ހިތަދޫގައި މަސްތުވާ ތެކެތީގެ މައްސަަލައެއްގައި ކޯޓް އަމުރެއްގެ ދަށުން ފުލުހުން ވަދެ އެޕާޓްމެންޓެއްގެ ދޮރު ވައްޓާލި ކަމަށް ބުނާ މައްސަލަ ވަނީ ހޫނުވެފައެވެ.
ބައެއް ނޫސްތަކުގައި ފުލުހުން އެޕާޓްމެންޓްއަށް ވަދެ ބަރަހަނާކޮށް އަންހެނަކު ފެންވަރަން ހުއްޓާ ދޮރު ވައްޓާލި ކަމަށް ވަނީ ރިޕޯޓު ކޮށްފައެވެ. އެހެން ނަމަވެސް ފުލުހުން ވަނީ އެކަން ދޮގު ކޮށްފައެވެ.
ފުލުހުން ބުނީ، އެޕާޓްމެންޓަށް ވަނުމަށް ދޮރު ހުޅުވުމަށް ފުލުހުން ތަކުރާރުކޮށް އެދުމުން ވެސް ދޮރު ނުހުޅުވުމުން އެ އެޕާޓްމެންޓަށް ފުލުހުން ވަނީ ބާރުގެ ބޭނުން ކޮށްގެން ކަމަށެވެ. އަދި އެޕާޓްމެންޓްގެ ދެ ކޮޓަރިއެއްގެ ދޮރު ހުޅުވުމަށް ތަކުރާރުކޮށް އެދުމުންވެސް ދޮރު ނުހުޅުވުމުން ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ދޮރު ވައްޓާލައި އެ ކޮޓަރިއަށް ވަދެފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އޭގެތެރެއިން އެއް ކޮޓަރީގައި ފެންވަރައިގެން ނިކުމެ ހުރި އަންހެނަކު ހުރުމުން ފުލުހުން ވަނީ ދޮރު ލެއްޕުމަށް ފަހު ކޮޓަރިން ނިކުތުމަށް އެ އަންހެން މީހާއަށް ފުރުސަތު ދީފައިކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ އެޕާޓްމެންޓްގެ އެއްވެސް ފާހަނައެއްގެ ދޮރު ވައްޓާލާފައި ނުވާނެ ކަމަށެވެ. އަދި އެ އޮޕަރޭޝަން ގައި ހަރަކާތްތެރިވި ފުލުހުންގެ ބޮޑީ ވޯން ކެމެރާ ބޭނުންކޮށްފައި ނުވާނެ ކަމަށެވެ.
މި އޮޕަރޭޝަން ހިންގުމުގައި ފުލުހުން ބާރުގެ ބޭނުން ކުރި ގޮތުގެ ރިވިއުއެއް ހަމަޖެހިފައިވާ އުސޫލުގެތެރެއިން ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް