ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދި ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީތަކުގެ ލިސްޓުގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް 500 އަށް ވުރެ ގިނަ މެމްބަރުން އަލަށް ގުޅިއްޖެ އެވެ.
ކޯވިޑް-19ގެ އާލަމީވަބާއަށް ފަހު އެ ޕާޓީގެ ހަރަކާތައްތައް މަޑުޖެހިފައި އޮތުމަށް ފަހު، މި ފަހުން ހަރަކާތްތައް ފެށުނު ފަހުން، އެ ޕާޓީއަށް އިތުރު މެމްބަރުން ދަނީ ސޮއިކުރަމުން ކަމަށް ޖޭޕީން ބުނެ އެވެ.
މި ގޮތުން ސޮއި ކުރި 500 އަށް ވުރެ ގިނަ މެމްބަރުންގެ ފޯމް ޖޭޕީގެ ލީޑަރު ޤާސިމް އިބްރާޙިމަށް ހޯމަ ދުވަހުގެ ރޭ ވަނީ އަރުވާފައެވެ. ޤާސިމް އަށް މި ފޯމްތައް އެރުވީ އަލަށް ގުޅުނު މެންބަރުންގެ ފޯމުތަކަށް ހަވާލުވުމަށް ޖުމްހޫރީ ޕާޓީގެ މައި އޮފީސް، މ. ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައެވެ.
މިޖަލްސާގައި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައި ގަންނަވާ ވަޒީރުންނާއި، ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައި ގަންނަވާ މަޖިލިސް މެމްބަރުންނާއި، އިސް ބޭފުޅުން ބައިވެރިވެވަޑަގަތެވެ.
ޖޭޕީއަށް އަލަށް ގުޅުނު ފަރާތްތަކުގެ ތެރޭގައި، އަލަށް 18 އަހަރު ފުރުނު ޒުވާނުންނާއި، ސިޔާސީ މައިދާނުގައި ގިނަ ދުވަސްތަކެއްގެ ތަޖުރިބާ ލިބިފައިހުރި ފަރާތްތަކުގެ އިތުރުން ރަށްރަށުގެ އިޖްތިމާއީ ތަރައްގީއަށް މަސައްކަތްކުރާ ގިނަ ބޭފުޅުން ހިމެނެއެވެ.
މިޖަލްސާއަށްފަހު، ކޮންމެ ހަފްތާއަކުވެސް އެޕާޓީގެ ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖޭޕީން މި ޖަލްސާތަކުގައި ބޭނުން ކުރާ ޝިއާރަކީ "ސީދާ އަމާޒަށް" މި ޝިއާރެވެ.
ޖޭޕީގެ ހަރަކާތްތައް ވަރުގަދަކޮށްފައި މި ވަނީ އެ ޕާޓީން ވަކިވި މެމްބަރުންތަކެއް އިސްވެ ސިޔާސީ ޕާޓީއެއް އުފައްދަން މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް