މިއަހަރުން ފެށިގެން ގްރޭޑް އެކެއްގައި ކްރިއޭޓިވް އާޓްސް ދަރިވަރުންގެ ފޮތެއް ނޯންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓްރީން މިހެން ބުނީ ގްރޭޑް އެކެއްގެ ދަރިވަރުންގެ ކްރިއޭޓިވް އާޓްސް ފޮތް އެއްވެސް ދަރިވަރަކަށް ދޫކޮށްފައިވާނަމަ އެ ފޮތް ދަރިވަރުންގެ އަތުން ނެގުމަށް އެޑިއުކޭޝަން މިނިސްޓްރީން ސުކޫލުތަކަށް އަންގުމާއި ގުޅިގެން ފާޅު ކުރަމުންދާ ހިތްހަމަ ނުޖެހުންތަކާއި ގުޅިގެން ނެރުނު ބަޔާނެއްގައި އެވެ.
އެ މިނިސްޓްރީން ބުނީ މިއަހަރުގެ ދިރާސީ އާ އަހަރާއި އެކު ގްރޭޑް އެކެއްގެ މުގައްގަރު އިސްލާހު ކޮށްފައިވާ ކަމަށެވެ. މިނިސްޓްރީން ބުނީ މިއަހަރު ގްރޭޑް އެކެއްގައި ކިޔަވައިދޭނީ މިގެނެވުނު އިސްލާހާޢި އެއްގޮތއް ތައްޔާރު ކޮށްފައިވާ އާ ފޮތްތަކަށެވެ.
މި ގެނައި ބަދަލާއި އެކު ގްރޭޑް އެކެއްގެ ދަރިވަރުންނަށް އެ މާއްދާ ކިޔަވައިދިނުމުގައި ބޭނުން ކުރާނީ ޓީޗަރުގެ ފޮތަކާއި ކުރެހުމުގެ ނަމޫނާ ދަރިވަރުންނަށް ދެއްކުމަށް ބޭނުން ކުރާ މަދު ފޮތްތަކެކެވެ. މިނިސްޓްރީން ބުނީ ދަރިވަރުން ބޭނުން ކުރުމަށް ދޭނީ ކޮންމެ ފަސް ކުއްޖެއްގެ ގްރޫޕަކަށް ކްރިއޭޓިވް އާޓްސްގެ ފޮތެއް ކަމަށެވެ.
އެ ފޮތަކީ އާންމު ޓެކްސްޓު އޮތް ތަކަށްވުރެ ސައިޒުގެ ގޮތުން ބޮޑު ހާއްސަ ރެފަރެންސް ފޮތެއް ކަމަށް އެޑިއުކޭޝަނުން ބުންޏެވެ. އެހެން ކަމުން މިއަހަރުން ފެށިގެން ކްރިއޭޓިވް އާޓްސް ދަރިވަރުންގެ ފޮތެއް ނޯންނާނެ އެވެ.
މިނިސްޓްރީން ބުނީ މިގޮތަށް ހަމަޖެއްސީ އެ މާއްދާއަކީ އެހެން މާއްދާތަކާއި ހިލާފަށް ފަންނީ ހުނަރު ތަރައްގީ ކުރުމަށް ޓަކައި އަމަލީ މަސައްކަތްތަކެއް ކުރުވާ ފަންނީ މާއްދާއަކަށް ވާތީ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް