މެދުއިރުމަތީގެ ގައުމުތަކުގައި އިސްލާމީ ވަކި ހިލާފަތެއް އިއުލާނުކޮށް އެ ހިލާފަތު ދެމެހެއްޓުމަށް މަސައްކަތް ކުރަމުން އަންނަ އައިއެސް ޖަމާއަތް ބާރުގަދަވެ ކޮންޓްރޯލް ނުވާ ހިސާބަށްދިޔައީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަންގެ އިހުމާލުން ކަމަށް އިނގިރޭސިވިލާތުގެ ސިފައިންގެ ކުރީގެ ވެރިޔާ ބުނެފި އެވެ.
ސިޔާސީ ފަރާތްތަކުގެ ބަޔޯގްރަފީ ލިޔާ ލިޔުންތެރިއަކަށް ދިން އިންޓަވިއުއެއްގައި ޖެނެރަލް ޑޭވިޑް ރިޗަޑްސް ބުނެފައިވަނީ އައިއެސްއާމެދު ކެމަރަން ކުރިން ފިޔަވަޅު އެޅިނަމަ އައިއެސްބާރު ގަދަވެ ނުރައްކަލަކަށް ނުވާނެ ކަމަށެވެ.
"އަހަރެން ބުނި ގޮތަށް ކަންތައް ކުރިނަމަ، ކުރިން އައިއެސް އަށް ހަމަލާދީ ބަލިކޮށްލެވުނު ނަމަ މިއަދު މިކަމާ ހާސްވާކަށް ނުޖެހޭނެ" ޖެނެރަލް ބުނެފައި ވެ އެވެ.
ޖެނެރަލް ބުނެފައިވަނީ 2012 ވަނަ އަހަރު ސީރިޔާގެ ދާހިލީ ހަނގުރާމަ ފެށުނު ހިސާބުން އެ ހިސާބުގައި ނުރައްކާތެރި ޖަމާއަތެއް އުފެދިދާނެ ކަމުގެ ބިރު އޮތް ކަމަށާއި އަދި އެކަމާމެދު ކުރިން ފިޔަވަޅު އެޅުމަށް ބޮޑުވަޒީރަށް ލަފާ އެރުއްވި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް