ރަނގަޅު ސުލްހަވެރި މުޖުތަމައަކީ މިހުންނަށް އަދަބުދޭން ޖެހޭ، މީހުން ބަންދުކުރަންޖެހޭ މުޖުތަމައެއް ނޫން ކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވީ މާފަރު ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ.
ހޯމް މިނިސްޓަރ ވިދާޅުވީ އެއީ ޖަލުތަކުގެ ފަހަތަށް ނުވަތަ ތޭރިތަކުގެ ފަހަތަށް އެ މުޖުތަމައުގެ ބޮޑު އަދަދެއް ލައިގެން އެކަމަށްޓަކައި ބޮޑެތި ހޭދަތަކެއްކޮށް, އެކަމަށްޓަކައި މައިންބަފައިންނާއި ތިމާގެ މީހުން ކަރުނައަޅަން ޖެހޭކަމެއް ނޫން ކަމަށެވެ.
އެހިސާބަށް ނުގޮސް ދިވެހި މުޖުތަމައު ސަލާމަތް ކުރެވޭނީ އެންމެން އެކުގައި މަސައްކަތް ކޮށްގެން ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާ އިރުޝާދަކީ ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމް ކުރުމުގެ އިރުޝާދު ކަމަށެވެ.
" އެކަމަށްޓަކައި ވަރަށްބޮޑު ހޭދައެއް ދައުލަތުން ކުރަންޖެހޭ. އެހެންނަމަވެސް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށާއި ރައްޔިތުންގެ ހަމަޖެހުން ގާއިމް ކުރުމަށާއި ރައްޔިތުންގެ އިޖުތިމާއީ ގުޅުންތަކާއި, އިގްތިސޯދު ސަލާމަތްކުރުމަށްޓަކައި އެއީ މިއަދުގެ ހާލަތުގައި ކޮންމެހެން ބޭނުންވާ ކަމެއް." މިނިސްޓަރ އިމްރާން ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވި އެހެންކަމުން އެކަން ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.
ހޯމް މިނިސްޓަރ ވިދާޅުވީ އިންސާނީ މުޖުތަމައެއްގެ ސަލާމަތާއި, ރައްކާތެރިކަމާއި, މުޖުތަމައުގެ ހަމަޖެހުން ކަށަވަރުވެފައި އޮތުމުގެ އެންމެ މަތިވެރި ބަހާއަކީ އެމުޖުތަމައުގެ އެއްބައިވަންތަކަމާއި, ބަދަހިކަން ކަމަށެވެ.
މުޖުތަމައެއްގައި ބަދަހިކަމާއި, އެކުވެރިކަމާއި, އޯގާވެރިކަން އޮވެއްޖެނަމަ އެމުޖުތަމައަކީ އަމާން ރައްކާތެރި ސުލުހަވެރި މުޖުތަމައެއް ކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް