މި އަހަރުގެ ރިޔާސީ އިންތިހާބުގައި އަށް ކެނޑިޑޭޓުން ވާދަ ކުރައްވާއިރު އެކި ގޮތްގޮތުން އާއްމުން ދަނީ އެ ފަރާތްތައް އަޅާކިޔަމުންނެވެ. އޭފެ ތެރޭގައި މެނިފެސްޓޯއިން ފެށިގެން ސިފަޔާ ހަމަޔަށް މީހުން އަޅާކިޔައެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ތެރެއިން، ކެނޑިޑޭޓް ނަންބަރު ހައެއް ލިބިވަޑައިގަތީ މިހާރު އުމުރުފުޅުން 52 އަހަރު ފުރިވަޑައިގެންފައިވާ، މއ. ކިނބިގަސްދޮށުގޭ އަހުމަދު ފާރިސް މައުމޫނެވެ.
ފާރިސްއަކީ ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމުގެ ދޮށީ ދަރިކަލުންނެވެ.
ތައުލީމު
ފާރިސްގެ ތަޢުލީމީ ހަޔާތް ފެށިގެން އައީ ދިވެހިރާއްޖެއިންނެވެ. މާލޭގެ މަޖީދިއްޔާ ސްކޫލުން ސާނަވީ ތަޢުލީމު ޙާޞިލު ކުރެއްވުމަށްފަހު މަތީ ތަޢުލީމު ޙާޞިލުކުރެއްވުމަށް އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ޑަރަމްއަށް ވަދެވަޑައިގެންނެވިއެވެ. "ކޮމްބައިންޑް ސޯޝަލް ސައިންސަސް"ގެ ދާއިރާއިން އޮނަރސް ޑިގްރީ ހާޞިލުކުރެއްވިއެވެ. އަދި އޭގެ ފަހުން އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ނިއު ސައުތް ވޭލްސްއިން އިން "އިންޓަރނޭޝަނަލް ރިލޭޝަންސް"ގެ ދާއިރާއިން މާސްޓަރސް ޑިގްރީ ވަނީ ހާސިލު ކުރައްވާފައެވެ.
ވަޒީފާ
ފާރިސް ވަނީ 2013ވަނަ އަހަރުގެ ނޮވެންބަރު މަހު މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓްގެ މަޤާމާ ޙަވާލުވެވަޑައިގަތެވެ. އެ މިނިސްޓްރީގެ މަސައްކަތް ޒިންމާދާރުކަމާއިއެކު 2015 ވަނަ އަހަރުގެ ނޮވެންބަރު މަހާ ހިސާބަށް އަދާކުރެއްވުން މަތީ ދެމިހުންނެވިއެވެ.
މަގާމުގައި ހުންނަވައިގެން ހިންގެވި މުހިންމު މަސައްކަތްތަކުގެ ތެރޭގައި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ދެމެހެއްޓެނިވިގޮތެއްގައި އަތޮޅުތަކުގެ ތެރޭގައި، ކުރިއަށް ގެންދިއުމަށް ހަތް ބިޒްނަސް ސެންޓަރު މެދުވެރިކޮށް، ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވިއެވެ. އަދި ކުދި ވިޔަފާރިތައް ކުރި އެރުވުމަށް މައިކްރޯ ފައިނޭންސިންގ ސްކީމްތައް ތަޢާރަފު ކުރައްވައި އެ ސްކީމްތަކުގެ ދަށުން ދިވެހި ރައްޔިތުންނަށް ފައިދާ ހުރި ވިޔަފާރިތަކެއް ކުރެއްވޭނެ މަގު ކޮށްޓަވައިދެއްވިއެވެ.
މީގެ އިތުރުން، ޑިޖިޓަލް ބިޒްނަސް ޕޯރޓަލްއެއް ގާއިމުކޮށް، ތަފާތު މުއައްސަސާތައް ވިއުގައަކުން ގުޅާލައި، އޮންލައިންކޮށް ޚިދުމަތްތައް ދޭން ފެއްޓެވީ ވެސް ހަރުދަނާކަމާއެކު ހެޔޮ ވިސްނުންފުޅެއްގައި ފާރިސް ކުރެއްވެވި މަސައްކަތްތަކުގެ ތެރެއިންނެވެ.
ހަމަ އެއާއެކު ޒުވާނުންނަށް އަމާޒުކޮށްގެން ހިންގި "ގެޓްސެޓް" ލޯނު ތަޢާރަފު ކުރެއްވުމަކީ ވެސް ފާރިސްގެ ވިސްނުމާއި ފިކުރުން ތަޢާރަފުކުރެއްވި ވިޔަފާރީގެ އާ ބާބެއްގެ ފެށުމެވެ. އަދި ފަންނީ ޓީމެއް ހޯއްދަވައިގެން ޓްރޭޑް ޑިޖިޓަލައިޒްކޮށްގެން ފަސޭހަކަމާ އެކު ވިޔަފާރި ހިންގަން މަގުފަހިކުރައްވާ "އީ.ގަވް" އާއި "ބިޒްނެސް ޕޯރޓަލް" އާއި"MED Online Services" އާއި expat.gov.mv"" އާއި "ބިޒްނަސް.އީގަވް.އެމްވީ" ޚިދުމަތް ދޭންފެއްޓެވީ ވެސް ފާރިސްގެ އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ތަރައްޤީއަށް ވިސްނެވި ދުރު ރާސްތާ ރޭއްވެވުންތެރިކަމުގެ ތެރެއިންނެވެ.
މި ދެންނެވި ކަންކަމުގެ އިތުރުން، ދިވެހިރާއްޖޭގެ އުތުރުގައި ވިޔާފާރީގެ ހަބެއް ގާއިމު ކުރުމަށްޓަކައި ކަނޑައެޅި "އިހަވަންދިއްޕޮޅު އިންޓަރގްރޭޓެޑް ޑިވެލޮޕްމްނަޓް ޕްރޮޖެކްޓް - އައިހެވަން"ގެ މަސައްކަތްތައް ރާވާ ވިލަރެސް ކުރެއްވުމަކީ ފާރިސްގެ އިސް މަސައްކަތެކެވެ. މި ޕްރޮޖެކްޓަކީ މީހުން ދިރިއުޅޭނެ ސަރަޙައްދަކާއި ވިޔަފާރި ބަނދަރަކާއި އެއަރޕޯރޓަކާއި ކްރޫސް ހަބަކާއި ޔޮޓު މެރީނާއަކާއި ބައިނަލްއަޤްވާމީ ކުންފުނިތައް ރާއްޖެއިން އޮޕަރޭޓްކުރުމަށްޓަކައި ހައި އެންޑް މާރކެޓަށް އަމާޒުކޮށް އޮފީސްތަކާއި ހައުސިންގއާއި އެހެނިހެން ޚިދުމަތްތަކާއި ޑޮކް ޔާޑެއް ހިމެނޭގޮތަށް އެކުލަވާލެވުނު ފުޅާ، ބޮޑު، ބިޔަ މަޝްރޫޢެކެވެ. މިއީ ތާރީޚުގައި ވެސް ދިވެހިރާއްޖޭގައި ޕްލޭންކުރެވުނު އެންމެ ބޮޑު އެއް މަޝްރޫޢެވެ. "ސްޕެޝަލް އިކޮނޮމިކް ޒޯނުގެ" ބިލުގައި ޑިވެލޮޕްމަންޓް ޕްލޭނިންގ ހިމަނައިގެން ފަރުމާ ކުރުމުގައި ފާރިސްގެ އިސް ދައުރު ފާހަގަކޮށްލެވެއެވެ.
ޖޫން 2015ގައި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑި ހުސްވުމުން، ބޭއްވި ބައި އިލެކްޝަންގައި ވާދަކުރައްވައި ދިއްގަރު ދާއިރާގެ މެންބަރުކަމަށް އިންތިޚާބުވެވަޑައިގެން، 2019 ވަނަ އަހަރުގެ މެއި މަހާއި ހަމައަށް ރައްޔިތުންނަށް ޚިދްމަތްކުރެއްވުންމަތީ މަޖިލީހުގައި ދެމިހުންނެވިއެވެ. ރައްޔިތުންގެ މަޖިލީހުގެ "ގައުމީ ތަރައްޤީގެ ކޮމިޓީ"ގައި މެންބަރެއްގެ ހައިސިޔަތުން މަސައްކަތް ކުރެއްވިއެވެ.
މީގެ އިތުރުން 2018 ވަނަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން 2019ގެ މެއި މަހާއި ހަމައަށް ޖުޑިޝަލް ސަރވިސް ކޮމިޝަނަށް މަޖިލީހުން ކަނޑައަޅާ މެންބަރުގެގޮތުގައި ވަފާތެރިކަމާއެކު ޚިދުމަތް ކުރެއްވިއެވެ.
ތިމާވެށީގެ މުހިންމު ދެ ޤާނޫން ކަމަށްވާ "ކާރިސާއާ ބެހޭ ކަންކަން ބެލެހެއްޓުމުގެ ޤާނޫން" އާއި "އޯޒޯން ފަށަލަ ޙިމާޔަތް ކުރުމަށް ފިޔަވަޅު އެޅުމާބެހޭ ޤާނޫން" ގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ފާރިސްއެވެ.
މީގެ އިތުރުން ސަރުކާރުން ބައެއް ޤާނޫނުތަކަށް ހުށަހެޅުއްވި ބައެއް އިޞްލާޙްތަކަކީ، ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދިވެހި ގައުމަށާއި ދިވެހި ރައްޔިތުންނަށް ގެއްލުން ވާގޮތަށް ހުށަހެޅުއްވި އިޞްލާޙްތަކެއް ކަމަށް ގަބޫލުކުރެއްވެވުނު ހިނދު، ފާރިސް ވަނީ، ރައްޔިތުންގެ ޙައްޤުގައި ޒިންމާ އުފުއްލަވައި ކެރުންތެރިކަމާއެކު އެ އިޞްލާޙްތަކަށް ފާޅުގާ ނޫނެކޭ ވިދާޅުވެ ދެކޮޅު ހައްދަވާފައެވެ. ރައްޔިތުންނަށް ގެއްލުން ވާނޭ ގޮތަށް ސަރުކާރުން ހުށަހެޅުއްވި އިޞްލާޙްތަކުގެތެރޭގައި ބިޑަކާ ނުލައި ރަށްތައް ދޫކުރުމާއި، ސުލްޙަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުން ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ އެއްވެއުޅުމުގެ މިނިވަންކަން ހަނިކުރުމަށްޓަކައި ހުށަހެޅި އިސްލާޙް ހިމެނެއެވެ. މި ދެ އިސްލާހަށް ވެސް ފާރިސް ވޯޓު ދެއްވާފައިވަނީ ދިވެހި ރައްޔިތުންގެ މަސްލަޙަތު އިސްކުރައްވައިގެން، ޕާޓީގެ ވިޕްލައިނާ ޚިލާފަށެވެ.
ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމަށާއި ނޫސްވެރިކަމުގެ މިނިވަންކަން ހަނި ކުރުމަށްޓަކައި، އަބުރު ރައްކާތެރިކުރުމުގެ ޤާނޫނުގެ 27ވަނަ މާއްދާއަށާއި 28ވަނީ މާއްދާއަށް ގެންނަން ސަރުކާރުން ހުށަހެޅި އިސްލާޙުތަކާއި، ޕަރމަނަންޓް ސެކްރެޓަރީންގެ މަޤާމަކީ މިނިސްޓަރުގެ ރުހުމާއެކު މީހުން އައްޔަނުކޮށް ވަކިކޮށް ހެދޭނޭ މަޤާމެއްކަމަށް ހެދުމުގެ ބާރު މިނިސްޓަރަށް ދިނުމަށް، ސިވިލް ސަރވިސްގެ ޤާނޫނަށް ހުށަހެޅުނު އިސްލާޙަށް ވެސް ފާޅުގައި ދެކޮޅު ހައްދަވާ އަޑު އުފުއްލަވައި، ވިޕް ލައިނާ ޚިލާފަށް ވޯޓު ދެއްވިއެވެ.
2017ވަނަ އަހަރު ހުށަހެޅުނު ރައްޔިތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމުގައި އެންމެ އިސް ދައުރު އަދާކުރެއްވީ ފާރިސްއެވެ.
ފާރިސްގެ މި އިސްލާޙީ މަސައްކަތްތަކުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމަށް އޮތް ސުޕަރ މެޖޯރިޓީ ގެއްލުނެވެ. މިކަންކަމުގައި ފާޅުގައި ފާރިސް އަޑު އުފުއްލެވުމުގެ ނަތީޖާއަކަށްވީ، ކުށެއް ކުރެއްވި ކަމުގެ ތަޙުޤީޤެއް ނުކޮށް ސާބިތު ނުހިފޭ މައްސަލައެއް އުފައްދައިގެން އެއްވެސް ހެއްކެއްނެތި 9 މަސް ދުވަހަށް ވުރެ ގިނަ ދުވަހު ޖަލުގައި ހޭދަކުރައްވަންޖެހިވަޑައިގަތުމެވެ.
ސިޔާސީ ތަޖުރިބާ
އަޙްމަދު ފާރިސް މައުމޫނަކީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރް.އެމް)ގެ ރައީސެވެ. މީގެ ކުރިން އުފެއްދި އަދި އޭރު، ރާއްޖޭގެ އެންމެ މަޤުބޫލު ދެ ޕާޓީ ކަމުގައިވާ، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީ.އާރު.ޕީ) އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީ.ޕީ.އެމް) އުފައްދަން ސޮއިކުރި މެންބަރުންގެ ތެރޭގައި ފާރިސް ހިމެނިވަޑައިގަންނަވައެވެ.
ޕީ.ޕީ.އެމް އުފެއްދުމަށް އެކުލަވާލެވުނު "ވާރކިންގ ގްރޫޕް"ގެ ޗެއަރގެ ގޮތުގައި ހަމަޖެއްސެވީ ފާރިސްއެވެ. އަދި 2011 ވަނަ އަހަރުގެ ސެޕްޓެމްބަރގައި ޕީ.ޕީ.އެމް އުފެއްދުމަށް އިލެކްޝަން ކޮމިޝަނުން މުއައްސިސްގެ ގޮތުގައި ހުއްދަ ދެއްވީ ވެސް ފާރިސްއަށެވެ. ފާރިސް ވަނީ ޕީ.ޕީ.އެމްގެ އިންތިޤާލީ އެގްޒެކެޓިވް ކައުންސިލުގެ އިތުރުން ޕީ.ޕީ.އެމްގެ ފުރަތަމަ ކޮންގްރެސް އިން ހޮވި އެގްޒެކެޓިވް ކައުންސިލް ފިރިހެން މެންބަރުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބިވަޑައިގެން ކައުންސިލް މެންބަރުކަން ކުރައްވާފައެވެ.
ރައީސް މައުމޫންގެ އިސްލާހީ އެޖެންޑާ އެކުލަވައިލުމުގައި ފާރިސް ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ. ދިވެހި ރާއްޖޭގައި އޮންނަން ފެންނަނީ ކޮން ކަހަލަ ނިޒާމެއްތޯ ބެލުމަށް ނެގި ރައްޔިތުންގެ ވޯޓުގައި ރިޔާސީ ނިޒާމެއް ކާމިޔާބުކުރުމަށް ޕާޓީގެ ފަރާތުން ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. ފާރިސްގެ ސިޔާސީ ތަޖުރިބާގެ ތެރޭގައި ރައީސް މައުމޫންގެ އިސްލާހީ އެޖެންޑާ އެކުލަވާލުމުގައި އަދާ ކުރެއްވި އިސް ދައުރާއި 2008 ގެ ރިޔާސީ އިންތިޚާބުގައި ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމްގެ ކެމްޕެއިން މެނޭޖަރުކަން ޚާއްޞަގޮތެއްގައި ފާހަގަ ކޮށްލެވެއެވެ.
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އަކީ ދިވެހިންގެ މެދުގައި މަޤްބޫލު ޕާޓީއަކަށް ހަދައި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ޢަބްދުލް ޤައްޔޫމަށް އިންތިޚާބު ކާމިޔާބު ކޮށްދެއްވުމަށް ވަފާތެރިކަމާއެކު ނުހަނު ގިނަގުނަ ބުރަ މަސައްކަތްތަކެއް ފާރިސް ވަނީ ކޮށްދެއްވާފައެވެ. އަދި 2014ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކޯލިޝަން ޕާޓީތަކުން ކާމިޔާބުކުރި 53 ގޮނޑީގެ ތެރެއިން 33 ގޮނޑި ޕީޕީއެމް އިން ކާމިޔާބު ކުރިއެވެ.
އަދި 2017ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި މެޖޯރިޓީ ލިބުނީ ޕީޕީއެމްގެ ކޯލިޝަނަށެވެ. އެހެން ނަމަވެސް، ޕީޕީއެމް އުފެއްދި މަޤްޞަދުތައް ބަދަލުވަމުން ބަދަލުވަމުން ގޮސް، ސަރުކާރުގެ ތެރެއިންނާއި ޕާޓީގެ އެތެރެއިން ކަންކަން ކަތިމަގުން ހިންގަން ފެށުމުން ކަންކަން އިސްލާޙް ކުރެއްވުމަށް ފެއްޓެވި މަސައްކަތުގެ ނަތީޖާއަކަށްވީ ޕާޓީއިން ފާރިސް ވަކިކުރުމެވެ.
މިހާރު ހިނގަމުންދާ ސަރުކާރު އިންތިޚާބުވެފައިވަނީ އޭރު އުފެދުނު ސިޔާސީ މަޝްރަހުގެ ތެރޭގައި "މައުމޫން ރިފޯރމް މޫވްމަންޓު"ގެ ނަމުގައި ކުރެވުނު މަސައްކަތްތަކުގެ ތެރެއިންނެވެ.
އެހެން ކަމުން ސަރުކާރު ހިންގާ ކޯލިޝަންގެ ބައިވެރިއަކަށްވާތީ، އެމް.އާރް.އެމްގެ ރައީސްގެ ހައިސިއްޔަތުން ސަރުކާރު ހިންގަމުންދާ ގޮތާމެދު އެމް.އެރާ.އެމްގެ ކަންބޮޑުވުންތައް ސަރުކާރާއި ފާރިސް ހިއްސާ ކުރެއްވިއެވެ. ހިއްސާކުރެއްވި ކަންބޮޑުވުންތަކުގެ ތެރޭގައި، ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް އުނިކަން އަތުވެދާނެ ކަމަށް ޤަބޫލުކުރެއްވޭ ކަންކަމާއި، ކޮރަޕްޝަނާއި ޖިނާޢީ ޢަދުލުގެ ނިޒާމުގައި ހުރި ބާގަނޑުތަކާއި ޝަރުޢީ ނިޒާމު ހިނގާގޮތާބެހޭގޮތުން ހުރި ކަންބޮޑުވުންތައް ސީދާ ރައީސުލްޖޫމްހޫރިއްޔާއާ ބައްދަލުކުރައްވައިގެންނާއި ލިޔުމުން ހިއްސާކުރެއްވިއެވެ.
އަދި ހަމަ މިއާއެކު، ރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަޙައްދު ކަނޑައެޅިގެން ދިޔަ ގޮތާ ބެހޭ ގޮތުން ޕާޓީގެ ކަންބޮޑުވުންތައް ފާޅުކުރައްވާފައިވެއެވެ.
އިޖްތިމާޢީ މަސައްކަތްތައް
އަޙްމަދު ފާރިސް މައުމޫން ގެންދަވަނީ 2009 ވަނަ އަހަރު ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް އުފައްދާފައިވާ "މައުމޫން ފައުންޑޭޝަން"ގެ ވައިސް ޗެއަރމަންގެ ހައިސިއްޔަތުން ފައުންޑޭޝަން ހިންގަވަމުންނެވެ. މި ފައުންޑޭޝަންގެ މަސައްކަތްތަކުގެ ތެރޭގައި ދިވެހި ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ،ދިވެހިންގެ ހިތްތަކުގައި އިސްލާމް ދީނަށް އޮންނަ ލޯބި އިތުރު ކުރުމާއި، ދިވެހިރާއްޖޭގައި ދީނީ ހޭލުންތެރިކަން ހަރުދަނާ ކުރުމާއި ތަޢްލީމީ އަދި ޞިއްޙީ ފެންވަރު އިތުރުކުރުމާއި، އިޖްތިމާޢީ ދުޅަހެޔޮކަމާއި ދެމެހެއްޓެނިވި ތަރައްޤީއާއި ތިމާވެށީގެ ރައްކާތެރިކަން ދެމެހެއްޓުމަށް ހޭލުންތެރިކުރުވުމާއި، ޖިންސީ ހަމަހަމަކަން ދެނެގަނެ ދެމެހެއްޓުމަށާއި، ކުދި ޤައުމުތަކުގެ ރައްކާތެރިކަން ކުރިއަރުވާ ދެމެހެއްޓުމަށް، އިސްލާމީ އުޞޫލުތަކާއި އަސާސްތަކާއި ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ހިލޭ ސާބަހަށް މަސައްކަތް ކުރުމެވެ.
ފައުންޑޭޝަންގެ ފަރާތުން ދިވެހި ދަރިވަރުންނަށް މަތީ ތައުލީމު ހާސިލުކުރުމުގެ މަގު ފަހިކޮށްދީ ގައުމަށް ބޭނުންވާ ދާއިރާތަކުން މީހުން ބިނާ ކުރުމަށް ގިނަގުނަ މަސައްކަތްތައް ވަނީ ކުރެވިފައިވެއެވެ. މިއިން ކޮންމެ މަސައްކަތެއްގައި ފާރިސްގެ ވިސްނުންފުޅާއި ފަންނީ ހުނަރަކީ ފައުންޑޭޝަން ހިންގުމުގައި ނުހަނު މުހިއްމު ދައުރެއް އަދާކުރާ ކަންކަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް