ރައީސް ޔާމީނުގެ އެކައުންޓަށް ޖަމާވީ އެމްއެމްޕީއާރުސީ ފައިސާ ކަމަށް ކަނޑައެޅޭނެ އެއްވެސް ގޮތެއް ނެތް: މުއައްވިޒް

ރައީސް ޔާމީނުގެ އެކައުންޓަށް ޖަމާވި ފައިސާއަކީ އެމްއެމްޕީއާރުސީ ފައިސާ ކަމުގައި ކަނޑައެޅޭނެ އެއްވެސް ގޮތެއް ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ކުރީގެ ރައީސް މުއައްވިޒް ރަޝީދު ވިދާޅުވެއްޖެ އެވެ. ...

31 Aug 2021 | 12:23

ރައީސް ޔާމީނުގެ އެކައުންޓަށް ޖަމާވި ފައިސާއަކީ އެމްއެމްޕީއާރުސީ ފައިސާ ކަމުގައި ކަނޑައެޅޭނެ އެއްވެސް ގޮތެއް ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ކުރީގެ ރައީސް މުއައްވިޒް ރަޝީދު ވިދާޅުވެއްޖެ އެވެ.

މަނީލޯޑަރިންގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމުގެ މައްސަލައިގެ ތަހުގީގުގައި ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ދެއްވި މުއައްވިޒު މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ލީކުވެފައިވާ އޯޑިއޯއެއްގަ އެވެ.

އޭނާ ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ މައްސަލާގައި ހެކިބަސް ދިނުމަށް އޭނާއަށް ފިއްތުންތަކެއް ކުރިމަތި ކަމަށެވެ. އަދި މިމައްސަލާގައި ހެކި ބަސް ނެގުމުގައި މައްސަލަތަކެއް ހުރި ކަމަށެވެ.

" އެ މައްސަލައިގެ ތަހުގީގަށް އިނގިރޭސިވިލާތުގައި ތިބި ބައެއްގެ ހެކިބަސް ނެގިފައެއް ނުވޭ. އަދި ޓޫސްޓް ވިސާގައި އިނގިރޭސިވިލާތަށް ގޮސް ހެކިބަސް ނެގި ނަމަވެސް އެއީ ސައްހަ ތަހުގީގެއް ކަމުގައި ނުދެކެން." އޭނާ ވިދާޅުވި އެވެ.

މުއައްވިޒު އިތުރަށް ވިދާޅުވީ މީހެއްގެ އެކައުންޓު ނަންބަރު އެނގޭނަމަ އެމީހަކަށް ނޭނގި އެމީހެއްގެ އެކައުންޓަށް ފައިސާ ޖަމާކުރުމަކީ ކުރެވޭނެ ކަމެއް ކަމަށެވެ. އަދި ރައީސް ޔާމީނުގެ އެކައުންޓަށް ފައިސާ ޖަމާކުރި ޗެކު ހިފައިގެން ދިޔަ މީހާއާއި އެ ޗެކުގައި ސޮއިކުރި މީހާ ވެސް ހުރީ އިނގިރޭސިވިލާތުގައި ކަމަށް ވެސް މުއައްވިޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްއެމްޕީއާރުސީ ޚިޔާނާތުގެ ހަގީގީ މުޖުރިމުން ތިބީ އިނގިރޭސިވިލާތުގައި ކަމަށެވެ. އެ މީހުންނަށް ހިމާޔަތް ދިނުމަށްފަހު ރައީސް ޔާމީނަށް ދައުވާ އުފުލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ދޭހަވާ ގޮތަށް ވެސް އޭނާ ވަނީ އެ އޯޑިއޯ ގައި ވާހަކަ ދައްކަވާފަ އެވެ.

މި އޯޑިއޯ ނުކުމެފައިވާ އިރު، ރައީސް ޔާމީނުގެ މައްޗަށް ހުކުމްކުރި ފަސް ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ތިން ފަނޑިޔާރެއްގެ އޯޑިއޯ ވެސް ވަނީ ޢާންމުވެފަ އެވެ. އެ އޯޑިއޯތަކުގައި ޝަރީއަތަށް ސަރުކާރުން ނުފޫޒު ފޯރުވިކަމަށް އެ ބޭފުޅުން ވިދާޅުވެފައި ވެއެވެ.

އެ އޯޑިއޯތަކާ ގުޅިގެން ޖޭއެސްސީން ފެށި ތަހުގީގުގައި އެ ފަނޑިޔާރުން ވަނީ އެއީ އަސްލު އޯޑިއޯއެއް ނޫން ކަމަށާއި އެ އޯޑިއޯއިން އިވޭ ޒާތުގެ އެއްވެސް ވާހަކައެއް ނުދައްކަވާ ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް