އެމްޕީއެލް މުވައްޒަފުންނަށް ހުޅުމާލޭ ބަނދަރުގައި ވެއިޓިން އޭރިއާއެއް ހުޅުވައިފި

ހުޅުމާލެ ޓާމިނަލްގައި މަސައްކަތްކުރާ އެމްޕީއެލްގެ މަސައްކަތްތެރިންނަށް ހާއްސަ ވެއިޓިން އޭރިއާއެއް ހުޅުވައި، ރޭ ހުޅުމާލެ ވިޔަފާރީ ބަނދަރުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ. އެ ރަސްމިއްޔާތުގައި ވ...

31 Aug 2023 | 15:42

ހުޅުމާލެ ޓާމިނަލްގައި މަސައްކަތްކުރާ އެމްޕީއެލްގެ މަސައްކަތްތެރިންނަށް ހާއްސަ ވެއިޓިން އޭރިއާއެއް ހުޅުވައި، ރޭ ހުޅުމާލެ ވިޔަފާރީ ބަނދަރުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު، ޝާހިދު އަލީ ވިދާޅުވީ މުވައްޒަފުން މަޑުކޮށްލަން ހެދި ވެއިޓިން އޭރިއާ އަކީ، ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން ހުޅުވި ތަނެއްކަމަށެވެ. އަދި އެ އޭރިއާގެ ސަބަބުން މުވައްޒަފުންނަށް އެތައް ގުނައެއް ފަސޭހަވެ، މަސައްކަތުގައި ކުރިއެރުން ލިބޭނެކަމަށް އޭނާ ގަބޫލުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިކަމުގެ ސަބަބުން ވަރަށް ގިނަ ފަރާތްތަކަށް ވަރަށް ބޮޑަށް ލުއި ފަސޭހަ ވެގެންދާނެ. މަސައްކަތުގައި އުޅުއްވައިފައި ލިބޭ ހުސް ވަގުތު ކޮޅުގައި އޭސީ ކޮށްފައި ހުންނަ ތަނެއްގައި މަޑުކޮށްލެވުނީމަ، ދެން އަނެއްކާވެސް މަސައްކަތަށް ދާން ވަރަށް ބޮޑު ފަސޭހައަކަށް ވާނެ." ޝާހިދު ވިދާޅުވިއެވެ.

އެ ތަނަކީ އެކަހެރިކޮށް އޮތް ސަރަހައްދަކަށް ވެފައި، އަދި އެތާ މަސައްކަތް ކުރާއިރު މަޑުކޮށްލާނެ ޖާގައެއް ނެތުމުން ދުރަށް ދާންޖެހޭތީ، އެތަނުގައި ވެއިޓިން އޭރިއާ އެއް ހުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރަށް، މިއީ ބަނދަރުގެ ޑިޒައިންގެ ތެރެއިން، ކުރީންސުރެ ކުރަމުން ދިޔަ މަސައްކަތެއް ކަމަށާއި، އެތަން ނިންމާ، ހުޅުވުން ލަސްވީ ކޮވިޑުގެ ހާލަތާއެކު މަސައްކަތް މަޑުޖެހުމުންކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އެތަނުގެ މަތީ ބުރީގައި މުވައްޒަފުންނަށް ހާއްސަ ކެފޭއެއް ހިންގާ ގޮތަށް ތަރައްގީ ކުރުމަށް ބިޑަށް ހުޅުވާލާނެ ކަމަށްވެސް އޭނާ އިތުރަށް ވިދާޅުވިއެވެ.

ވޭތުވެ ދިޔަ ފަސް އަހަރު ތެރޭގައި ކުރިން ދެބައިކުޅަ އެއްބައި ބޭނުންނުކުރެވި އޮތް ހުޅުމާލެ ޕޯޓު އެއްކޮށްވަނީ ބޭނުން ކުރަންފަށާފައެވެ. އަދި ކުރީގެ ލޯކަލް ޕޯޓުވެސް އެއްކޮށް ބޭނުން ކޮށް، މިހާރު އޮތީ އިންޓަނޭޝަނަލް ކުރުމުގެ މަރުހަލާގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް