އިންސްޓިޓިއުޝަނަލް އޮޑިޓް ޤަވާޢިދަށް މަޝްވަރާ ހޯދައިފި

މަތީ ތަޢުލީމުގެ ފެންވަރު ކަށަވަރުކުރުމުގެ މައިގަނޑު އެއްމަސައްކަތް ކަމުގައިވާ އިންސްޓިޓިއުޝަނަލް އޮޑިޓްގެ ޤަވާޢިދަށް  ސްޓޭކްހޯލްޑަރުންގެ ޚިޔާލު ހޯދުމުގެ ބައްދަލުވުމެއް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރި...

31 Aug 2021 | 12:02

މަތީ ތަޢުލީމުގެ ފެންވަރު ކަށަވަރުކުރުމުގެ މައިގަނޑު އެއްމަސައްކަތް ކަމުގައިވާ އިންސްޓިޓިއުޝަނަލް އޮޑިޓްގެ ޤަވާޢިދަށް  ސްޓޭކްހޯލްޑަރުންގެ ޚިޔާލު ހޯދުމުގެ ބައްދަލުވުމެއް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން މިއަދު ކުރިއަށް ގެންގޮސްފި އެވެ.

ސްޓޭކްހޯލްޑަރުންގެ ގޮތުން ބައިވެރިވެފައިވަނީ ދިވެހިރާއްޖޭގެ މަތީ ތަޢުލީމުދޭ ޔުނިވަރސިޓީތަކާއި، ކޮލެޖްތަކާއި، އިންސްޓިޓިއުޓްތަކެވެ.

މި ޤަވާޢިދަކީ، ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގެ ދަށުން އެމްކިއު.އޭ އިން ހަދަންޖެހޭ ޤަވާޢިދެއް ކަމަށް އެމްކިއު.އޭ އިން މަޢުލޫމާތު ދެއްވައެވެ.

މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ އެމް.ކިޔު.އޭ އިން ކުރިއަށް ގެންދާ އިންސްޓިޓިއުޝަނަލް އޮޑިޓްގެ މަސައްކަތަށް ތައްޔާރުކުރެވިފައިވާ ގައިޑްލައިނާއި މެނުއަލް އިޞްލާޙުކުރުމަށްފަހު މަތީ ތަޢުލީމުދޭ މަރުކަޒުތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ފަހުގަ އެވެ.

މި ބައްދަލުވުމު ގެ ބައިވެރިންނާ މުޚާޠަބުކުރައްވައި އެމް.ކިޔު.އޭ ގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. އަބްދުލް ޙަންނާން ވަޙީދު ވިދާޅުވީ އިންސްޓިޓިއުޝަނަލް އޮޑިޓް ރެގިއުލޭޝަން އިޞްލާޙުކުރެވިފައިވަނީ ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގައި އެމް.ކިއޫ.އޭ ގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ހިމެނިފައިވާ ކަންތައްތަކަށް ރިޢާޔަތް ކުރެވިގެން ކަމަށެވެ.

ވެބިނަރ އެއްގެ ގޮތުގައި ކުރިޔަށް ގެންދެވުނު މި ބައްދަލުވުމުގައި ދިވެހިރާއްޖޭގައި މަތީ ތަޢުލީމުދޭ 43 މަރުކަޒަކުން ބައިވެރިވެފައި ވެއެވެ.

މީގެ އިތުރުން ވެސް މި އަހަރު އެމް.ކިއު.އޭ ގެ އެކިއެކި ކަންކަމާ ގުޅޭ ގޮތުން މިފަދަ ސެޝަންތައް ރޭވިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެމް.ކިއު.އޭ އިން ހާމަކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް