ބަރަހަނާ ފިލްމު އުފެއްދި މައްސަލައިގަ ބެދި ހަފުސްވެފައިވާ ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދުރާ އާއި ވަކިވުމުގެ މަސައްކަތް ޝިލްޕާ ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
މިދިޔަ މަހުގެ 19 ވަނަ ދުވަހު އޭނާ ހައްޔަރު ކުރުމާއި އެކު ރާޖްގެ ވިޔަފާރީގެ އިތުރުން ޝިލްޕާގެ ބޮލީވުޑް ކެރިއަރު އެއްކޮށްހެން ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. އޭގެ ފަހުން ރިލީޒް ކުރި ޝިލްޕާގެ ފިލްމު "ހަންގާމާ 2" ވެސް ވީ ފްލޮޕެވެ. އޭނާ އާދޭސް ކުރުމުންވެސް އެ ފިލްމު ބަލާނެ ގިނަ ބަޔަކު ނުވިއެވެ.
ޝިލްޕާގެ ވަރަށް ގާތް އެކުވެރިއަކާއި ހަވާލާދީ މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ޝިލްޕާ މިހާރު މަސައްކަތް ކުރަމުންދަނީ ދެމަފިރިން އުޅެމުންދިޔަ ގެއިން ކުދިން ގޮވައިގެން ނުކުންނާށެވެ. އަދި ރާޖް ހޯދާފައިވާ ފައިސާއިން ދަރިންގެ ހަރަދުތައް ބަލަހައްޓަން ބޭނުން ނުވާ ކަމަށް ޝިލްޕާ ބުނި ކަމަށްވެއެވެ.
އެ އެކުވެރިޔާ ބުނެފައިވާ ގޮތުގައި ރާޖް ބަރަހަނާ ފިލްމު އުފައްދާކަން ފަޅާއެރުމުން ޝިލްޕާއަށް ޖެހުނީި ޝޮކެއް ކަމަށާއި އެފަދަ އެއްވެސް ކަމެއް ކުރާކަން އޭނާއަށް ނޭނގޭ ކަމަށެވެ. އަދި ދެ ދަރިންނަށް ބައްޕަގެ އެ އަމަލުތަކުގެ ވާހަކަ އަޑު އިއްވަން ޝިލްޕާ ބޭނުން ނުވާކަމަށް ބުންޏެވެ.
ޝިލްޕާގެ އެކުވެރިޔާ ބުނީ ބޮލީވުޑްގައި މާ ގިނަ ޕްރޮޖެކްޓުތަކެއް މިވަގުތު ނެތަސް ރާޖްގެ ފައިސާގައި ނުޖެހި ޝިލްޕާ އާއި ދެ ކުދިންގެ ހަރަދު ބަލެހެއްޓޭ ވަރަށް އޭނާއަށް ރިއަލިޓީ ޝޯގެ ޖަޖުކަން ކޮށްގެން ފައިސާ ލިބޭ ކަމަށެވެ. އަަދި "ހަންގާމާ 2" އަށް އެހެންވިޔަސް ޝިލްޕާ ސޮއިކޮށްފައިވާ ފިލްމު "ނިކަންމާ" އޭނާ އަތުން ނުގެއްލޭ ކަމަށްވެސް ބުންޏެވެ.
ރިޕޯޓުތައް ބުނާގޮތުގައި ރާޖްގެ މައްސަލަގަނޑާއި ހެދި ޝިލްޕާގެ ނަން ކިތަންމެ ކިލަނބުވެފައި އޮތަސް އަނޫރާގް ބާސޫ ޑައިރެކްޓު ކުރާ ފިލްމު "ނިކަންމާ" އިން އޭނާ ބޭރު ނުކުރާނެ ކަމުގެ ޔަގީންކަން ޝިލްޕާއަށް ދީފައިވެ އެވެ.
އެކަމަކު ޝިލްޕާގެ އެކުވެރިޔާ މީޑިއާގައި ދެއްކި ހުރިހާ ވާހަކައެއް ގަބޫލު ކުރާ މީހުން ވަރަށް މަދެވެ. ރިޕޯޓުތައް ބުނާގޮތުގައި ޝިލްޕާ އާއި ރާޖް މިކަމުގައި މަސައްކަތް ކުރަނީ ގުޅިގެންނެވެ. ރާޖްގެ ސަބަބުން ޝިލްޕާގެ ނަން ހަރާބުވުމުން އޭނާ ރާޖް ދޫކޮށްލަނީ ކަމަށް ބުނެ އަޑުއަރުވަނީ ބޮލީވުޑް ކެރިއަރު ސަލާމަތް ކުރުމަށް ދެމީހުން ރާވައިގެން ކަމަށް ބައެއް މީހުން ގަބޫލު ކުރެ އެވެ.
އަދި ކުރިންވެސް މީހުން ގަބޫލު ކުރާ ގޮތަށް އެވަރުގެ ބޮޑު ވިޔަފާރިއެއް ޝިލްޕާއަށް ހިލަމެއްވުމެއް ނެތި ރާޖް އަށް ނުކުރެވޭނެ ކަމަށް ގަބޫލު ކުރެ އެވެ.
ރާޖް އާއި ޝިލްޕާގެ ކައިވެންނަށް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ލިބިފައިވެ އެވެ. ހަގު އަންހެން ދަރިފުޅު އެމީހުން ހޯދާފައިވަނީ ސަރޮގޭޓް ކޮށްގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް