ކުރެންދޫގެ ބައެއް މަޝްރޫޢުތަކުގެ ނިމުން ރައީސް ފާހަގަކޮށްދެއްވައިފި

ޅ. ކުރެންދޫގައި ސަރުކާރުން ހިންގާފައިވާ ތަރައްޤީގެ ބައެއް މަޝްރޫޢުތަކުގެ ނިމުން، ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް ފާހަގަކޮށްދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އޮފީހުން ބުނާގޮތުގައި...

31 Aug 2023 | 15:59

ޅ. ކުރެންދޫގައި ސަރުކާރުން ހިންގާފައިވާ ތަރައްޤީގެ ބައެއް މަޝްރޫޢުތަކުގެ ނިމުން، ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް ފާހަގަކޮށްދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އޮފީހުން ބުނާގޮތުގައި މި މަޝްރޫޢުތަކުގެ ނިމުން ރައީސް ފާހަގަކޮށްދެއްވީ މިއަދު ކުރެންދުއަށް ވަޑައިގެންނެވެ.

މިއަދު މެންދުރުފަހު ރައީސް ވަނީ ޅ. ކުރެންދުއަށް ވަޑައިގެން އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައި އަދި އެރަށު އިންޖީނުގެއާ ފެނަކަ އޮފީސް ހުޅުއްވައިދެއްވާފައި ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ކުރެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އާ ހަވާލުކޮށްގެންނެވެ.

މި މަޝްރޫޢުގެ ދަށުން ގޮނޑުދޮށަށް ވެލިއަޅައި 361 މީޓަރުގެ ބޭރުތޮށި ޖެހުމާއި، 822 މީޓަރުގެ ރިވެޓްމަންޓް ޖަހާފައިވެއެވެ.

މީގެ އިތުރަށް، ރައީސް ހުޅުވައިދެއްވި ފެނަކަ އިންޖީނުގެއާ އޮފީސް އިމާރާތަކީ ޖާގަ ތަނަވަސް އަދި ބޭނުންވާ އިތުރު ވަޞީލަތްތަކާއެކު އިމާރާތްކޮށްފައިވާ ތަންތަނެއް ކަމަށާއި އައު އިންޖީނުގެ އިމާރާތްކޮށްފައި ވަނީ މީހުން ދިރިއުޅޭ ސަރަޙައްދާ ދުރުގައި ކަމަށް ރައީށް އޮފީހުން ބުނެއެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައި ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް