އދ އަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި މިނިސްޓަރ ޝާހިދު ބައްދަލުކުރައްވަން ފައްޓަވައިފި

އދގެ އާއްމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރިޔާސަތަށް އިންތިޚާބުވެވަޑައިގެންފައިވާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، ނިއުޔޯކްގައި ތިއްބަވާ އެކި ޤައުމުތަކުގެ ސަފީރުންނާއި ބައްދަލުކުރައްވަން ފައ...

31 Aug 2021 | 07:59

އދގެ އާއްމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރިޔާސަތަށް އިންތިޚާބުވެވަޑައިގެންފައިވާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، ނިއުޔޯކްގައި ތިއްބަވާ އެކި ޤައުމުތަކުގެ ސަފީރުންނާއި ބައްދަލުކުރައްވަން ފައްޓަވައިފި އެވެ.

އެގޮތުން އެމަނިކުފާނު އިއްޔެވަނީ އިޓަލީ ވިލާތުން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު މައުރީޒިއޯ މަސަރާއީ އާއި ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުވުމުގައި އިޓަލީއަކީ މަލްޓިލޭޓަރަލް ނިޒާމަށް ޒަމާނުއްސުރެ ސަޕޯޓްކުރާ ގައުމެއްކަން ފާހަގަކުރައްވައި، އެމަނިކުފާނުގެ އުއްމީދުގެ ރިޔާސަތަށް އިޓަލީވިލާތުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ސަފީރު ވިދާޅުވިކަން މިނިސްޓަރ ޝާހިދު ވަނީ ފާހަގަކުރައްވާފަ އެވެ.

އިޓަލީ ވިލާތުގެ ސަފީރު ވަނީ ތިމާވެއްޓާއި، ސިއްހީ ދާއިރާއާއި، އިންސާނީ ހައްޤުތަކާ އަންހެނުންގެ ހައްޤުތަކުގެ ދާއިރާގެ އިތުރުން ޒުވާނުންގެ ކަންތަކުގައި ގުޅިގެން މަސައްކަތްކުރަން އިޓަލީވިލާތުން ތައްޔާރަށް އޮތްކަން ހާމަކުރައްވާފަ އެވެ.

މީގެ އިތުރުން، ސްލޮވީނިއާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ބޮސްޖާން މަލްވޯ އާއި ވެސް މިނިސްޓަރ ޝާހިދު އިއްޔެ ބައްދަލުކުރައްވައި، އދގެ ޢާއްމު މަޖިލީހުގެ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވި އެވެ.

ސްލޮވީނިއާއަކީ މިނިސްޓަރ ޝާހިދުގެ ރިޔާސަތުގައި އާއްމު މަޖިލީހުގެ ނައިބު ރައީސްކަން ކުރާނެ އެއް ޤައުމެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދުގެ ރިޔާސަތުގައި އާއްމު މަޖިލީހުގައި އިސްކަން ދެއްވާނެ ކަންތަކާ ބެހޭ ގޮތުންނާއި، ސްލޮވީނިއާއިން، ވިލާތުގެ އިއްތިޙާދުގެ ރިޔާސަތުގައި އިސްކަން ދޭނެ ކަންތަކާ ބެހޭ ގޮތުން މަޝްވަރާކުރެވުނެވެ.

ހަމައެހެންމެ، އެމެރިކާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ލިންޑާ ތޮމަސް-ގްރީންފިލްޑް އާ ވެސް އިއްޔެ މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވި އެވެ. އަދި އެމަނިކުފާނުގެ ރިޔާސަތަށް އެމެރިކާގެ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ދެއްވީތީ އުފާކުރައްވާކަމަށް ވިދާޅުވި އެވެ.

ހަމައެއާއެކު އދގެ ސަލާމަތީ މަޖިލީހުގެ ރިޔާސަތާ ސެޕްޓެމްބަރުގައި ހަވާލުވާ އަޔަރލެންޑްއިން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޖެރަލްޑީން ނޭސަން އާއިވެސް މިނިސްޓަރ ޝާހިދު އިއްޔެ ބައްދަލުކުރެއްވި އެވެ. އަދި އެކަމަނާ ވަނީ އދގެ ސަލާމަތީ މަޖިލީހުގައި އަޔަލެންޑުން އިސްކަން ދޭން ރާވާފައިވާ ކަންކަމާ ބެހޭ މައުލޫމާތު މިނިސްޓަރ ޝާހިދުއާ ހިއްސާކުރައްވާފަ އެވެ.

ހަމައެހެންމެ، އދގެ ސެކްރެޓަރީ ޖެނެރަލްގެ ޔޫތު އެންވޯއީ ޖަޔަތުމާ ވިކްރަމަނަޔަކަ އާއި ޔޫތު އެޑްވައިޒަރީ ގްރޫޕް އޮން ކްލައިމެޓް ޗޭންޖް އާއިވެސް މިނިސްޓަރ ޝާހިދު ވަނީ އިއްޔެ ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުމުގައި އދގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމާ ބެހޭ ގޮތުން ގިނަ މަޝްވަރާތަކެއް ކުރެވުނެވެ.

މީގެ އިތުރުން، އދގެ ސަލާމަތީ މަޖިލީހުގެ ޚާއްސަ ބައްދަލުވުމަކަށް މިވަގުތު ނިއުޔޯކަށް ވަޑައިގެން ހުންނެވި އެ ކައުންސިލްގެ މިމަހުގެ ރިޔާސަތު ބެލެހެއްޓި އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާއާއިވެސް މިނިސްޓަރ ޝާހިދު ވަނީ ބައްދަލުކުރައްވާފަ އެވެ. އަދި އިންޑިއާއިން ސަލާމަތީ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓި ގޮތުގެ ފުރިހަމަކަމަށް މިނިސްޓަރ ޝާހިދު ވަނީ ތައުރީފުކުރައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް