މަންދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް އިފްތިތާހުކޮށްފި

އދ. މަންދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް އިފްތިތާހްކޮށްފިއެވެ. މަންދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް އިފްތިތާހުކޮށްދެއްވީ، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފާއި، އައިކެއަރ ޕްރައިވެޓް ލިމިޓ...

31 Aug 2023 | 07:58

އދ. މަންދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް އިފްތިތާހްކޮށްފިއެވެ.

މަންދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް އިފްތިތާހުކޮށްދެއްވީ، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފާއި، އައިކެއަރ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަބުދުﷲ ޒާހިރު އަދި މަންދޫ ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް ހުސައިންއެވެ.

ސްޓެލްކޯއިން ބުނެފައިވާގޮތުގައި މި ނިޒާމަކީ މަންދޫގެ ކައުންސިލާއި 17 އޮގަސްޓް 2016 ގައި އައިކެއަރ ޕްރައިވެޓް ލިމިޓެޑާއި އެކު ވެވުނު ކޯޕަރޭޓް ސޯޝަލް ރެސްޕޮންޒިބިލިޓީ (ސީއެސްއާރު) އެގްރީމެންޓެއްގެ ދަށުން ގާއިމްކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމެކެވެ.

"މިއަދު ވަނީ މި ނިޒާމުގެ މަސައްކަތް އައިކެއަރ އިން ނިންމާ، މަންދޫ ކައުންސިލާއި ހަވާލުކޮށްފައި. އަދި މަންދޫ ކައުންސިލުން ވަނީ މި ހިދުމަތް އެ ރަށުގައި ދިނުމަށްޓަކައި ސްޓެލްކޯއާއި ހަވާލުކޮށްފައި" ސްޓެލްކޯއިން ބުނެފައިވެއެވެ.

މަންދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ސްޓެލްކޯއާއި ހަވާލުކުރި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް. އަދި މަންދޫ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ، މަންދޫ ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް ހުސައިންއެވެ.

އެއްބަސްވުމުގައި ސޮއެ ކުރެއްވުމަށްފަހު މަންދޫ ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް ހުސައިން ދެއްކެވި ވާހަކަފުޅުގައި ވަނީ ސަރުކާރުން ކުޑަރަށެއް ބޮޑުރަށެއް ނުބަލައި، ފެނާއި ނަރުދަމާގެ ހިދުމަތް ހުރިހާ ރަށަކަށް ދިނުމަށް ނިންމާ އެ މަސައްކަތް ކުރަމުންދަނީ އެއީ ރައްޔިތުންނަށް ބޭނުންވާ ވަރަށްވެސް ބޮޑު އަސާސީ ހިދުމަތަކަށް ވާތީ ކަމަށެވެ. އަދި އެ ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމް ނިންމާ، އެ ހިދުމަތްދޭން ފެށުނީ، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފްގެ ވަރަށް އިހުލާސްތެރި މަސައްކަތްތަކަކާއި އެކުގައި ކަމަށް ވިދާޅުވިއެވެ.

"މިރަށަށް. ސަރުކާރާއި، އެމްޑީ ޝަރީފް ގެންގުޅުއްވާ ގާތްކަމުގެ ސަބަބުން ލިބެމުން އަންނަ ކުރިއެރުމަށް ބަލާއިރުގައި، ކަރަންޓާއި ހަވާލުވެ، މި ރަށަށްވެސް މިއޮތީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯއްދަވައިދެއްވާފައި. އެއްކަމަކަށް މުޅި ރަށުގެ ކޭބަލް ނެޓްވޯކް މިވަނީ ބަދަލުކޮށްދެއްވާފައި. އެއާއެއްކޮށް ޕެނަލްބޯޑު ބަދަލުކޮށްދެއްވައިފި. އަދި އެއަށްވުރެ މާ މުހިއްމު ކަމެއް. ވަރަށް ގިނަ ފަރާތްތަކަކަށް ވަޒީފާގެ ފުރުސަތު ހޯއްދަވައިދެއްވައިފި. މިއީ އަޅުގަނޑުމެންގެ މިކުޑަކުޑަ އާއިލާއަށް ރަށަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް އެ ވަޒީފާ ތަކަކީވެސް" އިބްރާހިމް ހުސައިން ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވަނީ، އައިކެއަރ ޕްރައިވެޓް ލިމިޓެޑަށް ސަރުކާރާއި، ސްޓެލްކޯގެ ނަމުގައި ޝުކުރު އަދާކުރައްވާފައެވެ. އަދި މިފަދަ މަސައްކަތްތަކަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކާއި، ކުދި އާބާދީތަކަށް ތަރައްގީ ގެނެވޭނެ ނިޒާމަކީ ނުވަތަ ސިސްޓަމަކީ މިއީ ކަމަށް ވިދާޅުވިއެވެ. އެގޮތުން ހަމަ އެކަނި ސަރުކާރާއި، ސަރުކާރާއި ގުޅިފައިވާ ފަރާތްތަކަށް ލިބިފައިވާ ވަސީލަތްތައް ބޭނުންކޮށްގެން ތަރައްގީކުރަންޖެހޭ ވަރަށް ނުކުރެވިދާނެ ކަން ފާހަގަކުރެއްވިއެވެ.

"އެހެންވެގެން އަޅުގަނޑުމެން އަބަދުވެސް ޕްރައިވެޓް ސެކްޓާރއަށް ދައުވަތު އަރުވަން، އަދި މިކަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އަބަދުވެސް އަޅުގަނޑުމެން ދޮރު ހުޅުވާލާފައި ބާއްވަން" ޝަރީފް ވިދާޅުވިއެވެ.

އަދި ސްޓެލްކޯއާއި ހަމަޔަށް މި ޕްރޮޖެކްޓް އައި އިރު ރިކުއަރމަންޓަށް ވަރަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށާއި، މިވަގުތު ގާއިމްކޮށްފައިވާ ސިސްޓަމުގައި 10 ޓަނުގެ ދެ އާރޯ ޕްލާންޓާއި، 74 ޓަނުގެ ދެ ސްޓޯރޭޖް އެބަހުރިކަމަށާއި އަދި ހަވާލުވުމުގެ ކުރިން ކުރަންޖެހޭ ބައެއް ކަންކަން ހުރުމާއި އެކު ހަވާލުވުން ލަސްވިކަމަށާއި، އެހެން ނަމަވެސް، މިހާރު އެކަންކަން ހައްލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރައްޔިތުންނަށް ބޭނުންވާ މިންވަރު ނުވަތަ ރިކުއަރމަންޓަށް ބަލާއިރު ދުވާލަކަށް 35 ޓަނު ބޭނުންވާނެ ކަމަށް ބެލެވޭ ކަމަށާއި، އެހެން ނަމަވެސް މިވަގުތު ގާއިމްކޮށްފައިވާ ނިޒާމުން އުފެއްދެނީ 20 ޓަނު ކަމަށާއި އަދި އެހެން އެކަން އޮތް ނަމަވެސް، މި ހިދުމަތް ހުއްޓުމެއްނެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، ސަރުކާރާއި ކައުންސިލުން މި ހިދުމަތް ދިނުން ސްޓެލްކޯއާއި ހަވާލުކޮށްފައިވާތީ، ރައްޔިތުންނަށް ބޭނުންވާ މި ހިދުމަތް އިތުރަށް ފުޅާކޮށް، ހުއްޓުމެއްނެތި ދިނުމުގެ ޒިންމާ ސްޓެލްކޯއިން ނަގާނެ ކަމުގައި ޝަރީފް ވިދާޅުވިއެވެ.

•"އަޅުގަނޑުމެން ތިބޭފުޅުންނަށް މިދޭ ހިދުމަތް ހުއްޓުނަކަ ނުދޭނަން. ޔަގީން ކުރައްވާ. މިއީ އަޅުގަނޑުމެން ސްޓެލްކޯގެ މުވައްޒަފުން މަންދޫގެ ރައްޔިތުންނަށް ވާ ވައުދެއް. އަދި ކޮންމެ ރަށެއްގައިވެސް މިފަދަ ހިދުމަތްތައް ފަށާއިރުގައި ކޮންމެ ރަށަކަށްވެސް އަޅުގަނޑުމެން ހަދިޔާއެއްދެން. އެގޮތުން ކޮންމެ ކަނެކްޝަނަކަށް، ކޮންމެ ކޮންޒިއުމާއަކަށް، އަޅުގަނޑުމެން 1 ޓަނުފެން ހިލޭ މިއަދުން ފެށިގެން ދޭނަން" އެމްޑީ ޝަރީފް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް