އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް 5 އަހަރުގެ ޖަލު ހުކުމެއް އިއްވެވި ޝަރީއަތުގައި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވިކަމަށް ބުނެ އެ މައްސަލަ ތަހުގީގު ކުރުމަށް ހުށަހެޅި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ބަލައިނުގަނެ ބޭރު ކޮށްލައިފި އެވެ.
މި މައްސަލަ މަޖިލީހަށް ހުށައެޅީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އެވެ. މިއަދު ހުށަހެޅުއްވި މި މައްސަލައާ ގުޅިގެން ނެގި ވޯޓުގައި އެ މައްސަަލަ ބަލައިގަންނަން ވޯޓު ދެއްވީ އެންމެ 7 މެމްބަރުންނެވެ. ނުފެންނަކަމަށް 20 މެމްބަރުން ވޯޓު ދެއްވި އެވެ. އަދި ވަކި ގޮތަކަށް 27 މެމްބަރުން ވޯޓު ނުދެއްވި އެވެ.
މިއަދުގެ ޖަލްސާގައި މި މައްސަލަ ހުށަހަޅުއްވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތށް ނުފޫޒު ފޯރުވިކަން އެމަނިކުފާނަށް ހުކުމް ކުރި ފަނޑިޔާރުންގެ ލީކުވެފައިވާ އޯޑިއޯތަކުން ހާމަވެ ނިމިއްޖެ ކަމަަށެވެ. ހަމަ އެހެންމެ ރައީސް ޔާމީންއަށް ހުކުމް ކުރުމާއެކު ފަނޑިޔާރުންނަށް އެ ބޭފުޅުންގެ މަގާމުގެ ކުރިއެރުން ލިބޭނެކަން އެންގި އިރު އަދިވެސް ދެ ފަނޑިޔާރަށް ކުރިއެރުން ނުލިބޭކަން އޯޑިއޯތަކުން އެނގިގެންގޮސްފައިވާ ކަމަށެވެ.
މެމްބަރު ވިދާޅުވީ ފަނޑިޔާރުން ހުކުމް ކުރިއިރު ފަނޑިޔާރުން ތިބީ ހުކުމުގައިވާ އެއްޗެއް ނޭނގޭ ހާލުގައި ކަމަށެވެ. އަދި އެއާއެކު ގާނޫނު އަސާސީއާވެސް ފަނޑިޔާރުން ހިލާފުވެ އަދި ކަނޑައެޅިގެން ފަނިޔާރުންނަށް ނުފޫޒު ފޯރުވިކަން އެނގިގެން ގޮސްފައިވާ ކަމަށެވެ.
އެހެންކަމުން ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވައި ފަނޑިޔާރުންނަށް ރިޝްވަތުދީ ބިރުދައްކާފައިވާ މައްސަަލަ އަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު ތަހުގީގުކުރުމަށް އާދަމް ޝަރީފް ހުށަހެޅުއްވި އެވެ.
ޔާމީނަށް ކުރި ހުކުމާ ގުޅޭ ގޮތުން ހުކުމް އިއްވެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ 3 ފަނޑިޔާރުން ދައްކަވާފައިވާ ކަމަށް ބުނާ ވާހަކަތަކެއްގެ އޯޑިއޯ ލީކުވުމާއި ގުޅިގެން ފަށާފައިވާ ތަހުގީގަށް އޯޑިއޯ ސާމްޕަލް ދިނުމަށް 3 ފަނޑިޔާރުންވެސް އެއްބަސްވެފައިވާ ކަމަށް ޖުޑީސަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެ އެވެ.
ފަނޑިޔާރުން ވިދާޅުވަނީ ދައުރުވަމުންދާ އޯޑިއޯތަކަކީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށާއި އެފަދަ ވާހަކަތަކެއް ދައްކަވާފައި ނުވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް