އިދިކޮޅު ސިޔާސީ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވެވި ކްރިމިނަލް ކޯޓުގެ ފަސް ގާޒީންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ 3 ގާޒީއެއްގެ އޯޑިއޯތަކެއް ލީކުވެފައި ވާތީ އޭގެ ސައްޚަކަން ކަށަވަރުކުރުމަށް ރާއްޖޭން ބޭރުން ފޮރެންސިކް ތަހުލީލެއް ކުރަން އިދިކޮޅު ކޯލިޝަންގެ ޚާއްސަ އެޑްވައިޒަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފިއެވެ.
އާންމު ވެފައިވަނީ ގާޒީ ހުސައިން ފާއިޒް ރަޝާދު، ގާޒީ މުހައްމަދު ސަމީރުގެ އޯޑިއޯ، އަދި ގާޒީ އަލީ އާދަމް ކަމަށް ބެލެވޭ ބަޔަކު ވާހަކަދައްކަވާ އަޑު އިވޭ އޯޑިއޯތަކެކެވެ،
ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭން ބޭރުން ފޮރެންސިކް ތަހުލީލުކޮށްގެން ވިޔަސް އޯޑިއޯގެ ސައްހަ ކަމާއި އެއީ އެ މީހުންގެ އަޑުކަން ނުވަތަ ނޫން ކަން ކަށަވަރު ކުރަން ޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ޖެހޭ ކަމަށެފެ.
"މި އުޅެނީ ބަޔަކު ރަހީނުކޮށްގެން އިންސާނެއްގެ މައްޗަށް ހަރާމް ހުކުމެއް ކުރުވި ކަމުގެ ތުހުމަތު،" ޓްވިޓާގައި ޝަހީމް ލިޔުއްވާފައިވެއެވެ.
މި މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއްޔެ ނެރުއްވި ބަޔާނެއްގައި ވަނީ ބުނެފައެވެ. އެ ބަޔާނުގައި ވާ ގޮތުން، އެ މައްސަލަ ހިނގައި ދިޔަ ގޮތް ސާފު ކުރަން އޯޑިއޯތަކުގައި އަޑު އިވެމުންދާ 3 ގާޒީންގެ ފަރާތުން މައުލޫމާތު ސާފުކުރިއިރު، އެ ބޭފުޅުން ވިދާޅުވެފައި ވަނީ އެއީ ސައްޚަ އޯޑިއޯތަކެއް ނޫން ކަމަށެވެ.
އޯޑިއޯތައް ލީކުވުމުން އިދިކޮޅު ފަރާތްތަކުން ވަނީ ރައީސް އޮފީހަށް ގޮސް ޝަކުވާ ހުށައަޅާފައެވެ.
ޝަރީޢަތާ މެދު ހުރި ކަންބޮޑުވުންތައް ހިއްޞާކުރެއްވުމަށް ޕީޕީއެމްއާ ޕީއެންސީއަށް ނިންބަތްވާ ރައްޔިތުންގެ މަޖުލީހުގެ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ޓީމާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލްއުސްތާޛު ޢަލީ ޒާހިރު ބައްދަލުކުރައްވައި އެ ބޭފުޅުންގެ ކަންބޮޑުވުންތައް އަޑު އެއްސެވިއެވެ.
މި ބައްދަލުވުމުގައި މި ޓީމުގެ ފަރާތުން ހުރި މައިގަނޑު ކަންބޮޑުވުންތައް ހުށަހަޅުއްވާފައި ވަނީ ޕީޕީއެމްގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖުލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމެވެ. އެގޮތުން މިހާރު މީޑިޔާގައި ފެތުރެމުންދާ އޯޑިޔޯތަކަށް އިޝާރާތްކުރައްވައި އެއީ ރައީސް ޔާމީނުގެ ސަރީޢަތް ހިންގެވި 3 ފަނޑިޔާރެއްގެ އޯޑިޔޯކަމަށާއި ރައީސުލްޖުމްހޫރިއްޔާއާ ސަރުކާރުން އަދި ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޝަރީޢަތަށް ނުފޫޒުފޯރުވާކަމަށް މި ޓީމުގެ ބޭފުޅުން ތުހުމަތު ކުރެއްވިއެވެ. އަދި އެފަދަ އޯޑިޔޯއެއް ފެތުރެމުންދާއިރު އެކަމަށް ސަރުކާރުން އެއްވެސް ޖަވާބެއް ނުދެނީ ކީއްވެތޯ ސުވާލު އުފެއްދެވިއެވެ. މީގެ އިތުރުން ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމު ވަނީ ޗީފް އޮފް ސްޓާފް އަލްއުސްތާޛު ޢަލީ ޒާހިރުގެ އޯޑިޔޯތައް ވެސް ހުރިކަމަށް ވިދާޅުވެ ޚާއްޞަކޮށް ރައީސް ޔާމީނުގެ ޝަރީޢަތަކަށް ނުފޫޒު ފޯރުވާކަމަށް ތުހުމަތުކުރައްވާފައެވެ.
މި ތުހުމަތުތަކަށް ރައްދުދެއްވައި ވާހަކަފުޅު ދައްކަވަމުން ޗީފް އޮފް ސްޓާފް އަލްއުސްތާޛު ޢަލީ ޒާހިރު ވިދާޅުވީ ފެތުރޭ އޯޑިޔޯތަކާ އަދި ކުރެއްވި ތުހުމަތުތަކަށް ސަރުކާރުން ރައްދެއްދެއްވައި ވާހަކަދައްވާފައި ނުވަނީ އެއީ އެއްވެސް އަޞްލެއްނެތް ވާހަކަތަކަކަށް ވާތީކަމުގައެވެ. އަދި ފެތުރެމުންދާ އޯޑިޔޯތަކުގެ މައްސަލަ ބައްލަވައިދެއްވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުގައި އެދިވަޑައިގަންނަވާފައި ވާނެކަމަށާއި މި މައްސަލަ ބެލުމަށް ފުލުހުންގެ ކިބައިން ވެސް އެދިވަޑައިގަންނަވާފައި ވާކަމަށް ޗީފް އޮފް ސްޓާފް ވިދާޅުވިއެވެ. އަދި ސަރުކާރުން، ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާއާއި ޗީފް އޮފް ސްޓާފް، ފަނޑިޔާރުންނަށް އަދި ވަކިން ޚާއްޞަކޮށް ރައީސް ޔާމީނުގެ ޝަރީޢަތަށް ނުފޫޒުފޯރުވާކަމަށް ކުރެއްވި ތުހުމަތުތައް ޗީފް އޮފް ސްޓާފް ދޮގުކުރެއްވިއެވެ. މީގެ އިތުރުން ޗީފް އޮފް ސްޓާފްގެ އޯޑިޔޯ ހުރިކަމަށް ޝިޔާމް ވިދާޅުވި ވިދާޅުވުމަށް ރައްދުދެއްވައި ޢަލީ ޒާހިރު ވަނީ ޝަރީއަތް ވަކިގޮތަކަށް ގެންދިއުމަށް ނުވަތަ ފަނޑިޔާރަކަށް ނުފޫޒުފޯރުވުމަށް ނަމަވެސް އެއްވެސް މުވާމަލާތެއް ހިންގަވާފައި ނުވާނެކަމުގެ ޔަޤީންކަން ދެއްވައި އެ ވިދާޅުވި ފަދަ އޯޑިޔޯއެއް އޮތްނަމަ މީޑިޔާއަށް ހާމަކޮށްދެއްވުމަށް ވެސް އެދިވަޑައިގަންނަވާފައެވެ.
ޝަރުޢީ ނިޒާމަށް ސަރުކާރުން ނުފޫޒުފޯރުވާކަމަށް ކުރެއްވި ތުހުމަތުތަކަށް ރައްދުދެއްވައި ޢަލީ ޒާހިރު ވިދާޅުވީ މީގެ ކުރީގެ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބައެއް ޙުކުމްތައް ލިޔާކަމުގެ އަޑުތައް ފެތުރިގެން ގޮސްފައި ވާކަމަށާއި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރަކީ މިނިވަން މުވައްޞަސާތަކާއި ޖުޑިޝަރީ މިނިވަންކަމާއެކު ކުރިޔަށްގެންދިއުމަށް ފުރުޞަތުދީފައި އޮންނަ ސަރުކާރެއް ކަމަށެވެ. އަދި މި ސަރުކާރުން ފުރަތަމަ ވެރިކަމާ ހަވާލުވި ދުވަހެކޭ އެއްގޮތަށް މިހާރުވެސް ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ ޖޭއެސްސީ އިސްލާޙުކޮށް މުޅި ޖުޑިޝަރީއަކީ ރައްޔިތުންގެ އިތުބާރު ލިބިފައި އޮންނަ ތަނަކަށް ހެއްދެވުންކަމުގައި ޗީފް އޮފް ސްޓާފް ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް