ދުނިޔޭގެ އެކި ގައުމުތަކުގައި ހަދާފައިހުންނަ ޕާކުތަކަކީ ހިތްހަމަޖައްސާލާ، ހަމަހިމޭން ވަގުތުކޮޅެއް ހޭދަކޮށްލުމަށް ފުރުސަތު ދިނުމުގެ ގޮތުން ހަދާފައިވާ ތަންތަނެވެ.
އެގޮތުން ރާއްޖޭގައި ވެސް އެފަދަ ޕާކުތައް މިހާރު ވަނީ ހަދާފަ އެވެ. އެކަމަކު މިފަހަރު ދައްކަން މިއުޅެނީ ރާއްޖޭގެ ވާހަކައެއް ނޫނެވެ. އަވަށްޓެރި އިންޑިއާގައި ހަދާފައިވާ "އިންދިރާ ޕާކް" ގެ ވާހަކަ އެވެ.
ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު ޒިޔާރަތްކުރާ މި ޕާކު މިހާރުވަނީ ހަމައެކަނި "ދެމަފިރިންނަށް ޚާއްސަ" ކޮށްފަ އެވެ. އެ ޕާކު ހިންގާ ފަރާތުން މިގޮތަށްއ ބަދަލުކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ވެސް އަންނަނީ އަމާޒުވަމުން ނެވެ. އަދި ގިނަ ސުވާލުތަކެއް ވެސް އަމާޒުކުރަމުން ދެއެވެ.
އެގޮތުން އިންޑިއާގެ ހައިދަރު އާބާދުގައި މި ޕާކަށް ގެނައި ބަދަލާއެކު، ދެމަފިރިންކަން ސާބިތުކޮށްދޭނީ ކިހިނެއް ކަމާމެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުން ނެވެ. އެފަރާތްތަކުން ބުނާ ގޮތުގައި ފޮޓޯޖެހި ކައިވެނީގެ ސެޓިފިކެޓު ދައްކައިގެން ނޫނީ އެކަން އެނގޭނެ ގޮތެއް ނޯންނާނެ އެވެ.
އެފަދަ ފަރާތްތަކުން ބުނަނީ މިއީ ރައްޔިތުންގެ މެދުގައި ކުރެވޭ ތަފާތު ކުރުމެއް ކަަމށެވެ. އަދި މިއީ ގާނޫނާ ޚިލާފު ކަމެއް ކަމަށް ވެސް ބުނެއެވެ. އަނެއްބައި މީހުން ބުނަމުން އަންނަނީ މިއީ ޕާކު ހިންގާ ފަރާތުން ޒިންމާތަކުން އެއްކިބާވުމަށް ކުރި ކަމެއް ކަމަށެވެ.
އެހެންނަމަވެސް ޕާކު ހިންގާ ފަރާތުން ބުނެފައިވަނީ މިގޮތަށް އުސޫލަށް ބަދަލު ގެނައީ އަންހެނުންނަށް ކުރާ ފުރައްސާރައާ ދެކޮޅު ހެދުމުގެ ގޮތުން ކަމަށެވެ.
ހައިދަރު އާބާދުގައި އޮންނަ އިންދިރާ ޕާކަކީ އާންމުކޮށް ކޮންމެ ދުވަހަކު ހެނދުނު އަށަކުން ރޭގަނޑު ހަތްގަޑި ތިރީހާ ދެމެދު ހުޅުވާފައި އޮންނަ ޕާކެކެވެ.
ގިނަ ބައެއްގެ ނުރުހުން މިކަމަށް އަމާޒުވެފައިވާތީ މިކަން ސަރުކާރުގެ ސަމާލުކަމަށް ވެސް މިހާރުވަނީ އައިސްފަ އެވެ. ބައެއް ރިޕޯޓުތައް ބުނާގޮތުން އެ ޕާކު ހުންނަ ސަރަހައްދުގައި މިހާރަށް ވުރެ އިތުރަށް ފުލުހުން ހަރަކާތްތެރިވުމަށް ވަނީ އަންގާފަ އެވެ.
އެހެންކަމުން "އިންދިރާ ޕާކު" ގެ މި ނިންމުން ބަދަލުކޮށް ޢާންމުކޮށް ހުރިހާ އެންމެނަށް ވެސް ވަދެވޭ ގޮތަށް އުސޫލު ބަދަލު ކުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް