ހިތްދަތި ހާދިސާއެއްގައި ހިތާމަވެރިގޮތަކަށް ދުނިޔެ ދޫކޮށް އެ ދިޔަޔީ އަގުހުރި ދިވެހި ދަރި އެކެވެ. ޑޮކްޓަރުކަން ކިޔަވައިގެން ރާއްޖެ އައިސް ރާއްޖެއަށް ހިދުމަތް ކުރާނެ ހަގީގީ ޒުވާނެކެވެ. ދުއާއަކީ އައްޑު ހިތަދުއަށް އުފަން އަޒްފާ ޒުހައިރުގެ އާއިލާއަށް ކެތްތެރިކަން ދެއްވާ، އަޒުފާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުމެވެ.
އާންމުންނާއި އަޒްފާގެ އާއިލާއިން ކުރާ ސުވާލަކީ މިއީ އެވެ. އަޒްފާގެ މަރުގެ ޒިންމާ ނަގަން ޖެހޭނީ ކޮން ފަރާތަކުން ހެއްޔެވެ. ޒިންމާ ވާނީ ކާކު ހެއްޔެވެ؟
ސުވާލުގެ ޖަވާބު ވަރަށް ސާފެވެ. އަހަރެމެންގެ މުޖްތަމައުގައި ކަންކަން ހިނގަމުން އަންނަގޮތުން އާހިރުގައި ކުށްވެރިވާނީ ލޮރީ ޑުރައިވަރު ކަމާމެދު ޝައްކެއް ނެތެއްނޫން ހެއްޔެވެ.
އެހެންޏާފަހެ އަވަސް ތަހުގީގެއް ކުރުމަށްފަހު ހައުސިން މިނިސްޓްރީން އެވަނީ ބަޔާނެއް ނެރެފަ އެވެ. ނުރަސްމީ ގަޑީގައި ބަޔާން ހިފައިގެން މީޑިއާތަކަށް ގޮސް އެ ބަޔާނާ ހަވާލުވި މީހަކު ލައްވައި ސޮއި ކުރުމަށްފަހު އެއީ "ފޭކު" ލިޔުމެއް ނޫންކަން ކަށަވަރު ވާވަރު އެ ވަނީ ކޮށްފަ އެވެ.
ހޮޅިދަނޑި ވެއްޓިފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ލޮރީ ކޮންޓްރޯލުން ނައްޓާލައިގެންގޮސް ހޮޅިދަނޑީގައި ޖެހުނުލެއް ބާރުކަމުންކަން ހައުސިންގެ ބަޔާނުގައި ސާފުކޮށް އެއޮތީ ބުނެދީފަ އެވެ. ހަގީގަތެއް ނެތްނަމަ ހައުސިން މިނިސްޓްރީން މިވަރުގެ ބޮޑު ވާހަކައެއް ނުދައްކާނެ ނޫން ހެއްޔެވެ.
ތަނެއްގައި ހޮޅިދަނޑިއެއް ހުއްޓެއް ކަމަކު ބާރު ސްޕީޑްގައި ކޮންޓްރޯލު ނުވެ ގޮސް ލޮރީ ޖައްސާކަށް ނުޖެހޭ ނޫން ހެއްޔެވެ. އަދި ޖެއްސިޔަސް އެ ހޮޅިދަނޑި ވެއްޓިގެން ނުވާނެ ނޫން ހެއްޔެވެ. މިނިވަން 100 އަންނާންދެން ބަހައްޓާފައި ހުރި ހޮޅިދަނޑި ވައްޓާލައިގެން ނުވާނެ ނޫން ހެއްޔެވެ. ބޮޑެތި އުސް ފުޅަނދުތައް އެ ހޮޅިދަނޑީގައި ޖެހި އެ ހޮޅިދަނޑި ނުވެއްޓުނު ކަމަށް ހައުސިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވާއިރު، އިމާރާތުގެ އިންފާރުތެރޭގައި ދަގަނޑު ހޮޅިޖަހާ މައުންޓްކޮށް، ވަށައިގެން އައްސާފައި ހުރި ހޮޅިދަނޑިއެއް ވެއްޓޭނީ ކިހާ ބާރަކަށް ދުއްވާ ކިހާ ވަރަކަށް ކޮންޓްރޯލުން ނައްޓާލައިގެން ވިސްނާލައިފި ނަމަ ކުޑަކުއްޖަކަށްވެސް އިނގޭނެ ނޫން ހެއްޔެވެ.
ފުލުހުންނަށް މި ފަހަރު އޮޅުނީ ކަމަށް ވެދާނެ އެވެ. އަދި މިކަމާއި މެދު ބަހެއް ބުނެވުނީ މާ އަވަހަށް ކަމަށްވެސް ވެދާނެ އެވެ. އެހެނީ ހައުސިން މިނިސްޓްރީން އެ ބުނާ އެއްޗަކާ ފުލުހުން ބުނާ އެއްޗަކާ ކޮޅާކޮޅު ދިމާ ނުވޭ ނޫންހެއްޔެވެ. ފުލުހުން ބުނެފައިވަނީ އެއީ ހަރުކޮށްފައި ހުރި ހޮޅިދަނޑިއެއް ނޫން ކަމަށެވެ. ތަހުގީގަށް އެނގިފައިވާގޮތުން ހޮޅިދަނޑި ވެއްޓުނުކަން ޑްރައިވަރަށް ނޭންގޭ ކަމަށެވެ. ނަމަވެސް ފުލުހުންގެ ބަސް މިނިސްޓްރީން އެވަނީ ދޮގުކޮށްފަ އެވެ. އަދި ފުލުހުންގެ ތަހުގީގަށް "އެއްބާރުލުން" ދޭނޭ ކަމަށް އެ މިނިސްޓްރީން އެވަނީ ބުނެފައެވެ.
މަންޒަރު ބަދަލުވާގޮތް ބަލަން ތިބެމާ ހެއްޔެވެ. "ލޮރީ ޑްރައިވަރު ހައްޔަރުކޮށްފި، ލޮރީ ޑްރައިވަރު އެއްބަސް ވެއްޖެ، ލޮރީ ޑްރައިވަރުގެ މައްޗަށް ގަސްތުގައި މީހަކު މެރި ކަމުގެ ދައުވާ އުފުލައިފި، ލޮރީ ޑްރައިވަރު ގަސްތުގައި މީހަކު މެރިކަން ސާބިތުވެ ޑްރައިވަރުގެ މައްޗަށް މަރުގެ ހުކުމް އިއްވައިފި" މި ސުރުހީތަކަކީ ނޫސް ތަކުގެ ފަލަ ސުރުހީތަކުން އަވަސް މުސްތަގްބަލެއްގައި ޖާގަ ހޯދުން ހަމަ އެކަށީގެން ވާ ސުރުހީތަކެއް ނޫން ހެއްޔެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް