ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އާއި އެ މަނިކުފާނުގެ ނައިބުރައީސް އަހުމަދު އަދީބު އަވަހާރަކޮށްލާނެ ކަމުގެ އިންޒާރު ބަޔަކު ދީފި އެވެ.
ޔޫޓިއުބުގައި އާންމުކޮށްފައިވާ، އައިއެސްގެ ދިދަ އަރުވާފައިވާ، އަދި ތިން މީހަކު ހަތިޔާރާއެކު ތިބެ ދޭ އިންޒާރުގެ ވީޑިއޯއެއްގައި ބުނެފައިވަނީ ދިވެހި ރާއްޖޭގެ ސަރުކާރަށާއި ދިވެހިރާއްޖެ ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުﷲ ޔާމީން އާއި ނައިބު ރައީސް އަހުމަދު އަދީބަށް ބުނެލަން އޮތް ވާހަކައަކީ ސަންދާނު ލުތުފީ އަށް ކުރަމުންދާ ގޯނާތައް މިހާރުން މިހާރަށް ހުއްޓާލުމަށާއި އަދި އޭނާ ރާއްޖެ ގެނައުމަށް ކުރަމުންދާ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލާ އޭނާގެ ކަންތައް ދޫކޮށްލުމަށާއި އަދި އޭނާ އަށް އެއްވެސް ދުއްތުރާއެއް ގޯނާއެއް އެއްވެސް ޝަރުތެއްނެތި ހުއްޓާނުލައިފިނަމަ ކަލޭމެންގެ މައްޗަށް ވަރުގަދަވެގެންވާ ހަމަލާއެއް ނުވަތަ އުގޫބާތެއް އައިސްދާނެ ކަމުގެ ބިރުވެރި އިންޒާރު ދޭ ކަމަށެވެ.
https://www.youtube.com/watch?v=BcHN81k1ltU&feature=youtu.be
"އަދި ކަލޭމެން ޝެއިޙް އިމްރާން ހައްޔަރުކޮށްގެން ޖަލުގައި އޭނަ ތި ގެންގުޅެނީ އެއްވެސް ކުށެއް ނެތި، އޭނާއަށް ތިކުރާ އަނިޔާތައް މިހާރުން މިހާރަށް އެއްވެސް ޝަރުތެއް، އެއްވެސް ސަބަބެއް ނެތި ހުއްޓާލުމަށް، އަދި ހުއްޓާނުލައިފި ކަމުގައިވާނަމަ ކައޭމެން 2 މީހުންގެ ފުރާނައަށް ނުރައްކާ، އަހުމަދު އަދީބު އާއި އަބްދުﷲ ޔާމީންގެ ފުރާނައަށް ނުރައްކާވާ ފަދަ ހަމަލާތައް އަހަރުމެން ފަށާނެ ކަމުގެ ވަރުގަދަ އިންޒާރެއް މިއީ" އެ އިންޒާރުގެ ވީޑިއޯގައި ބުނެފައި ވެ އެވެ.
އެ ވީޑިއޯގައި ރާއްޖޭގައި ޓެރަރިޒަމްގެ ބިލު މަޖިލީހަށް ލައިގެން ފާސްކުރާ ކުރުމާއި އަޙުންނާއި އުޙްތުންނަށް ގޯނާ ކުރުމަށް ތިކުރާ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލުމަށް، އަދި ހުއްޓާނުލައިފި ކަމުގައިވާނަމަ ދިވެހިރާއްޖޭގެ އިގްތިސާދަށް ވަރުގަދަވެގެންވާ އިންޒާރެއް ދޭނެ ކަމަށްވެސް އެ ވީޑިއޯގައި ބުނެފައި ވެ އެވެ.
"މިކަމުގެ ޒިންމާ ނަގަން ޖެހޭނީ ރައީސް ޔާމީން އާއި ނައިބު ރައީސް އަދީބުކަން ކަލޭމެން ދެމީހުންނަށް ހަނދާންކޮށްދެން، އަދި މިކަމުގައި ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކަށް ލިބޭ ގެއްލުމުގެ ޒިންމާ ކަލޭމެން އުފުލަން ޖެހޭނެ، ހަނދާން ކުރާތި މި ބުނާ ކަންތައް ނުކޮށްދީފިނަމަ މިކަމުގެ އިލްޒާމު ކަލޭމެންގެ ދެމީހުންގެ ބޮލުގައި އަޅުވާ ދިވެހިރާއްޖެއިން މަރުވާ ކޮންމެ ރައްޔިތެއްގެ މަރުގެ ދިޔަ ކަލޭމެން ދެމީހުން ދޭން ޖެހޭނެ، އަދި އެ މަރުވާ ކޮންމެ މީހެއްގެ ޒިންމާ ވެސް ކަލޭމެން އުފުލަން ޖެހޭނެ، މިއީ ކަލޭމެންނަށް ހަނދާންކޮށްދޭ ނަސޭހަތެއް، އަދި މިކަމުން ކަލޭމެން ރައްކާތެރިވެ، ކަލޭމެން ދުރުނުވެއްޖެ ކަމުގައިވާނަމަ ކަލޭމެން ހަނދާނުން ނުފިލާ ވަރުގެ ވަރުގަދަ އުގޫބާތްތަކެއް އަހަރުމެންގެ ފަރާތުން ދޭނެ ކަމުގެ އިންޒާރެއް މިއީ" އެ ވީޑިއޯގައި ބުނެފައި ވެ އެވެ.
ވީޑިއޯގައި އިތުރަށް ބުނެފައިވަނީ ރިސޯޓުތައް ފުނޑުފުނޑުކޮށްލާ އެ ރިސޯޓްތައް އަޑިއަށް ދުއްވާލާ ވަރުގެ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދޭ ކަމަށެވެ. އަދި ސަރުކާރަށް 30 ދުވަހުގެ މުހުލަތެއް ދޭ ކަމަށާއި މި 30 ދުވަހުގެ ތެރޭގައި 3 ޝަރުތު ގަބޫލުނުކޮށްފިނަމަ އެ މީޙުންގެ އުގޫބާތްތައް ފަށާނެ ކަމުގެ އިންޒާރުވެސް އެ ވީޑިއޯގައި ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް