އޯލެވެލް އަށް އަމިއްލަ އިމްތިހާނެއް ހެދުމާއި ގުޅޭ މަޝްވަރާއެއް ކުރިޔަސް ގޮތެއް ނުނިންމާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އަމިއްލަ އިމްތިހާނެއް ހެދުމާއި ގުޅޭގޮތުން ވާހަކަ ދެއްކެވީ މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެވެ. މިނިސްޓަރު ވިދާޅުވީ އޯ ލެވެލް އަދި އޭ ލެވެލްއަށް ރާއްޖޭގެ އަމިއްލަ އިމްތިހާނެއް ބާއްވަން ބޭނުންވާ ކަމަށެވެ.
މިވާހަކަ އާއި ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިނިސްޓަރު ދެއްކެވީ އަމިއްލަ ފުޅު ހިޔާލަށް ދެއްކެވި ވާހަކައެއް ކަމަށެވެ. އޭނާ ވިދާޅުވީ އެފަދަ މަޝްވަރާއެއް އެ މިނިސްޓްރީގެ އެކްސްކޯ ލެވެލްގައި ކުރެވުނު ކަމަށެވެ.
އެކަމަކު މިނިސްޓްރީން އެކަމާއި ގުޅޭގޮތުން އެއްވެސް ނިންމުމެއް ނިންމާފައި ނުވާނެ ކަމަށެވެ.
މިއަދު ގެ ޖަލްސާގައި މިނިސްޓަރު ވިދާޅުވީ އަމިއްަލަ އޯލެވެލް އިމްތިހާނެއް ހަދަން ފެށިއްޖެ ނަމަ ދިވެހިރާއްޖެއާ ގުޅޭ، ކޮންޓެކްސްޓް ރިލަވަންޓް ޕޭޕަރުތަކެއް ފަރުމާ ކުރެވޭނެ ކަމަށެވެ. އަދި އެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި އުންމީދަކީ އެކަން އެގޮތަށް ހާސިލްވުން ކަމަށެވެ.
ރާއްޖޭގައި އޯ ލެވެލް ހަދަނީ ކެމްބްރިޖު އިމްތިހާނެވެ. އޭ ލެވެލްގައި ހަދަނީ އެޑެކްސެލެވެ. އެކަމަކު މިނިސްޓްރީން ވަނީ އަންނަ އަހަރުން ފެށިގެން އޭ ލެވެލްއަށް ވެސް ކެމްބްރިޖު އިމްތިހާނު ދޭން ނިންމައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް