ކޮންސިއުމަރ އޮމްބަޑްސްމަންގެ މަގާމަށް މަރްޔަމް ޝަމްޢާ އިސްމާޢީލް އައްޔަން ކުރައްވައިފި

ކޮންސިއުމަރ އޮމްބަޑްސްމަންގެ މަގާމަށް، މއ.ޕެރިސްގެ އަލްއުސްތާޛާ މަރްޔަމް ޝަމްޢާ އިސްމާޢީލް މިއަދު ޢައްޔަން ކުރައްވައިފި އެވެ. އޭނާ މި މަގާމަށް އައްޔަން ކުރައްވާފައިވަނީ މުދާ ގަންނަ ފަރާތްތަކާއި ޚިދުމަ...

31 Aug 2021 | 10:45

ކޮންސިއުމަރ އޮމްބަޑްސްމަންގެ މަގާމަށް، މއ.ޕެރިސްގެ އަލްއުސްތާޛާ މަރްޔަމް ޝަމްޢާ އިސްމާޢީލް މިއަދު ޢައްޔަން ކުރައްވައިފި އެވެ.

އޭނާ މި މަގާމަށް އައްޔަން ކުރައްވާފައިވަނީ މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު: 2020/12)ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެވެ.

ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑް ބްރިސްޓްލް އިން ބެޗްލަރ އޮފް ލޯ ހާޞިލުކުރައްވާފައިވާ އަލްއުސްތާޛާ މަރްޔަމް ޝަމްޢާ އިސްމާޢީލް ކޮންސިއުމަރ އޮމްބަޑްސްމަންގެ މަޤާމަށް ޢައްޔަންކުރެއްވުމުގެ ކުރިން ޝަމްޢާ ހުންނެވީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ލީގަލް ކޮންސަލްޓަންޓުގެ މަޤާމުގަ އެވެ. އަދި އޭގެ ކުރިން ހިއުމަންރައިޓް ކޮމިޝަން އޮފް މޯލްޑިވްސްގެ ލީގަލް އެންޑް ޕޮލިސީގެ ޑިރެކްޓަރުގެ މަޤާމާއި ސްޕްރީމް ކޯޓުގެ ރެޖިސްޓްރާގެ މަޤާމު ވެސް އޭނާ ވަނީ ފުރުއްވާފަ އެވެ.

މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނަކީ ރާއްޖޭގައި މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޙައްޤުތައް ކަނޑައަޅައި، އެ ޙައްޤުތައް ޙިމާޔަތްކުރުމާއި، ވިއްކާ މުދަލެއް ނުވަތަ ފޯރުކޮށްދޭ ޚިދުމަތެއްގައި ފުރިހަމަވާންޖެހޭނެ ޝަރުޠުތަކާއި މިންގަނޑުތައް ކަނޑައެޅުމާއި، އެފަދަ ޝަރުޠުތަކާއި ނުވަތަ މިންގަނޑުތަކާ ޚިލާފަށް މުދާ ވިއްކާ ފަރާތްތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ޢަމަލުކޮށްފައިވާނަމަ ފިޔަވަޅު އެޅުމުގެ އުޞޫލުތައް ބަޔާންކޮށްފައިވާ ޤާނޫނެވެ.

މި ޤާނޫނުގެ ދަށުން ކަނޑައަޅާ ކޮންސިއުމަރ އޮމްބަޑްސްމަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މި ޤާނޫނާއި ޚިލާފުވެގެން ހުށަހަޅާ މައްސަލަތައް ބަލައި ތަޙްޤީޤުކުރުމާއި ޤާނޫނާއި ޚިލާފުވާ ފަރާތްތަކުގެ މައްޗަށް ފިޔަވަޅުއެޅުން ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް