ރައްޔިތުންގެ މަޖިލީހުގައި ގިނަ ދުވަސްތަކެއް ހޭދަކޮށް، ރިޔާސަތުގައި އިންނަވައިގެންވެސް މުހިންމު އެތައް ޚިދުމަތްތަކެއް ކޮށްދީފައިވީނަމަވެސް، މިހާރު މަޖިލީހުގައި އެމަނިކުފާނަށް އެފުރުސަތު ނެތްކަން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޤާސިމް މިހެން ވިދާޅުވީ، ޖުމްހޫރީ ޕާޓީން ރޭ ބޭއްވި ޖަލްސާގައި މ. ކުނޫޒުގައި ވާހަކަ ދައްކަވަމުންނެވެ.
ރައްޔިތުންގެ މަޖިލީހަށް ހާޒިރުނުވެވުނު ސަބަބަށް އަލިއަޅުއްވާ، ގާސިމް ދެއްކެވި ވާހަކައިގައި ވިދާޅުވީ މިހާރުގެ މަޖިލީހުގައި އެމަނިކުފާނުގެ އެހާބޮޑު ބޭނުމެއް އޮތްކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
""އެމްޑީޕީގެ 65 މެމްބަރުން މަޖިލީހުގައި ތިބީމަ ދެން ކޮންމެހެން އެހެން މީހަކު ދައްކާ ވާހަކައެއް އެބޭފުޅުން އަޑުއަހާކަށް ބޭނުމެއް ނުވޭ. އަޅުގަނޑު މީ އިހައްދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި، އޭގެކުރިން ހާއްސަ މަޖިލީހުގެ ރައީސްކަންކޮށް، ޑިމޮކްރެޓިކް ގާނޫނުއަސާސީ ގެނެސްދީ، 300 އެތައް ޖަލްސާއެއް އެތާ އެކަނި އިނދެގެން ބަލަހައްޓަމުން ގެންދިޔަ މީހެއްކަމަށް ވިއަސްވެސް، މިހާރު އަޅުގަނޑުގެ މާ ބޮޑު ޒިންމާއެއް ނެތް މެމްބަރަކަށް ހުރުން ފިޔަވައި." ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، އާދައިގެ މެމްބަރެއް މަޖިލީހުގެ ޖަލްސާއަކަށް މަދުވެގެން، އޭބޭފުޅާގެ ވޯޓު ނުލިބިގެން ނުނިންމޭނެ ކަމެއް ނޯންނާނެކަމަށެވެ. އެހެންކަމުން، އޮންލައިންކޮށް ބޭއްވި ޖަލްސާތަކުގައި ބައިވެރިވެ ވަގުތު ހުސްކުރަން އިނުމުގެ ބޭނުމެއް އޮތްކަމަކަށް ގަބޫލު ނުކުރެވޭކަމަށް ގާސިމް ވިދާޅުވިއެވެ.
އަދި މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވެވަޑައިނުގަތީ އެއްޗެއް ވިދާޅުނުވެ ހުންނެވުމަށްވުރެ މޮޅުގޮތެއް ނުފެންނަވާތީކަމަށް ގާސިމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ގިނަ ދުވަސްތަކެއް ވަންދެއް ހާޒިރުވެފައި ނުވާތީ ބައެއް މަޖިލިސް މެމްބަރުންނާއި އާންމުންގެ ފާޑުކިޔުން ޤާސިމަށް އަމާޒުވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް