ބަރުލަމާނީ ގެންނަން އުޅެނީ ރައްޔިތުންނަށް ހެޔޮ އެދިގެން އުޅޭ ބައެއް ނޫން: ޤާސިމް

ބަރުލަމާނީ ގެންނަން އުޅެނީ ގައުމަށާއި ރައްޔިތުންނަށް ހެޔޮ އެދިގެން އުޅޭ ބައެއް ނޫން ކަމަށާއި އެއީ ބަޔަކު އަމިއްލަ އެދުމުން ފޯވެގެން ކުރާ ކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙިމް ވިދާޅުވެ...

31 Aug 2021 | 10:24

ބަރުލަމާނީ ގެންނަން އުޅެނީ ގައުމަށާއި ރައްޔިތުންނަށް ހެޔޮ އެދިގެން އުޅޭ ބައެއް ނޫން ކަމަށާއި އެއީ ބަޔަކު އަމިއްލަ އެދުމުން ފޯވެގެން ކުރާ ކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙިމް ވިދާޅުވެއްޖެއެވެ.

ޤާސިމް މިހެން ވިދާޅުވީ ރޭ ޖުމްހޫރީ ޕާޓީގެ ޖަގަހަ މ. ކުނޫޒުގައި އޮތް ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

މާމިގިލި ދާއިރާގެ މެމްބަރުންކަން ވެސް ކުރައްވާ ޤާސިމް ވިދާޅުވީ މީގެ މަދު އަހަރުތަކެއް ކުރި ދިވެހިރާއްޖޭގެ ރައްޔިތުން ވަނީ، ރާއްޖޭގައި އޮންނަން ބެނުންވަނީ ޖުމްހޫރީ ނިޒާމެއްކަމަށް ބުނެފައިކަމަށާއި، އަދި މިއަދުވެސް ރާއްޖޭގައި ވެރިކަން ކުރަމުންދަނީ އެ ނިޒާމުގައި ކަމަށެވެ. ޤާސިމް ވިދާޅުވި ގޮތުގައި، މިހާރު މިއޮތް ވެރިކަމުގެ ދައުރު މެދަށް ނުދަނީސް ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ބައެއް ފަރާތްތަކުން ބޭނުންވަނީ، އެފަރާތްތަކުގެ އަމިއްލަ އެދުމެއް އޮތުމުންނެވެ.

މީގެ އިތުރުން ޤާސިމް ވިދާޅުވީ،، އެއްވެސް ޝައްކެތް ނެތް ގޮތުގައި ރައްޔިތުންނަށް އެންމެ ފައިދާ ކުރާނީ ރިޔާސީ ނިޒާމެއް އޮތުމުންކަމަށެވެ. އަދި ރިޔާސީ ނިޒާމެއްކަމަށް ވިއަސް، އަދި ބަރުލަމާނީ ނިޒާމެއްކަމަށްވިއަސް، ވެރިކަން ބިނާވެ، އާރާސްތުވެގެންދާނީ، ވެރިކަމަށް އަންނަ މީހެއްގެ ހުރި ތެދުވެރިކަމާއި، އިހުލާސްތެރިކަމާއި އެބޭފުޅަކަށް ލިބިފައި ހުރި ތަޖުރިބާއެއްގެ މައްޗަށްކަމަށެވެ. އެމީހެއްގެ ގައިގައި އެ ފެންވަރު ނެތިއްޖެނަމަ އެ ވެރިކަމެއް ފެއިލްވާނެކަމަށެވެ.

"އެމީހުންގެ ފިކުރިއްޔާތު، މުޅި ގައުމު ފަސާދަ ކުރުމަށްޓަކާ ރާވާފައި އޮތް ނިޒާމެއް މި ބަރުލަމާނީ ނިޒާމަކީ. އެމީހުންގެ ބާރުވެރިކަން އޮތް ހުރިހާ ތަނެއް އޮންނާނީ އެގޮތަށް. މިއީ ހަގީގަތަކީ" ގާސިމް ވިދާޅުވިއެވެ.

މީގެއިތުރުން ވެރިމީހާއާ ބައްދަލުކުރުމުގެ ފުރުސަތު އޮތީ ރިޔާސީ ނިޒާމެއްގައިކަން ސަލާމަތް ބުއްދި ހުރި ކޮންމެ މީހަކު ވެސް ވިސްނާލުމުން އެނގޭނެ ކަމަށާއި ރައްޔިތު މީހާ އަށް ފައިދާ ބޮޑީ ރިޔާސީ ނިޒާމުގައި ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

"ރައްޔިތު މީހާގެ ހާލު ބަލަން ލާޒިމުކުރަނީ ރިޔާސީ ނިޒާމުގައި އެންމެ ބޮޑަށް. ރާއްޖޭގެ ރައްޔިތުން ހެޔޮވެސް ނުވާނެ ބަޔަކު ނިކުމެގެން މި ފަތުރާ ދަންތުރައިގައި ޖެހެން" ގާސިމް ވިދާޅުވިއެވެ.

ގާސިމް މިހެން ވިދާޅުވިއިރު ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ރައީސް އިބްރާޙިމް މުހައްމަދު ޞާލިހަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއި ކުރުމުގެ މަސައްކަތް އެމްޑީޕީގެ ތެރެއިން ބަޔަކު ވަނީ ފާށަފައެވެ. މި ކަމުގައި އިސް ނެންގެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މި ކަމަކީ ބޮޑުވަޒީރު ކަމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށާއި ސަރުކާރަށް ޕްރެޝަރ ކުރުމަށް ނަޝީދު ކުރައްވާ ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް