ފަޔާ ޓްރަކް ހަލާކުވެފައި އޮތުމުން ހޯރަފުށީ އެއާޕޯޓަށް އުދުހެމުން ދިޔަ މޯލްޑިވިއަންގެ ފްލައިޓުގެ ދަތުރު ކެންސަލް ކޮށްފި އެވެ.
އައިލެންޑް އޭވިއޭޝަނުން ބުނީ، އެ ރަށަށް ކުރަން އޮތް ދަތުރު ކެންސަލް ކުރަން ޖެހުނީ އެ އެއާޕޯޓުގެ ފަޔާ ޓްރަކް ހަލާކުވެފައި އޮތުމުން ކަމަށެވެ. އެއާޕޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ ހާލަތުގައި، އަލިފާން ނިއްވޭނެ ނިޒާމުތައް ގާއިމުވެފައި ހުންނަން ޖެހޭނެ ކަމަށް ގަވައިދު ބުނާ ކަމަށް މައުލޫމާތުދެ އެވެ.
މިއަދު ހޯރަފުއްޓަށް ދަތުރު ކުރި ފްލައިޓުގައި ގިނަ ފަސިންޖަރުންތަކެއްވެސް ތިއްބެވެ. ދަތުރުގެ މެދުތެރެއިން ފްލައިޓު އަނބުރާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އައުމުން ފަސިންޖަރުން ތިބީ ހިތްހަމަ ނުޖެހިފައި ކަމަށްވެ އެވެ.
އައިލެންޑް އޭވިއޭޝަނުން ބުނީ އެ އެއާޕޯޓަށް އަލުން ދަތުރުތައް ފަށާނީ ފަޔާ ޓްރަކް މައްސަލަ ހައްލުވުމުން ކަމަށެވެ. އެ އެއާޕޯޓަށް މިއަދު ދަތުރުކުރަން ހަމަޖެހިފައި ތިބި ފަސިންޖަރުންގެ ދަތުރު މިހާރު ތާވަލު ކޮށްފައި ވަނީ މާދަމާއަށެވެ.
އެ ރަށުގެ އެއާޕޯޓުގެ ފަޔާ ޓްރަކް ހަލާކުވިއިރު، މީގެ ހަފުތާއެއް ކުރިން އެ ރަށުގައި ފަޔާ ފައިޓަރުން ތަމްރީނު ކުރާނެ ފަޔާ ސިމިއުލޭޓަރު ވަނީ ގާއިމުކޮށްފަ އެވެ.
މިއީ މި ސަރުކާރުން ވެރިކަމާއި ހަވާލުވި ފަހުން ސަރުކާރު ހަރަދުގައި ހެދި އެއާޕޯޓެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް