުން ބުނެފިއެވެ.
އެގޮތުން ފުލުހުން މިއަދު ބުނެފައިވަނީ މިއަދު ހެނދުނު އަތުހަރު ހޮސްޕިޓަލުން ދޫކޮށްލުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.
ބުރާސްފަތި ދުވަހުގެ ރޭ އަތުހަރު ވަނީ އޭނާގެ ލޯބިވެރިޔާ ރަހީނުކޮށް ކަރުގައި ވަޅި ޖައްސައި، އަދި އެ އަންހެން މީހާ ސަލާމަތްކުރަން ފުލުހުން މަސައްކަތްކޮށްފިނަމަ އަންހެން މީހާ މަރާލާނެ ކަމުގެ އިންޒާރާއެކު އެ އަންހެން ކުއްޖާ ލައްވައި ސައިކަލު ދުއްވައި ވަކި ތާކަށް ދާން މަސައްކަތްކޮށްފައެވެ.
ފުލުހުން އަތުހަރު ހައްޔަރުކުރީ ފުލުހަކު އަތުހަރުގެ ބޮލުގައި ފުލުހުންގެ ބެޓަނަކުން ޖަހައި އަދި އިތުރު ފުލުހުން އެވަގުތު އަތުހަރުގައިގައި ހިފައިގަނެ ވައްޓާލައިގެންނެވެ.
އަންހެން މީހާއަށް އަނިޔާއެއް ނުލިބުނު ނަމަވެސް އަންހެން މީހާވެސް އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައެވެ. ފިރިހެން މީހާއަށް ލިބުނު އަނިޔާއަށް އެރޭ އޭޑީކޭގައި ފަރުވާދިނުމަށްފަހު ދޫކޮށްލިފަހުން އަނެއްކާވެސް ހޮޑުލާތީ ރޭގައި އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ.
ށ. މިލަންދޫ، ހެޕީ ލޭންޑު، އަހްމަދު އަތުހަރަކީ ޖަލު ހުކުމެއްގައި ހުއްޓާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި މައާފުދިނުމަށްފަހު ދޫކޮށްލާފައިވާ މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް