އެކްސިޑެންޓް ވުމުން ސީން ދޫކޮށް ފިލި ޑްރައިވަރު ހޯދައި ހައްޔަރުކޮށްފި

ހުޅުމާލެ ފޭޒް ދޭއްގައި މިއަދު ނުރައްކާތެރި އެކްސިޑެންޓެއް ހިނގުމުން ސީން ދޫކޮށް ފިލައިގެން ދިޔަ ކާރު ޑްރައިވަރު ހޯދައި ހައްޔަރުކޮށްފިއެވެ. ފުލުހުން މިރޭ ބުނެފައިވަނީ އެކްސިޑެންޓްގައި ހިމެނޭ ކާރު ދުއްވ...

31 Jul 2024 | 18:45

ހުޅުމާލެ ފޭޒް ދޭއްގައި މިއަދު ނުރައްކާތެރި އެކްސިޑެންޓެއް ހިނގުމުން ސީން ދޫކޮށް ފިލައިގެން ދިޔަ ކާރު ޑްރައިވަރު ހޯދައި ހައްޔަރުކޮށްފިއެވެ.

ފުލުހުން މިރޭ ބުނެފައިވަނީ އެކްސިޑެންޓްގައި ހިމެނޭ ކާރު ދުއްވި މީހާ މިރޭ ވަނީ ހައްޔަރުކޮށްފައި ކަމަށާއި އެއީ އުމުރުން 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.

ވިނަރެސް ފްލެޓްތަކުގެ މެދަށް އޮންނަ މަގުން ބާރު ސްޕީޑުގައި ދުއްވި ސްޕޯޓްސް ކާރެއް ކޮންޓްރޯލުން ނެއްޓި އެކްސިޑެންޓްވީ މަގުގެ އެއް ފަރާތެއްގައި ސައިކަލެއްގައި މަޑުކޮށްލައިގެން އިން މީހެއްގެ ގައިގާ ޖެހިގެންނެވެ. އެކްސިޑެންޓްވި ވަގުތު ސައިކަލުގައި އިން މީހާ މާ ދުރަކަށް ވިއްސައިގެން ދިޔަ މަންޒަރު ސީސީޓީވީ ފުޓޭޖުތަކުން ފެނެއެވެ.

ފަހުން ސޯޝަލް މީޑިއާގައި އާއްމުވި ބައެއް ވީޑިއޯތަކުން ފެންނަގޮތުގައި ކާރުގެ ޑްރައިވަރު ސީޓުން ފޭބީ ހުދު ކުލައިގެ ޓީޝާޓެއް ލައިގެން ހުރި މީހެކެވެ. ކުރީ ޕަސިންޖަރ ޝީޓުން ފޭބީ ރީނދޫކުލައިގެ ޓީޝާޓެއް ލައިގެން ހުރި މީހެކެވެ. އެކްސިޑެންޓްވުމުން އެ ސަރަހައްދަށް އެއްވި އާންމުންގެ ތެރޭގައި އެ ދެމީހުންވެސް މަޑުކޮށްގެން ތިބުމަށްފަހު ޑްރައިވަރު ޝީޓުން ފޭބި މީހާ އެހެން މީހެއްގެ ސައިކަލު ފަހަތުގައި އެ ސަރަހައްދު ދޫކޮށް ދާތަން ފެނުނެވެ.

އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު މިހާރު ސްޓޭބަލް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް މޫނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމުގެ މައުލޫމާތުވެސް ލިބިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް