ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކެއިފް އާއި ވިކީ ކައުޝަލްގެ ކައިވެނި ސިއްރުން ކުރަން ޖެހުނު ސަބަބު ކެޓްރީނާ ބުނެދީފި އެވެ.
ދެމީހުން ކައިވެނި ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު ނުވަ ވަނަ ދުވަހު އިންޑިއާގެ ރާޖިސްތާނުގެ ލަގްޒަރީ ހޮޓަލެއްގައި ބޭއްވި ވަރަށް ސިއްރު ރަސްމިއްޔާތެއްގައި އެވެ. ކައިވެނީގެ ހަފްލާތަކުގައި ބައިވެރިވެފައިވަނީ ވަރަށް ގާތް މީހުންނާއި އާއިލާ މީހުންނެވެ.
އެމީހުންވެސް ހަފްލާތަކަށް ވެއްދީ ވަރަށް ބޮޑެތި ހުވާކޮށް ސެކިއުރިޓީ ވަރުގަދަކޮށްގެންނެވެ.
ކައިވެނީގެ ކަންކަން އެހާ ސިއްރުން ކުރީ ކީއްވެތޯ ރޭ ބޭއްވި ފިލްމްފެއާ އެވޯޑަށް ފަހު އެހުމުން ކެޓްރީނާ މީޑިއާގައި ބުނީ އޭގައި މާބޮޑު ސިއްރެއް ނެތް ކަމަށެވެ. އޭނާ ބުނީ ކައިވެނި ސިއްރު ކުރުމަށް ވުރެ ބޮޑަށް އެހާ ހައި ސެކިއުރިޓީ ވަރުގަދަކޮށް ބޭއްވީ ކޯވިޑް-19 އާއި ގުޅިގެން ކަމަށެވެ.
އޭނާ ބުނީ އެ އާއިލާއަކީ ކޯވިޑް-19 ގައި ވަރަށް ބޮޑަށް އަސަރު ކުރި އާއިލާއެއް ކަމަށެވެ. އެހެންވެ ކައިވެންޏަށް ފަހު ދެމީހުންގެ ފޮޓޯ އާންމު ކުރުމާއި ހިސާބަށް އެކަން ސިއްރުން ކުރިޔަށް ގެންދިޔައީ ކަމަށް ބުންޏެވެ.
ކެޓްރީނާ ދެއްކި އެ ވާހަކަ ގަބޫލު ކުރަން ގިނަ ބަޔަކު ދެކޮޅު ހަދަ އެވެ.
އެއީ ދެމީހުން 2019 ވަނަ އަހަރުން ފެށިގެން ގުޅިގެން އުޅޭކަމުގެ އަޑު ފެތުރު ނަމަވެސް ދުވަހަކުވެސް ކެޓްރީނާ އެކަމަށް އެއްބަސްވެފައި ނުވާތީ އެވެ. އަދި ކައިވެނި ކުރަން އުޅޭކަމަށްވެސް އޭނާ އޭރު އެއްބަސްވެފައި ނުވާތީ އެވެ.
ރޭ ބޭއްވި ފިލްމްފެއާ އެވޯޑު ހަފްލާއަށް ކެޓްރީނާ އާއި ވިކީ ދިޔައީ އެކުގައި އެވެ. އަދި ދެމީހުން ހަފްލާގައި ކައިރީގައި ތިބުން ވެގެން ދިޔައީ މިފަދަ ހަފްލާއެއްގައި ދެމީހުން އެކުގައި ފެނިގެން ދިޔަ ފުރަތަމަ ފަހަރަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް