އެމްޓީސީސީއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފޯރުކޮށްދެމުންދާ އާންމު ބަހުގެ ޚިދުމަތާއި މާލެ ސަރަަހައްދުގެ ފެރީ ޚިދުމަތުގައި މަތީ ތަޢުލީމު ހާސިލްކުރަށްވަމުންގެންދަވާ ދަރިވަރުންނަށް ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސައިފި ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރޭކްޓިންގ ކޮމްޕަނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
މިއީ ކުރިއަށްއޮތް ޖީލުތަކަށް އިންސާނީ ވަސީލަތް ތަރައްޤީކުރެއްވުމަށް އަދުގެ ސަރުކާރުން ކުރައްވަމުންގެންދަވާ މުހިންމު މަސައްކަތައް އެހީތެރިވެދިނުމުގެ ގޮތުން ކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ.
އެގޮތުން އެމްޓީސީސީ އިން ބުނާ ގޮތުގައި ދަރިވަރުން ތަޢުލީމް ހާސިލްކުރަމުންގެންދާ ކޮލެޖް ނުވަތަ ޔުނިވާރސިޓީއިން ދަރިވަރުންނަށް ދޫކޮށްފައިވާ ސްޓޫޑެންޓް ކާޑު ބޭނުން ކޮށްގެން މާދަމާއިން ފެށިގެން އެ ދަތުރުފަތުރުގެ ޚިދުމަތްތަކުގައި ހިލޭ ދަރިވަރުންނަށް ދަތުރުކުރެވޭނެއެވެ.
އެމްޓީސީސީގެ ފަރާތުން ފޯރުކޮށްދެމުންދާ ހުރިހާ އާންމު ދަތުރުފަތުރުގެ ޚިދުމަތެއްގައިވެސް މިހާރުވެސް 65 އަހަރުން މަތީގެ މީހުންނަށާއި، 3 އަހަރުން ދަށުގެ ކުޑަކުދިންނަށް އައި.ޑީ. ކާޑު ބޭނުންކުރަށްވައިގެން ހިލޭ ދަތުރުކުރެވޭ ކަމަށް އެ ކުންފުނިން ބުނެއެވެ.
ހަމައެހެންމެ ޚާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން (އެންސްޕާ) އިން ދޫކޮށްފައިވާ ކާޑު މެދުވެރިކޮށް ހިލޭ ދަތުރުކުރެވޭނެކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރަށް، ޔުނިފޯރމް އަދި އެކްޓިވިޓީ ޔުނިފޯރމްގައި ތިބޭ ސްކޫލް ދަރިވަރުންނަށްވެސް ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް އެ ކުންފުނިން ވާނީ ހަމަޖައްސާދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް