ކ. ގާފަރު ފަރަށް އަރައި އަޑިއަށް ދިޔަ ލަންދޫ ބޯޓުން ތަކެތި އޮޔާދާތީ ސަމާލުވާން އަންގައިފި އެވެ.
އެ ބޯޓު އަޑިއަށް ދިޔައީ މާލެއިން ފުރައިގެން ނ. ލަންދޫއަށް ބޯޓު ދަތުރު ކުރަނިކޮށެވެ.
ފުލުހުން ބުނީ ގާފަރު ފަރުގެ އުތުރުން ދަތުރުކުރަމުން ދިޔަ ބޯޓެއް އަޑިއަށް ގޮސް އެ ބޯޓުގައި ހުރި މުދަލާއި ލަކުޑި ފަދަ ތަކެތި އޮޔާ ދާތީ، އެ ސަރަހައްދުން ދަތުރު ކުރުމުގައި ސަމާލުވުމަށް އެދޭ ކަމަށެވެ.
އޮޔާދާ ތަކެތީގެ ތެރޭގައި ގޭސްފުޅިވެސް ހިމެނެ އެވެ. އެ ބޯޓަށް އެހީވުމުގެ ގޮތުން އަމިއްލަ މީހެއްގެ ދޯންޏަކުން ދަނީ އެ ފުޅިތައް ކަނޑުމަތިން ނަގައިދެމުންނެވެ.
އެ ބޯޓުން30 މީހުން ދަތުރުކުރި އެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެނަކާއި ދެ ބިދޭސީންގެ އިތުރުން ދިވެހި ފިރިހެނުންނެވެ.
ހާލުގައި ޖެހުނު އެންމެން ގާފަރު ރައްޔިތުން ވަނީ އެ ރަށަށް ގެންގޮސްފަ އެވެ. އަދި އެމީހުންނަށް ހުންނާނެ ތަންވެސް ވަނީ ހަމަޖައްސައިދީފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް