ޒާތީގޮތުން ބެހި، ނަފްރަތު އުފެދޭފަދަ ވާހަކަ ނުފަތުރަން ޖަމިއްޔަތުއް ސަލަފުން މާރިޔާ ދީދީއަށް ނަސޭހަތްތެރިވެއްޖެއެވެ.
ސަލަފުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ޖަމިއްޔާ އަކީ ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި ޝިޢާރުތައް ނަގަހައްޓައި، ދީނީކަންކަމަށް ކުރިމަތިކުރެވޭ ހުރަސްތަކާ ދެކޮޅަށް ހަރަކާތްތެރި ވުމުގެ މަތިވެރި މަގުސަދުގައި މުޖުމައުގެ އެކިދާއިރާތަކުގައި ހަރަކާތްތެރިވަމުންދާ މަދަނީ ޖަމްޢިއްޔާއެއް ކަމަށެވެ.
މިގޮތުން ދީނީހޭލުންތެރިކަން ފެތުރުމާއި، އެކި ކަންކަމުގައި ޝަރުޢީ ލަފާދިނުމާއި، ތަޢުލީމާއި، މަސައްކަތުގެ ހުނަރުތައް ދަސްކޮށްދިނުމާއި، ޒުވާނުންނަށް މަގުދެއްކުމާއި، ކައުންސިލިން ދިނުމާއި، އިސްލާދީނަށް ކުރިމަތިކުރެވޭ ގޮންޖެހުންތަކުން މުޖުތަމަޢު ސަލާމަތްކުރުމާއި،ޒުވާނުންގެ ހުނަރު ކުރިއެރުވުމުގެ އިތުރުން މުޖުތަމަޢުގައި އެހީތެރިކަމަށް ބޭނުންޖެހޭ ފަރާތްތަކަށް އެހީތެރިވުމުގައި ޖަމްޢިއްޔަތުއް ސަލަފުން ދަނީ ނުހަނު ފުޅާދާއިރާއެއްގައި ޙަރަކާތްތެރިވަމުން ކަމަށް އެ ޖަމިއްޔާގެ ނޫސްބަޔާނުގައި ވެއެވެ.
"އަދި ދީނީގޮތުން ޙައްދުފަހަނައަޅައިގޮސް ޝަރުޢީ އުޞޫލުތަކުން ބޭރުން މުސްލިމުން ދީނުން ބޭރުކޮށް ކާފިރުކުރުމާއި، ބިދުޢަވެރި ކުރުމުގެ ނުބައި ހަރުކަށި ފިކުރުތަކުން މުޖުތަމަޢު ސަލާމަތްކޮށް އިސްލާމީ އުޞޫލުތަކުގެ މައްޗަށް ޤާއިމުވެފައިވާ ޞުލްޙަވެރި އަމާންވެއްޓެއް ޤާއިމުކުރުމަށް ޖަމްޢިއްޔަތުއްސަލަފުން ކުރަމުންދާ މިންނަތް މަސައްކަތަކީ ދިވެހިރައްޔިތުންނަށް އޮޅިފައިވާނެކަމެއް ނޫން" ސަލަފުން ބުންޏެވެ.
އެހެންކަމުން، ޖަމްޢިއްޔަތުއްސަލަފާއި ސަލަފުގެޢިލްމުވެރިންނަށް ޙައްދު ފަހައެޅުމާއި ހަރުކަށިފިކުރުގެ ތުހުމަތުކޮށް އެކި މަޤާމްތަކުގައި ތަކުރާރުކޮށް ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާއަޙްމަދުދީ ދައްކަވަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތްބުހުތާނު ވާހަކަތަކެއް ކަމަށާއި އަދި އަމުދުން ހަރުކަށި ކަމާއި، ޙައްދު ފަހައެޅުމަކީ ދީނީ ގޮތުން މިނެކިރަން ޖެހޭކަމަށް ވުމުގެ އިތުރުން، އެކަމަކީ ދިވެހިރާއްޖޭގެ ޤައުމީ ފެންވަރުގައި އެކުލަވާލެވިފައިވާ ޤައުމީ މިންގަނޑެއް ފެންނަން އޮތް ކަމަކަށްވީހިނދު، ޝަރުޢީ މިންގަނޑަށް ބެލުމެއްނެތި، އަމުދުން ދައުލަތުން ޢަމަލުކުރުމަށްއެކަށައަޅުއްވާފައިވާ ޤައުމީ މިންގަޑުންވެސް ބޭރުން ހިތުހުރިހައި ފަރާތްތަކަށް ހަރުކަށި ފިކުރާއި ޙައްދުފަހަނައެޅުން ނިސްބަތްކުރަމުންދާ ދިއުމަކީ ވަރަށް ދަށުދަޖައިގެ ޒިންމާދާރުކަމެއް ނެތް ނާތަހުޒީބީ ޢަމަލެއްކަމުގައި ޖަމްޢިއްޔަތުއް ސަލަފުން ދެކެއެވެ.
"ވަކިން ޚާއްޞަކޮށް ހަރުކަށި ފިކުރާއި ޙައްދުފަހަނައެޅުމާ ދެކޮޅަށް މަސައްކަތް ކުރުމަށް ޤައުމީ ފެންވަރުގައި އެކުލަވާލެވިފައިވާ National Counter Terrorism Centre NCTC)) ގެބަލަދުވެރިފަރާތުގެ ގޮތުގައި ހުންނަވައި، އެކަން ޙައްލުކުރެއްވުމަށް އެކަށީގެންވާ މަސައްކަތެއް ކުރެއްވުމެއްނެތި؛ މިފަދަ ކަންކަން ކުރެއްވުމުން ދޭހަކޮށްދެނީ ޝަރުޢީގޮތުންނާއި ޤާނޫނީގޮތުން މަތިކުރެވިފައިވާ މަސްއޫލިއްޔަތުތައް، ޒިންމާދާރުކަމާއެކު އަދާކުރުމުގައި ތިމާމެންގެ ނާޤާބިލުކަން ނޫން އެހެން ކޮންކަމެއް ހެއްޔެވެ؟" ސަލަފުން ބުންޏެވެ.
މީގެ އިތުރުން ސަލަފުން ބުނީ، އެއްވެސް ޝަރުޢީ އަދި ޤާނޫނީ އަސާސެއް ނުވަތަ ބަލައިގަނެވޭ ބުއްދީގެ އުސޫލެއް ހަމައެއްނެތި ޖަމްޢިއްޔަތުއްސަލަފާއި، ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނާ ޙައްދުފަހަނައެޅުމާއިހަރުކަށިފިކުރުތަކާ ގުޅުވަން، މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ތަރުޖަމާނުގެހައިސިއްޔަތުން ދައްކަވަމުން ގެންދަވާ ވާހަތަކަކީ ފަހަރެއްގައިވެސް އެމަނިކުފާނުގެ ވެރިކަމުގައި ލާދީނީގޮތުން ޙައްދުފަހަނައަޅާފައިވާ MDNގެ އިސްފަރާތްތައް ސަރުކާރުގެ މަތިފަޑިއަށް ލައްވައިގެން އުޅުއްވުމާއި،ޙައްދު ފަހަނައަޅާފައިވާ MDN ގެ ފިކުރާ ސަރުކާރާއޮތް ނަސްލާއި ނަސަބާއި ޞިހްރާއި އެއްކިރުވުމުގެ ވަރުގަދަ ގުޅުމަށް ފަސްއަޅައި ފޮރުވޭނެކަމެއްކަމުގައި ޖަމްޢިއްޔަތުއްސަލަފުން ނުދެކޭ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
އެހެންކަމުން، ދިވެހި ދައުލަތް ޙިމާޔަތްކޮށް ރައްކާތެރިކުރުމާއި، ދިވެހި ރައްޔިތުންގެ ދީނާއި، ޖާނާއި، ނަސްލާއި، މުދަލާއި، ބުއްދިއާއި އަބުރު ޙިމާޔަތްކުރުމުގެ މަތިވެރި ޒިންމާ އަދާކުރުމުގައި ޖާނާއި މާލުން ޤުރުބާންވުމަށް މާތް ﷲ ގަންދީ ހުވާކުރައްވައިގެންތިއްބެވި މިޥަޠަނުގެ އެންމެ ޝަރަފުވެރި މަޤާމްކަމުގައި ފަޚުރުވެރި ދިވެހި ސިފައިން ސެލިޔުޓްކޮށް ކުރުނީސްކުރައްވާ ޑިފެންސް މިނިސްޓަރުކަމުގެ މަޤާމުގައިވާ ހުންނަވައިގެން ދިވެހިރާއްޖޭގެ ރައްޔިތުންގެ އިތުބާރާއި އިޙްތިރާމާއި ޤަދަރު ލިބިފައިވާ ޢިލްމުވެރިންނާއި އެހެނިހެން ފަރާތްތަކާ ޒާތީގޮތުން ބެހި، އެމީހުންނާމެދު ނަފްރަތު އުފެއްދުމަށް ތިޔަކުރައްވަމުން ގެންދަވާ ހަޑިމުޑުދާރު މަސައްކަތް މިހާރުން މިހާރަށް ހުއްޓަވާލެއްވުމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއަށް ވަރަށް އަދަބު އިޙްތިރާމާއެކު ޖަމްޢިއްޔަތުއްސަލަފުން ނަޞޭޙަތްތެރި ވާކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
"އަދި މިފަދަ ނޭއްގާނީ ޢަމަލުތައް ހިންގައި ދުލަށް އައިހާ އެއްޗެއް މީހުންނަށް ގޮވަމުންދާއިރު، ތިޔަކުރައްވަމުންގެންދަވާ ކަންތައްތަކާމެދު ޖަވާބުދާރީވާންޖެހޭ ދުވަސް ނުހަނު ގާތުގައި ވާކަން ހަނދާންކޮށްދެމެވެ." ސަލަފުން ބުންޏެވެ.
އަދި މިފަދަ ދަށުދަރަޖައިގެ ކަންކަމައިގެން އުޅުއްވުމުގެ ބަދަލުގައިޝަރުޢީގޮތުންނާއި ޤާނޫނީގޮތުން، ކަމަނާއާ މަތިކުރެވިފައިވާ ޒިންމާތައް ހެޔޮގޮތުގައި އަދާކުރެއްވުމަށް ސަލަފުން ވަނީ އިލްތިމާސް ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް