އަނެއްކާވެސް ބޮޑު ސްކޭމެއް – އެތައް ބައެއްގެ އަތުން 56 މިލިޔަނަށްވުރެ ގިނަ ރުފިޔާ !

ރާއްޖޭގައި އަނެއްކާވެސް ބޮޑު ސްކޭމެއް ކަމަށް ބެލެވޭ މުއާމަލާތްތަކެއް ފެންމަތިވެއްޖެއެވެ. ދިވެހި ރުފިޔާއިން ބަލާނަމަ 56 މިލިޔަނަށްވުރެ ބޮޑުވާނެކަމަށް ބެލެވޭ މި މުއާމަލާތްތަކަކީ ބޭރުން މުދާ ގެނެސް އެ ވި...

31 Aug 2023 | 07:24

ރާއްޖޭގައި އަނެއްކާވެސް ބޮޑު ސްކޭމެއް ކަމަށް ބެލެވޭ މުއާމަލާތްތަކެއް ފެންމަތިވެއްޖެއެވެ. ދިވެހި ރުފިޔާއިން ބަލާނަމަ 56 މިލިޔަނަށްވުރެ ބޮޑުވާނެކަމަށް ބެލެވޭ މި މުއާމަލާތްތަކަކީ ބޭރުން މުދާ ގެނެސް އެ ވިއްކައިގެން ލިބޭ ފައިދާ ހޯދާދޭކަމަށްބުނެގެންނާއި ޑޮލަރުގެ މުއާމަލާތްތަކެއް ހިންގާކަމަށްބުނެ ހިންގި މުއާމަލާތްތަކެކެވެ.

ދުވަހަށް މިކަމާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރި ފަރާތްތަކުން ހިއްސާކުރި މައުލޫމާތާއި ދުވަހުން ހޯދި ހޯދުންތަކަށް ބަލާއިރު މި މުއާމަލާތްތައް ހިންގަމުން ގެންދިޔައީ ތިން ވިޔަފާރިއެއްގެ ނަމުގައެވެ. އެއީ "ފެއަރ ވިއު ޕްރައިވެޓް ލިމިޓެޑް، ބިކް ބްލޮކްސް، އަދި ސީކްރެސްޓް ޕްރައިވެޓް ލިމިޓެޑް"ގެ ނަމުގައެވެ.

މަކަރާއި ހީލަތުން ފައިސާ ހޯދުމުގައި މައިގަނޑު ދެގޮތެއް ބޭނުންކުރި:

  1. މުދާ އެތެރެކޮށް ވިއްކާ އޭގެ ފައިދާ ހޯދަދެނީ ކަމަށްބުނެ:

މި މުއާމަލާތްތަކުގައި މަކަރާއި ހީލަތުން ފައިސާ ހޯދަން ބޭނުންކުރި އެއް ގޮތަކީ އެ ކުންފުނިތަކުގެ ނަމުގައި ސީ ފްރައިޓް އަދި އެއާފްރައިޓް މުދާ އެތެރެކުރަނީކަމަށްބުނެ މުދަލުގެ ތަފްސީލާއެކު އެ މުދަލަކަށް އިންވެސްޓް ކުރެވިދާނެ އަދަދާއި 30 ނުވަތަ 40 ދުވަސް ތެރޭގައި ފައިދާގެ ގޮތުގައި ލިބޭނެ އަދަދުވެސް ކަސްޓަމަރުންނާ ހިއްސާކޮށް ކޮންމެ ކަސްޓަމަރަކާއެކު ކޮންމެ މުދަލަކަށް ނުވަތަ ބެޗަކަށްވެސް ވަކި އެގްރީމަންޓްތަކެއް ހަދާ އެ ފައިސާ ހޯދުމެވެ.

މިގޮތަށް ކުރިއަށްގެންދިޔަ ފުރަތަމަކޮޅުގައި ބަރާބަރަށް ފައިދާއަށް ވާ ބައިވެސް ދެމުން އައިކަން މި މުއާމަލާތްތަކުން ލަނޑު ލިބުނު ފަރާތްތަކުން ބުންޏެވެ. އެ ފަރާތްތަކުން ބުނީ ބަރާ ބަރަށް ފައިދާ ދެމުން ދެމުން ގޮސް ހުއްޓުމެއް އައީ މި އަހަރުގެ އޭޕްރީލް-މެއި ހިސާބުގައި ކަމަށެވެ.

2. ހެޔޮ އަގުގައި ޑޮލަރު ލިބިފައިވާކަމަށްބުނެ:

މި މުއާމަލާތްތަކުގައި މަކަރާއި ހީލަތުން ފައިސާ ހޯދަން ބޭނުންކުރި އަނެއް ގޮތަކީ ބާޒާރުން ލިބޭ އަގަށްވުރެ މާ ހެޔޮ ރޭޓެއްގައި ބޮޑެތި އަދަދުތަކުން ޑޮލަރު ލިބިފައިވާކަމަށާ ޑޮލަރު ވިއްކައިގެން ލިބޭ ފައިދާ ވަގުތުން ދޭނެކަމަށްބުނެ ހިންގި މުއާމަލާތްތަކެވެ.

މި މުއާމަލާތްތަކުން ލަނޑު ލިބުނު ފަރާތްތަކުން ބުނި ގޮތުގައި މި މުއާމަލާތްތަކުގައިވެސް ފުރަތަމަ ކޮޅު ބަރާބަރަށް ފައިދާ ފައިދާ ދެމުން ދިޔައެވެ. އެ ފަރާތްތަކަށް ވެސް ފައިސާ ނުލިބެން ފެށީ ހަމަ އޭޕްރީލް މެއި ހިސާބުގައި ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

ތިން ވިޔަފާރީގެ ފަހަތުގައި ތިން ފަރާތެއް:

ދުވަހުން ބެލި ބެލުމުންނާއި މި މުއާމަލާތްތަކުން ލަނޑު ލިބުނު ފަރާތްތަކުން ހިއްސާކުރި މައުލޫމާތުތަކުން އެނގޭގޮތުގައި މި ކަންތައްގަނޑުގެ ފަހަތުގައި ތިބީ މައިގަނޑު ގޮތެއްގައި ދެމީހެކެވެ. އަދި އެއިން އެކެއްގެ އަންހެނުން އެގްރީމަންޓްތައް ހެދުމާއި ލިޔެކިޔުންތައް ބެލެހެއްޓުމުގައި އުޅުނު ކަމަށް އެމީހުން މައުލޫމާތު ދިނެވެ.

މަކަރާއި ހީލަތުގެ ކަމެއްކަމަށް ބެލެވޭ މި މުއާމަލާތްތަކުގެ ފަހަތުގައި ތިބި ކަމަށް ވަނީ ށ. ފޭދޫ، ފްރެޝްހާޓް، ހުސެއިން އިޔާޒް އަހްމަދު އަދި ގއ. ދާންދޫ މަތަރެސް މާގެ، ރަމީޒް އަލީ ނަމަކަށް ކިޔާ ކިޔާ މީހެކެވެ. މި ދެމީހުންނަކީ އެ ތިން ވިޔަފާރީގެ ތެރެއިން ފެއަރ ވިއު ޕްރައިވެޓް ލިމިޓެޑްގެ ދެ ހިއްސާދާރުންނެވެ.

މި މުއާމަލާތްތަކުގައި ގާތްގަނޑަކަށް 70 އަށްވުރެ ގިނަ މީހަކަށް ލަނޑުލިބިފައިވާކަން އެ ފަރާތްތަކަށްވެސް އެނގުނީ ފައިސާ ހޯދަން މި ދެމީހުންގެ ފަހަތުން އެކި މީހުން އުޅުމުގެ ތެރޭގައި އެކަކު އަނެކަކަށް ދިމާވެ، އެފަރާތްތަކަށް ލިބުނު ގެއްލުމުގެ މައުލޫމާތު ހިއްސާކުރުމުންނެވެ. އެގޮތުން ދުވަސް ނޫހާ މި މައޫމާތުތައް ހިއްސާކުރަން ބައްދަލުކުރި މީހުންގެ ތެރޭގައިވެސް ގާތްގަނޑަކަށް 15 މީހަކު ހިމެނޭއިރު އެ ފަރާތްކުން ބުނި ގޮތުގައި މި މުއާމަލާތްތަކުގައި އިސްކޮށް ހުރި އިޔާޒް މިހާރު ގޮސް ހުރީ އޭނާގެ ރަށުގައެވެ. އަދި މިހާރު ގުޅުމުން ފޯނުވެސް ނުނަގާ ކަމަށާއި އުޅެނީ ފިލައިގެން ކަމަށް ބުންޏެވެ.

އެ ފަރާތްތަކުން މިހާރު އަންނަނީ އިޔާޒް އަދި ރަމީޒްއާއި ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅުމަށް ތައްޔާރުވަމުންނެވެ. އެއީ ގިނަ މުއާމަލާތްތަކަކީ އެގްރީމަންޓްވެސް ހަދައިގެން ހިންގި މުއާމަލާތްތަކަށްވެފައި އެގްރީމަންޓްތައް ހިމެނޭ މައްސަލައެއް ފުލުހުންނަށް ހުށަހެޅުމަށްވުރެ ކޯޓަށް ހުށަހަޅައިގެން ކުރިއަށްގެންދަން ފެންނާތީ ކަމަށް އެ ފަރާތްތަކުން ބުންޏެވެ. އަދި މި މުއާމަލާތްތަކުގައި ލަނޑު ލިބުނު ގިނަ ފަރާތްތަކަކީ އޭވިއޭޝަން ދާއިރާ ފަދަ ބޮޑެތި މުސާރަތައް ލިބޭ ފަރާތްތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހިންގާ ފަރާތްތައް ކަމުގައިވެސް މައުލޫމާތު ހިއްސާކުރި ފަރާތްތަކުން ބުންޏެވެ.

މި މުއާމަލާތްތަކާއި ގުޅޭގޮތުން އިޔާޒް އަދި ރަމީޒްގެ ބަހެއް ހޯދާލަން ދުވަހުން ކުރި މަސައްކަތަށް އިޔާޒްގެ ފަރާތުން ބަހެއް ނުލިބުނު ނަމަވެސް ރަމީޒްގެ ބަހެއް އަދި ރަމީޒްގެ ފަރާތުން ކަނޑައެޅި ގާނޫނީ ވަކީލެއްގެ ބަސް ލިބިގެން ދިޔައެވެ.

އެގޮތުން މިކަމާއި ގުޅޭގޮތުން ދުވަހަށް މައުލޫމާތު ހިއްސާކުރަމުން ރަމީޒްގެ ވަކީލުގެ ފަރާތުން ބުނީ އަސްލު ރަމީޒަކީވެސް ވިކްޓިމެއް ކަމަށާއި އޭނާއަށްވެސް ލިބުނީ ބޮޑު ލަނޑެއް ކަމަށެވެ. އޭނާއަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބި ރަހުމަތްތެރިންނާއި އާއިލާ މެންބަރުންގެ މެދުގައި އިތުބާރު ގެއްލި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ ރަމީޒްގެ ފަރާތުން ކޯޓަށާއި ޕޮލިހަށް މައްސަލަތަކެއް ހުށަހަޅާފައިވާނެ ކަމަށެވެ.

ރަމީޒްގެ ފަރާތުން ބުނީ އިޔާޒަކީ ކުރިން ވަރަށް ގާތް ރަހުމަތްތެރިއެއް ނަމަވެސް ފައިސާ މުއާމަލާތްތަކުގައި މައްސަލަ ޖެހެން ފެށި ހިސާބުން ގުޅުން ހީނަރުވެ މިހާރު ގުޅުންވެސް ނެތް ކަމަށެވެ. އަދި ދެމީހުންގެ ނަމުގައި އޮތް ކުންފުންޏަކުން ވިޔަފާރި ކުރިއަށްގެންދިޔަނަމަވެސް ފައިސާ މެނޭޖް ކުރަމުން ދިޔައީ އިޔާޒް އާއި އޭނާގެ ގާތް މީހަކާއެކުގައި އޮންނަ ޖޮއިންޓް އެކައުންޓެއްގައި ކަމުން ފައިސާއަށް ހެދި ގޮތެއް އެނގޭނީ ހަމައެކަނި އިޔާޒަށްކަމަށް ރަމީޒްގެ ވަކީލު ބުންޏެވެ.

އިޔާޒް ބުނަނީ ޑޮލަރު މުއާމަލާތެއްގައި ހުރިހާ ފައިސާއެއް ގެއްލުނީ ކަމަށް !

ދުވަހަށް މައުލޫމާތު ހިއްސާކުރި މި މުއާމަލާތްތަކުން ލަނޑު ލިބުނު މީހުން ބުނާގޮތުގައި އިޔާޒް މިހާރު ދައްކާ ބަހަނާއަކީ 56 މިލިޔަނެއްހާ ރުފިޔާ ޑޮލަރު ގަންނަން ކުރިއަށްގެންދިޔަ މުއާމަލާތެއްގައި ގެއްލުނީ ކަމަށެވެ. އަދި ޑޮލަރު ޑީލް ހެދީ ކާކާކަންވެސް އޭނާގެ ނަންވެސް ފޮޓޯއެއްހާ ހިސާބުވެސް އިޔާޒަށް ނޭނގޭކަމަށް އިޔާޒް ބުނާކަމަށްވެސް އެ ފަރާތްތަކުން ބުންޏެވެ.

މި މުއާމަލާތްތަކުގައި ލަނޑު ލިބުނު ފަރާތްތަކުގެ ތެރޭގައި ގިނައީ އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ، ރަނގަޅު އާމްދަނީއެއް ލިބޭ ފަރާތްތަކާއި ކުދި އަދި މެދުފަންތީގެ ބައެއް ވިޔަފާރިތައް ހިންގާ ފަރާތްތަކެވެ.

އެ ފަރާތްތަކުން ބުނި ގޮތުގައި އިޔާޒް އަދި ރަމީޒްގެ ކުންފުނީގެ އެ ވިޔަފާރީގެ މުއާމަލާތްތަކަށް އިންވެސްޓް ކުރުމުގެ ކުރިއަށް އިޔާޒް އަދި ރަމީޒްގެ ކުށުގެ ރެކޯޑު ފަދަ އަދި މީގެ ކުރިން މިފަދަ ކަމެއްގައި މި ދެމީހުންގެ ގޯސް އަޑެއް އަރާފައި އޮތްތޯވެސް ބެލި ކަމަށެވެ. އަދި މާލޭގައި އޮފީހަކާއި ގުދަނެއްވެސް ކުރިން ހިންގާ އެ އޮފީހާއި ގުދަންވެސް ބައެއް ފަރާތްތަކަށް ދައްކާ އިތުބާރާއި ޔަގީންކަން ހޯދި ކަމަށެވެ.

އެ ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އިޔާޒް ވަނީ މާލެއިން ބައެއް އަގުބޮޑު އެޕާޓްމެންޓްތައްވެސް ގަނެފައެވެ. އަދި ހަތް ނުވައެއް ހިމެނޭ އުރީދޫގެ ނަމްބަރެއްވެސް ބޮޑު އަގުގައި ގަނެފައެވެ. މީގެ އިތުރުން ކާރާއި ސައިކަލާއި ގަނެ ލަގްޒަރީ ލައިފްސްޓައިލެއް ހިޔާރުކޮށްފައެވެ. އަދި މި މުއާމަލާތްތަކާއި ނަހަމަ ފައިސާ ލިބިގަތުމުގައި އިޔާޒްގެ އަންހެނުންގެ ބައިވެރިވުން އޮތް ކަމަށްވެސް އެ ފަރާތްތަކުން ގަބޫލު ކުރެއެވެ. އަދި އިޔާޒްގެ އަންހެނުން ދާދި ފަހުން އޭނާ ނިސްބަތްވާ ރަށުގެ ކައުންސިލުގެ ފިނޭންސް އޮފިސަރަކަށް ހަމަޖެއްސުމަކީވެސް އެ ފަރާތްތަކުގެ ކަންބޮޑުވުމެކެވެ.

މި މުއާމަލާތްތަކުގައި ލަނޑު ލިބުނު ފަރާތްތަކުން ގުޅިގެން އެ ފަރާތްތަކުން ގެއްލުނު ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު މިކަމުގައި އިޔާޒްގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބޭކަން އެ ފަރާތްތަކުން ފާހަގަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް