ރޮނާލްޑޯގެ ސޮއި ޔުނައިޓެޑުން ހޯދީ އޭނާ ބެންޗުގައި ބަހައްޓާ ގޮނޑި ހޫނު ކުރާކަށްނޫން: ސޮލްޝެއާ

ސުޕަ ސްޓާރ ކްރިސްޓިއާނޯ ރޮނާލްޑޯގެ ސޮއި މެންޗެސްޓާ ޔުނައިޓެޑުން ހޯދީ އޭނާ ބެންޗުގައި ބައިންދާ ގޮނޑި ހޫނު ކުރަން ނޫންކަމަށާއި ރޮނާލްޑޯ އަބަދުވެސް ފުރަމަ އެގާރައިގައި ހިމެނިގެން ކުޅޭނެ ކަމަށް މެންޗެސްޓާ...

31 Aug 2021 | 08:28

ސުޕަ ސްޓާރ ކްރިސްޓިއާނޯ ރޮނާލްޑޯގެ ސޮއި މެންޗެސްޓާ ޔުނައިޓެޑުން ހޯދީ އޭނާ ބެންޗުގައި ބައިންދާ ގޮނޑި ހޫނު ކުރަން ނޫންކަމަށާއި ރޮނާލްޑޯ އަބަދުވެސް ފުރަމަ އެގާރައިގައި ހިމެނިގެން ކުޅޭނެ ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު އޮލިގަނަ ސޮލްޝެއާ ބުނެފިއެވެ.

ސްކައި ސްޕޯޓްސްއާއި ވާހަކަ ދައްކަމުން ސޮލްޝެއާ ބުނީ ރޮނާލްޑޯ އަކީ ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި ރޮނާލްޑޯ ބެންޗުގައި ބައިންދަން ބޭނުން ނުވާކަމަށެވެ. އަދި ރޮނާލްޑޯ އަންނަ މަހުގެ 11 ވަނަ ދުވަހު ލީގުގައި ޔުނައިޓެޑު ނިުއކާސަލްއާއި ދެކޮޅަށް ކުޅޭ މެޗުގައި ރޮނާލްޑޯ ފެނިގެންދާނެ ކަމުގެ އުންމީދު ބޮޑު ކަމަށް ވެސް ސޮލްޝެއާ ބުންޏެވެ.

ސޮލްޝެއާ އިތުރަށް ބުނީ ޔުނައިޓެޑުގައި ރޮނާލްޑޯގެ ދައުރަކީ ސީދާ ސެންޓަރ ފޯވާޑެއްގެ ދައުރު ކަމަށާއި އެއީ ރޮނާލްޑޯ އަށް އެންމެ އެކަށީގެންވާ މަގާމު ކަމަށްވެސް ސޮލްޝެއާ ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން ސޮލްޝެއާ ބުނީ ރޮނާލްޑޯ އެންމެ ފުރަތަމަ ޔުނައިޓެޑަށް ކުޅުނު އިރު އޭނާ ކުޅުނީ ވިންގަކަށް ނަމަވެސް ފަހުން އޭނާ މުޅިންވެސް ފެނިގެން ގޮސްފައިވަނީ ސެންޓަރ ފޯވާޑެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން ރޮނާލްޑޯގެ ބޭނުން ހިފާނީ ސީދާ ސެންޓަރ ފޯވާޑެއްގެ ގޮތުގައި ކަމަށްވެސް ސޮލްޝެއާ ބުންޏެވެ.

" ރޮނާލްޑޯ އަކީ މުހިންމު ކުޅުންތެރިއެއް. ޔުނައިޓެޑުގައި ރޮނާލްޑޯގެ ދައުރަކަށް ވާނީ ސީދާ ސެންޓަރ ފޯވާޑެއްގެ ދައުރު. ޕެނަލްޓީ ބޮކްސްތެރޭގައި ހުރެ އިދިކޮޅު ގޯލުގެ ތެރެއަށް ބޯޅަ ވައްދާލުން. އޭނާ އެކަން ކުރާނެ. އެއީ ޔަގީން ކަމެއް." ސޮލްޝެއާ ބުންޏެވެ.

ރޮނާލްޑޯ މިހާރުވަނީ ޕޯޗުގަލްގެ ލިސްބަންގައި ޔުނައިޓެޑުގެ މެޑިކަލް ވެސް ފުރިހަމަ ކޮށް ދެ އަހަރުގެ އެއްބަސްވުމެއްގައި ޔުނައިޓެޑާއި އެކު ކޮއިވެސް ކޮށްފައެވެ. މި އެއްބަސްވުމާއި އެކު 2024 ވަނަ އަހަރާއި ހަމައަށް ރޮނާލްޑޯ ޔުނައިޓެޑުގައި މަޑުކުރާނެއެވެ.

ރޮނާލްޑޯ އެނބުރި އައިސް ޔުނައިޓެޑާއި ގުޅުމަށް ހަމަޖެހިފައިވަނީ ޕޯޗުގަލް ގެ ގައުމީޓީމާއި އެކު ކުޅެން ހަމަ ޖެހިފައިވާ ވޯލްޑް ކަޕް ކޮލިފައިން މެޗުތައް ނިންމާލުމަށްފަހު އަންނަ މަހުގެ 7 ވަނަ ދުވަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް