ލާދީނީ އިޝްތިހާރު ކުރި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

މާލޭގެ ހޮޓަލެއްގައި ލާދީނީ އިޝްތިހާރު ކުރި މީހާ، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން ބުނީ، ޓޫރިސްޓް ވިސާގައި ރާއްޖެއަށް އަހިސް ހުރި އިންޑިޔާ މީހަކު، ދިމާވާ ގޮންޖެހުންތަކަށް ރޫހާނީ ހައް...

31 Aug 2023 | 12:25

މާލޭގެ ހޮޓަލެއްގައި ލާދީނީ އިޝްތިހާރު ކުރި މީހާ، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ، ޓޫރިސްޓް ވިސާގައި ރާއްޖެއަށް އަހިސް ހުރި އިންޑިޔާ މީހަކު، ދިމާވާ ގޮންޖެހުންތަކަށް ރޫހާނީ ހައްލު ހޯދައިދޭން ދަސްކޮށްދޭ ކްލާސް ތަކެއް ހިންގާ ކަމަށް ބުނެ ސޯޝަލް މީޑިޔާގައި ޕޯސްޓް ކޮށްފައި ވާކަން ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން، އެމީހާއާއި އެކަމުގައި ބައިވެރިވާ ކަމަށް ބެލެވޭ އިތުރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އެކަމާ ގުޅޭ މައުލޫމާތު ސާފު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މި މައްސަލައަކީ ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމާ ބެހޭ ގާނޫނާއި އިމިގްރޭޝަން ގާނޫނާ ހިލާފު ކަމަކަށް ވާތީ، ކަމާގުޅޭ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުން އަޅާނެ ވާހަކަ ދަންނަވަން" ފުލުހުން ބުންޏެވެ.

މާލޭގެ ހޮޓަލެއްގައި ލާދީނީ ހަރަކާތެއް އިޝްތިހާރު ކުރާ މައްސަލަ ފުލުހަށް ހުށަހަޅާފައި ވަނީ އިސްލާމިކް މިނިސްޓްރީންނެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ، މާލޭގެ ހޮޓަލެއްގައި “ސްޕިރިޓުއަލް ހީލަރ” އެއްގެ ނަމުގައި، ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާ ހިލާފު އަމަލުތަކެއް ހިންގަން އިޝްތިހާރު ކުރާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބަލައި ފިޔަވަޅު އަޅައިދިނުމަށް ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އުނިމާ ގްރޭންޑް ހޮޓަލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އުނިމާ ގްރޭންޑަށް ޑައިރެކްޓް ބުކިންގް ހަދައިގެން ޗެކިން ވި އިންޑިޔާގެ ފާސްޕޯޓް ގެންގުޅޭ ދެ މީހަކު، އެ ހޮޓަލުގެ އުސޫލާ ހިލާފު ވުމުގެ ސަބަބުން ޗެކްއައުޓް ކޮށްފައިވާ ކަމަށެވެ.

އަދި އެމީހުން ފޭސްބުކް މެދުވެރިކޮށް ޖަހާފައިވާ އިޝްތިހާރަކީ އެސްވެސް ސިފައެއްގައި އެ ގެސްޓްހައުސްއަށް އެނގިގެން ކޮށްފައިވާ ކަމެއް ނޫން ކަމަށް އުނިމާގެ ނޫސްބަޔާކުގައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް