އާޓް އަދި ޓެކްސީ ލޯނު އިފްތިތާހު ކޮށްފި، އާދީއްތައިން ފެށިގެން ލޯނަށް އެދެވޭނެ

އެސްއެމްއީ ޑިވިލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ ފަރާތުން ކްރިއޭޓިވް އާޓް ލޯނާއި ޓެކްސީ ލޯނު އިފްތިތާހު ކޮށްފިއެވެ. އެކަމަށްޓަކައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި ދެ ލޯނު އިފްތިތ...

31 Aug 2023 | 06:24

އެސްއެމްއީ ޑިވިލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ ފަރާތުން ކްރިއޭޓިވް އާޓް ލޯނާއި ޓެކްސީ ލޯނު އިފްތިތާހު ކޮށްފިއެވެ.

އެކަމަށްޓަކައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި ދެ ލޯނު އިފްތިތާހު ކޮށްދެއްވަމުން އެ ކުންފުނީގެ ޗީފް އޮޕަރޭޓިންގް އޮފިސަރ ނާޒިމް ހަބީބު ވިދާޅުވީ، އާދީއްތަ ދުވަހުން ފެށިގެން ލޯނަށް އެދި ހުށަހެޅޭނެ ކަމަށެވެ. އަދި ލޯނާބެހޭ އިތުރު މައުލޫމާތުވެސް އާދީއްތަ ދުވަހުން ފެށިގެން ވެބްސައިޓުން ފެންނާނެ ގޮތަށް ސައިޓް އަޕްޑޭޓް ކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ.

ކްރިއޭޓިވް އާޓިސްޓުންނަށް ހާއްސަކޮށް ތައާރަފު ކުރާ ލޯނުގެ ބޭނުމަކީ އެ ބޭފުޅުން މިހާރުވެސް ކުރާ މަސައްކަތް އިތުރު ހަރުފަތަކަށް ގެންދިއުމަށް މަގުފަހި ކުރުން ކަމަށް ނާޒިމް ވިދާޅުވިއެވެ.

މއިއީ މީގެ ދެ އަހަރު ކުރަން ފެށުނު މަސައްކަތުގެ ނަތީޖާ އެއް ކަމަށާއި، އެކަމަށްޓަކައި ވަރަށް ގިނަ ބައްދަލުވުންތަކެއް ބޭއްވި، އާޓިސްޓުންގެ ކަންބޮޑުވުންތައް އަޑުއަހާފައި ވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މި ލޯނަށް ކުރިމަތި ލެވޭނީ މިނިސްޓްރީ އޮފް އާޓްސް އެންޑް ކަލްޗަރގައި އާޓިސްޓެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ އާޓިސްޓުންނަށެވެ. އަދި އެ ފަރާތްތަކަކީ  އެ ދާއިރާއެއްގައި މަސައްކަތް ކުރާތާ މަދުވެގެން އަހަރު ފުރިފައިވާ މީހަކަށް ވާން ޖެހެއެވެ. އެގޮތުން މި ލޯނަށް ކުރިމަތި ލެވޭނެ އާޓިސްޓުންނަކީ:-

  • މިއުޒިކް އިންސްޓަރަކްޓަރުން
  • މިއުޒިޝަނުން
  • ފޮތް ލިޔާ މީހުން
  • ކުރަހާ މީހުން
  • އެނިމޭޓަރުންނާއި ޑިޒައިނަރުން
  • ލަވަކިޔާމީހުން

މި ލޯނުގެ ލިމިޓަކީ މަދުވެގެން 50،000 ރުފިޔާ އަދި ގިނަވެގެން 250،000 ރުފިޔާއެވެ. އިންޓްރަސްޓް ރޭޓް 8-6 އިންސައްތަ ހިމެނޭ މި ލޯނަކީ ހަ މަހުގެ ގްރޭސް ޕީރިއަޑަކާއެކު ފަސް އަހަރުގެ މުއްދަތަކަށް ދޫކުރެވޭ ލޯނެކެވ.

އެ މަސައްކަތް ކުރާ ކަމަށް ވެރިފައި ކުރެވޭ މީހަކަށް ނަމަ މަދުވެގެން ނެގޭ އަދަދަށް އެލިޖިބަލް ވާނެއެވެ.

ޓެކްސީތަކުގައި މަސައްކަތް ކުރާ މީހުންނަށް ހާއްސަކޮށްގެން ތައާރަފު ކުރި ލޯނަކީ ޓެކްސީ ޑްރައިވަރުންނަށް ދިމާވާ ދަތިތަކަށް ތަސައްލީއެއް ހޯދައިދިނުމަށް ހުޅުވާލި ލޯނެއް ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި ލޯނުގެ މަސައްކަތް ފަށައިގަތް އިރު މިކަމަށް ޑިމާންޑް އޮތް މިންވަރު އެނގިގެން ދިޔަ ކަމަށް ނާޒިމް ފާހަގަ ކުރެއްވިއެވެ.

ބައެއް ޓެކްސީތައް މިހާރު ބާވެފައިވީ ނަމަވެސް ހަރަދުތައް ހުންނަ ގޮތުން ޓެކްސީ ބަދަލު ކުރަން ބައެއް މީހުންނަށް ދަތިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. މި ލޯނު ދޫކުރާނީ ދެ ކެޓަގަރީއަކަށެވެ. އެއީ"-

  • މިހާރު ހުރި ޓެކްސީ ރިޕްލޭސް ކުރަން
  • ޓެކްސީ ކުރާ، މިހާރު ކާރެއް ނެތް ފަރާތްތަކަށް ޓެކްސީ ފޯރުކޮށްދިނުން

މި ލޯނުގެ ދަށުން ބަދަލު ކުރެވޭނީ 10 އަހަރު ވެފަ ހުރި ޓެކްސީތަކެވެ. އަދި ޓެކްސީ ލައިސަންސް އޮވެގެން އެއް އަހަރު ވަންދެން ޓެކްސީ ކޮށްފައި އޮތްކަން ޔަގީން ކޮށްދެވޭ ނަމަ އެމީހަކަށް ވެސް ލޯނު ލިބޭނެ ކަމަށް އެސްޑީއެފްސީއިން މައުލޫމާތު ދެއެވެ.

މި ލޯނުގައި ނެގޭނީ ގިނަވެގެން 300،000 ރުފިޔާއެވެ. އިންޓްރަސްޓް ރޭޓް 6-8 އިންސައްތައިގައި ހުންނަ މި ލޯނުގެ އެހީގައި ގަންނަ ޓެކްސީ މޯގޭޖް ކުރާނީ އެސްޑީއެފްސީއިންނެވެ. މި ލޯނު ދޫކުރާނީ ހަ މަހުގެ ގްރޭސް ޕީރިއަޑަކާއެކު ފަސް އަހަރު ދުވަހަށެވެ.

އެސްޑީއެފްސީއިން ބުނީ، އެހެން ބޭންކެއްގައި ލޯނު ނަގައިފައި އޮތް ނަމަވެސް މި ލޯނަށް ކުރިމަތި ލެވޭނެ ކަމަށެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް