ރޭސިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ

ރާއްޖޭގައި މޮޓޯ ސްޕޯޓްސް ކުރިއެރުވުމުގެ އަޒުމުގައި އުފައްދާ ހަރަކާތްތެރިވަމުން އަންނަ ރޭސިން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް ގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ވެއްޖެއެވެ. މިކަމުގެ އެއްބަސްވުމ...

31 Aug 2022 | 05:11

ރާއްޖޭގައި މޮޓޯ ސްޕޯޓްސް ކުރިއެރުވުމުގެ އަޒުމުގައި އުފައްދާ ހަރަކާތްތެރިވަމުން އަންނަ ރޭސިން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް ގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ވެއްޖެއެވެ.

މިކަމުގެ އެއްބަސްވުމުގައި އުރީދޫ މޯލްޑިވްސް އާއި ރޭސިން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (ރޭމް) އިން އިއްޔެ ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމާއި ގުޅޭގޮތުން އުރީދޫ މޯލްޑިވްސްއިން ބުނެފައިވަނީ ރާއްޖޭގައި ޕްރޮފެޝަނަލް އަދި ވާދަވެރި ކުޅިވަރެއްގެ ގޮތުގައި މޮޓޯ ރޭސިންގ ކުރިއެރުވުމަށް މަސައްކަތް ކުރަމުން އަންނަ ރޭމްގެ ކުރިއެރުމަށް ވެދެވޭ އެހީތެރިކަމަކީ އުރީދޫ މޯލްޑިވްސް އަށްވެސް ލިބިގެންދާ ފަހުރެއް ކަމުގައެވެ.

މި އެއްބަސްވުމާއި ގުޅޭގޮތުން ރޭސިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު ސާމިހް ވިދާޅުވީ އެ އެސޯސިއޭޝަނުން ބޭނުންކުރާ ވަސީލަތްތަކަކީ އިންޓަނެޓް ބޭނުންވާ ވަސީލަތްތަކަކަށް ވާހިނދު އުރީދޫ ފަދަ ބަޔަކު ގުޅުން އެއީ އެކަންކަމަށް ލިބޭނެ ފަސޭހައެއް ކަމަށާއި އަދި އިވެންޓްސްތައް ބަލަން ދާ ހުރިހާ ފަރާތްތަކަށް ވަގުތުން ފްރީ އިންޓަނެޓް ބޭނުންކޮށްގެން އިވެންޓްތަކުގެ ކަންކަން ހިނގަމުންދާ ގޮތް އެބައެއްގެ ޕްރޮފައިލްގަ ހިއްސާ ކުރުމުގެ ފުރުސަތު އުރީދޫއާއެކު ފަހިވެގެންދާ ކަމަށެވެ.

"މޮޓޯސްޕޯޓްސްގައި އުރީދޫ އަކީ ގަތަރު އަދި އެހެން ގައުމުތަކުގައިވެސް މި ކުޅިވަރު ކުރިއަރުވަން ވަރަށް ގިނަގުނަ ހަރަކާތްތައް ހިންގަމުންދާ ފަރާތެއް. އެހެންކަމުން އަޅުގަނޑުމެންގެ އުންމީދަކީ އުރީދޫގެ ސަޕޯޓާއެކު މި ކުޅިވަރު އެހެން ހަރުފަތަކަށް ގެންދިއުން، އަދި އުރީދޫ ފަދަ ބޮޑެތި ކުންފުނިތަކުން މޮޓޯ ސްޕޯޓްސްއަށް ދޭ ތަރުހީބަކީ އުފަލާއެކު ރޭސިން ކޮމިއުނިޓީއިން ބަލައިގަންނަ ކަމެއް" ސާމިހް ވިދާޅުވިއެވެ.

ރޭސިން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް އަކީ ނޮން ޕްރޮފިޓް އޮގަނައިޒޭޝަނެކެވެ.

ރާއްޖޭގެ މޮޓޯސްޕޯޓްސްގެ ކުޅިވަރުތައް ކުރިއަރުވާ، މި ކުޅިވަރަށް މީހުން ތަމްރީނުކޮށް، ރާއްޖެއިން ބޭރުގެ ރޭސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހޯދާ ރާއްޖެއަށް ރީތި ނަމެއް ހޯދާ ދިނުމަށް މަސައްކަތް ކުރުމުގެ އިތުރުން ރާއްޖޭގެ މަގުތަކަކީ އެންމެންނަށް އަމާން ތަނަކަށް ހެދުމަށް ގަވާއިދާ ހިލާފަށް ބާރު ސްޕީޑްގައި ނުވަތަ ނުރައްކާތެރިކޮށް ދުއްވާ ޒުވާނުން މަދުކުރުމަށް ކޮންޓްރޯލްޑް އެންވަޔަރަންމަންޓެއްގެ މޮޓޯ ސްޕޯޓްސް ހަރަކާތްތައް އިންތިޒާމުކޮށް ރޭވުމަކީ ރޭމްގެ އަމާޒެކެވެ.

މޮޓޯ ސްޕޯޓްސް ހަރަކާތްތައް ރާއްޖޭގައި ކުރަމުން އަންނަތާ 19 އަހަރުވީ އިރު ރޭސިން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް ރަޖިސްޓްރީ ކުރެވުނީ 2017 ވަނަ އަހަރުގައެވެ. މިގޮތުން މިހާތަނަށް މޮޓޯ ސްޕޯޓްސްގެ އަށް އިވެންޓް ރާއްޖޭގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ރާއްޖެއިން ބޭރުގައި، އަވަށްޓެރި ސްރީ ލަންކާގައި 2019 ވަނަ އަހަރު ބޭއްވުނު ހަޗް ސުޕަރ ސީރީޒްގަވެސް ރޭމްގެ ފަރާތުން ހަތަރު ރައިޑަރުން ވަނީ ބައިވެރިވެފައެވެ.

ކޮވިޑަށް މެދުކެނޑުމަށްފަހު 2022 ވަނަ އަހަރަކީ މޮޓޯސްޕޯޓްސްގެ ކުލަގަދަ އަހަރަކަށް ހެދުމަށް ރޭމްއިން ވަނީ އިވެންޓްތަކެއް ރާވާފައެވެ. އެގޮތުން އެންމެ ހާއްސަ ހަރަކާތަކަށް މިހާރުވެސް ކުރިއަށް ދާ އެއް ހަރަކާތަކީ ރާސް ޗެމްޕިއަންޝިޕް 2022ގެ ނަމުގައި ކުރިއަށްދާ ޑްރެގް ރޭސް ހަރަކާތެވެ. މި ހަރަކާތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ކުޅިވަރަށް ލޯބިކުރާ ފަރާތްތައް އެކަތިގަނޑަކަށް ހަދާ ހުރިހާ އެންމެންނަށްވެސް ފުރުސަތު ދިނުމުގެ ގޮތުން ބޭއްވިގެން ކުރިއަށް މިހާރުވެސް ކުރިއަށްދާ ހަރަކާތެއް ކަމުގައި ރޭމް އިން ބުނެއެވެ.

https://twitter.com/hdcmaldives/status/1535257469987192837

ކޮވިޑަށް މެދުކެނޑުމަށްފަހު 2022 ވަނަ އަހަރަކީ މޮޓޯސްޕޯޓްސްގެ ކުލަގަދަ އަހަރަކަށް ހެދުމަށް ރެމްއިން ވަނީ އިވެންޓްތަކެއް ރާވާފައެވެ. އެގޮތުން އެންމެ ހާއްސަ އިވެންޓަކަށް މިހާރުވެސް ކުރިއަށް ދާ އެއް ހަރަކާތަކީ ރާސް ޗެމްޕިއަންޝިޕް 2022ގެ ނަމުގައި ކުރިއަށްދާ ޑްރެގް ރޭސް އިވެންޓްއެކެވެ. މި އިވެންޓަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ކުޅިވަރަށް ލޯބިކުރާ ފަރާތްތައް އެކަތިގަނޑަކަށް ހަދާ ހުރިހާ އެންމެންނަށްވެސް ފުރުސަތު ދިނުމުގެ ގޮތުން ބޭއްވިގެން ކުރިއަށް މިހާރުވެސް ކުރިއަށްދާ އިވެންޓެއް ކަމުގައި ރޭމް އިން ބުނެއެވެ.

https://twitter.com/AhmedMahloof/status/1528217668121088007

އެގޮތުން މި އަހަރު މި އިވެންޓް ކުރިއަށް މިދަނީ ކުޅުދުއްފުށި، ގްރޭޓާ މާލެ އަދި އައްޑޫ ސިޓީ ހިމެނޭގޮތަށެވެ. މި ތިން އެޑިޝަންތަކުގައިވެސް ވާދަކޮށްގެން ކޮންމެ ކެޓަގަރީއަކުން އެއްވަނަ ހޯދާ ރައިޑަރ ނޮވެމްބަރު މަހު ގްރޭޓާ މާލެ ސަރަހައްދުގައި އޮންނަ ގްރޭންޑް ފިނާލޭގައި ބައިވެރިވެ މުޅި ރާއްޖޭގެ ރޯޑް ކިންގް ނުވަތަ ޗެމްޕިއަން ހޮވިގެންދާނެއެވެ.

https://twitter.com/ooredoomaldives/status/1564505064890597376?s=21&t=Yb88SArpJ0phjCv21wOhaw

ރާސް ޗެމްޕިއަންޝިޕް 2022 ގެ ކިކްއޮފް އިވެންޓް ކުރިއަށްދިޔައީ ހަތަރެއް އަދި ފަހެއް މާރިޗް ހުޅުމާލެ ސެކަންޑް ފޭސްގައެވެ. މި އިވެންޓްގައި ޖުމްލަ 73 ރައިޑާސް (ބައިކް އަދި ކާރު) ހިމަނައިގެން ކުރިއަށްދިޔަ މި ހަރަކާތައްވެސް ބޮޑު ތަރުހީބެއް ލިބިގެންދިޔަކަން ރޭމް އިން ފާހަގަކުރެއެވެ.

މި އަހަރު މިހާތަނަށް ރޭމް އިން ކުރިއަށް ގެންގޮސްފައިވާ ބައެއް ހަރަކާތްތައް

  • ރާސް ޗެމްޕިއަންޝިޕް ކިކް-އޮފް
  • އެޗްޑީސީއާ ގުޅިގެން، ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކިޑްސް ފަން ޑޭ – ކުޑަކުދިންގެ ހަވީރެއް
  • މާލޭ ހެލިޕެޑްގައި "ޗަރުކޭސް" ނަމުގައި ސްޓަންޓް އިވެންޓެއް
  • "އެކުވެލަމާ" ނަމުގައި ސްޕެޝަލް ސްޕެޝަލް އޮލިމްޕިކްސްއާއެކު އޮޓޯމޯޓިވް އަދި ސްޓަންޓް ޝޯއެއްގެ ގޮތުގައި ކުޑަކުދިންގެ ހަވީރެއް
  • ރާސް ޗެމްޕިއަންޝިޕް ކުޅުދުއްފުށި އެޑިޝަން
  • ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއެކު ހުޅުމާލޭގައި ރޯޑް ސޭފްޓީ ފެއަރ އެއް

މި އަހަރު ކުރިއަށްވެސް ވަރަށް ހާއްސަ އިވެންޓްތަކެއް އެބަހުރި ކަމުގައި ރޭމް އިން ބުނެއެވެ. އަދި އެ އިވެންޓްތަކުގެ އެންމެ ފަހުގެ މައުލޫމާތު ރޭމްގެ ފޭސްބުކް ޕޭޖާއި ސޯޝަލް މީޑިއާގެ އެހެނިހެން ޕްރޮފައިލްތަކުން ލިބިގެންދާނެކަމުގައިވެސް ރޭމްއިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް