ހައުސިން މިނިސްޓަރު މުއިއްޒު އިސްތިއުފާ ދެއްވުމަށް އެމްޑީޕީން ގޮވާލައިފި

މިނިސްޓްރީ ހިންގުމާއި ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ދިނުމުގައި މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓަރަކްޗ ނުކުޅެދި ބޮއްސުންލައި ގޮސް ރައްޔިތުންގެ ފުރާނައަށް ނުރައްކާވާހިސާބަށް ކ...

31 Aug 2015 | 12:55

މިނިސްޓްރީ ހިންގުމާއި ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ދިނުމުގައި މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓަރަކްޗ ނުކުޅެދި ބޮއްސުންލައި ގޮސް ރައްޔިތުންގެ ފުރާނައަށް ނުރައްކާވާހިސާބަށް ކަންކަން ގޮސްފައި ވާކަމަށާއި މިނިސްޓަރ މުޢިއްޒު މަޤާމުން އިސްތިއުފާ ދެއްވުމަށް އެމްޑީޕީން ގޮވާލައިފި އެވެ.

އެމްޑީޕީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިފަދަ ހިތާމަވެރި ޙާދިސާއެއް ހިނގުމަށް މެދުވެރިވި ސަބަބު ތަޙްޤީޤްކޮށް އެކަމުގައި ޒިންމާވާންޖެހޭ ފަރާތްތަކާ މެދު މިހާރުން މިހާރަށް ފިޔަވަޅު އަޅައި މާލޭގެ މަގުތަކަކީ ރައްޔިތުންނަށް އަމާން ތަނެއް ކަމުގައި ހެދުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ސަރުކާރަށް ގޮވާލާ ކަމަށެވެ. އަދި މާލޭ މަގުތައް ބެލެހެއްޓުމާއި މަރާމާތު ކުރުމާއި މިނޫންވެސް މިފަދަ އެހެން ހުރިހާ ކަމެއް ކުރުމުގެ ޤާނޫނީ ބާރު ރައްޔިތުން އިންތިޚާބުކޮށްފައިވާ ސިޓީ ކައުންސިލުން ނިގުޅައިގަނެ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ރޫޙާ ޚިލާފަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ބަދަލުކުރުމަށްފަހު މުޅި މާލޭގެ ޓްރެފިކް، ސާފުތާހިރުކަން އަދި މަގުތަކުގެ ސަލާމަތީ ކަންކަމާ ގުޅިފައިވާ މިފަދަ ކަންތައް ގިނަވެ ޚިދުމަތް ފޯރުކޮށްދިނުން ލަސްވެ އިންތިހާއަށް ފަރުވާ ކުޑަވެފައިވާކަން ކަންބޮޑުވުމާއެކު ފާހަގަ ކުރާ ކަމަށެވެ.

"އެކްސިޑެންޓްވުމަށް މެދުވެރިވި ހޮޅިދަނޑި މިނިސްޓްރީގެ ސްޓާފުންގެ ބަޔަކު މަގުމަތީގައި ބަހައްޓައި އަދި އެހޮޅިދަނޑި އެއްވެސް ރައްކާތެރިކަމެއް ނެތް ގޮތަކަށް އަލުން މިނިވަން 50 ގެ ޙަރަކާތްތަކާ ގުޅިގެން މަގުމަތި ޒީނަތްތެރިކުރުމަށް ބޭނުންކުރުމަކީ ސަރުކާރުގެ ދޯދިޔާ އަދި ރޭވުންތެރިކަމެއް ނެތް ސިޔާސަތު ހާމަވާ ކަމެކެވެ. އަދި މިނިވަން 50 ގެ ޙަރަކާތްތައް ނިމި އެތައް ހަފްތާއެއް ވޭތުވެދިޔަ ފަހުންވެސް ކުންޏާއި މިފަދަ ތަކެތި މާލެ އެކި ހިސާބުތަކުގައި ހުރުމުން އެނގިގެންދަނީ ކަނޑައެޅިގެން މިނިސްޓަރު ޒިންމާ އަދާ ކުރުމުގައި އިހުމާލުވެފައިވާކަން" އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.

2012 ވަނަ އަހަރުން ފެށިގެން މިނިސްޓަރ އޮފް ހައުސިން އެންޑް އިންފްރާސްޓްރަޗަރގެ މަޤާމުގައ ހުންނަވައި މިހާރު ކުރިމަތިވާ ކޮންމެ ގޮންޖެހުމަކީ އެމްޑީޕީ ސަރުކާރުގައި ކަން ހިނގައިދިޔަ ގޮތުން ކަމަށް ރައްޔިތުންގެ މަޖިލިހުގައާއި މީޑިޔާގައި ވިދާޅުވާ ބަސްފުޅުތަކަކީ ޒިންމާއިން ރެކިވަޑައިގަންނަވަން މިނިސްޓަރ މުޢިއްޒު ޢާންމުކޮށް ވިދާޅުވަމުން ގެންދަވާ ލަދުވެތި ބަހަނާއެއް ކަމަށާއި އެގޮތުން އޮގަސްޓު 29 ވަނަ ދުވަހު ހިނގައިދިޔަ ހިތާމަވެރި ހާދިސާގައިވެސް އެކަން ހިނގައިދިޔަ ގޮތް ޤަސްތުގައި ފޮރުވުމަށް މަސައްކަތް ކުރައްވާފައިވާކަން ހިތާމައާއެކު ފާހަގަ ކުރާ ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް