ފައުޖެއް އުފައްދާ ސައިޒު ކުރަންވީ ރާއްޖޭގައި ތިބި ލާދީނީ ޝައިތޯނުން ކަމަށް އިސްލާމް ދީނުގެ އިލްމު ފެތުރުމުގައި ހަރަކާތްތެރިވާ އަލީ ރަމީޒު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ ހަރުކަށި ފިކުރާއި ދެކޮޅަށް ފައުޖެއް އުފައްދަން ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހެޅުމުންނެވެ. މި ގަރާރު ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދެވެ.
އޭނާ ހުށަހެޅުއްވި ގަރާރުގައި ވިދާޅުވެފައިވަނީ ހާއްސަ ފައުޖެއް އުފައްދައި ދީނީ ތައުލީމް ދޭ ތަންތަނާއި މިސްކިތްތައް ބަލަހައްޓަން ޖެހޭ ކަމަށެވެ. ދީނުގެ ނަމުގައި ހައްދުފަހަނަޅާފައިވާ އަދި މީހުން މަރަން ފަސް ނުޖެހޭ 1400 އަށް ވުރެ ގިނަ މީހުން ތިބި ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވެފައިވާ ކަމަށެވެ.
މިކަމާއި ގުޅިގެން އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބޮޑު ވައިޖެއް ނުކުމެ ސައިޒު ކުރަންވީ މިގައުމުގައި ތިބި ހުރިހާ ލައިދާނީ ޝައިތޯނުންތައް ކަމަށެވެ.
ވަހީދު ގެ ގަރާރުގައި އިތުރަށް ވިދާޅުވެފައިވަނީ ހަރުކަށި ފިކުރުގެ މީހުން ފަރާތުން ސަލާމަތްވުމަށް ފުލުހުންނާއި ސިފައިން އަދި ސަލާމަތީ ކަންކަމާއި ތަންފީޒީ ކަންކަން ހިންގުމުގެ މަސްއޫލިއްޔަތު އޮތް އިދާރާތަކުގެ މައްޗަށް އެކުލެވޭ ކޮމާންޑެއްގެ ދަށުން އެކުލެވޭ ހާއްސަ ފައުޖެއް އުފެއްދުމަށާއި ނުރައްކާތަކަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމަށް މިސްކިތްތަކާއި ތައުލީމް ދޭ ތަންތަން ބަލަހައްޓަން ފަށަން ޖެހޭ ކަމަށެއެވެ.
އޭގެ އިތުރުން އިސްލާމިކް މިނިސްޓްރީއާ ގުޅިގެން ދީނީ ތައުލީމް ދިނުމާއި ނަސޭހަތް ދިނުމުގެ ކަންކަން ހިނގަނީ އިސްލާމީ ދުނިޔޭގެ މަޝްހޫރު ބޮޑެތި ގިނަ އިލްމުވެރިން އިއްތިފާގުވާ މެދުމިނުގެ އިންތިތަކުގެ ތެރޭގައިކަން ކަށަވަރުކުރަން ޖެހޭ ކަމަށް ވެސް އެ ގަރާރުގައި ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް