ރޭ ހުޅުމާލޭ 147 ވަނަ ނަމްބަރު ފްލެޓު ދެ ވަނަ ފަންގިފިލާގެ އެޕާޓްމެންޓެއްގައި ހިނގި އަލިފާނުގެ ހާދިސާގައި 13 މީހަކު ހާލުގައި ޖެހިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.
އެ އެޕާޓްމެންޓުގައި އަލިފާން ރޯވެފައިވަނީ ރޭ 7:17 ހާއިރު އެވެ. އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ 7:44 ގައި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އެންޑީއެމްއޭއިން ބުނީ މި ހާދިސާގައި ހާލުގައި ޖެހިފައިވާ 13 މީހުންނަކީ ދެ އާއިލާއަކަށް ނިސްބަތްވާ މީހުން ކަމަށެވެ. އެމީހުންނަށް ރޭގެ ވަގުތެއްގައި ވަގުތީ ބޯހިޔާ ވަހިކަމާއި ކެއިން ބުއިމުގެ އިންތިޒާމް ހަމަޖައްސައިދީފަ ވާކަމަށް މައުލޫމާތުދެ އެވެ.
އެމީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދިން ތަނުގެ މައުލޫމާތު އަދި ހާމައެއް ނުކުރެ އެވެ.
https://twitter.com/NDMAmv/status/1432396094009344002
އެމްއެންޑީއެފުން ރޭ ބުނީ އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނު އިރު އަލިފާން ރޯވި އެޕާޓްމެންޓުގެ އިތުރުން އިންވެގެން ހުރި އެޕާޓްމެންޓާއި ތިން ވަނަ ފަންގިފިލާގެ ދެ އެޕާޓްމެންޓުގައިވެސް ރޯވި ކަމަށެވެ. މި ހާދިސާގައި އެ ހަަތަރު އެޕާޓްމެންޓަށް އެކި ގެއްލުންވެފައިވާ ކަމަށް ވިދާޅުވި އެވެ.
ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބަލަމުންދާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް