މޯލްޑިވިއަންގެ ފްލައިޓެއް ހައިޖެކް ކުރާނެ ކަމަށް ބުނެ އިންޒާރުދިން މައްސަލައިގަ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލަ ހުށަހެޅި ރޭ 8:50 ހާއިރު ކަމަށެވެ. އެމީހާ އިންޒާރުދިން ކަމަށްވަނީ ފުވައްމުލަކު ސިޓީން މާލެއަށް އަންނަން އޮތް ފްލައިޓެއް ހައިޖެކް ކުރާނެކަމަށް ބުނެ އެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައިގަ މީހަކު ހައްޔަރު ކުރީ މިއަދު ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. ހައްޔަރުކޮށްފައިވަނީ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ބުންޏެވެ.
ބައެއް މީހުން މީޑިއާގައި ބުނެފައިވާ ގޮތުގައި އެމީހާ ފުވައްމުލަކު އެއާޕޯޓަށް ދިޔައީ ކާގޯ އެއް ފޮނުވާށެވެ. އަދި ފްލައިޓް ފުރަން ކައިރިވެފައި ވަނިކޮށް އެ ތަނުގައި ހުރެގެން އޭނާގެ ރައްޓެއްސަކާއި ދެމެދު ދެކެވުނު ވާހަކައެއްގެ ތެރެއިން ފްލައިޓް ހައިޖެކް ކޮށްލާނެ ކަމައް ތިން ފަހަރެއްގެ މަތިން ބުނި ކަމަށް މީޑިއާގައި ބުނެފައިވެ އެވެ.
ފަސިންޖަރުން ބާލުވައި ފްލައިޓު ހުސް ކުރީ ތަކުރާރުކޮށް އެމީހާ އިންޒާރު ދިނުމުންނެވެ. އެކަމަކު އެމީހާ ވަނީ އެއީ މަޖަލަށް ދެއްކި ވާހަކައެއް ކަމަށް ފަހުން ބުނެފަ އެވެ.
ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނު ބުނާ ގޮތުން ފުރާދުއްވާ އެއްޗެއް ހައިޖެކް ކުރުން ނުވަތަ ހައިޖެކް ކުރާނެ ކަމުގެ އިންޒާރު ދިނުމަކީ ވެސް ޓެރަރިޒަމްގެ އަމަލެކެވެ. އަދި މަޖަލަކަށް އެފަދަ ވާހަކަ ދެއްކުމަކީވެސް ކުށެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް