ވެރިކަން ކުރާ އެމްޑީޕީއާއި އިދިކޮޅު ޕީޕީއެމް ނޫން ބަޔަކަށް އެބުނާ ވަރުގެ ތާއީދެއް އޮތް ތަނެއް ފެނިވަޑައިނުގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރިޔާސީ ކެމްޕޭނަށް ށ. ފުނަދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ2018 ވަނަ އަހަރު ފުނަދުއަށް ވީ ވައުދުތައް ފުއްދަމުންދާ ކަމަށެވެ. އެގޮތުން ރައްޔިތުން އެދުނީ އަލަށް އާބާދުވީ ސަރަހައްދުގައި ނަރުދަމާގެ ނިޒާމު ގާއިމު ކޮށްދިނުމާއި، ފުނަދޫގައި ނުނިމި ހުރި މިސްކިތް އަޅާދިނުމާއި، ފެނުގެ ހިދުމަތް ފޯރުކޮށްދިނުމާއި، ސްކޫލުގައި ހުރި ދަތިތައް ހައްލުކޮށް ސްކޫލުގައި15 ކްލާސްރޫމް އަޅައިދިނުމުގެ އިތުރުން ހޮސްޕިޓަލުގެ ފެންވަރު ރަނގަޅު ކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ ތެރެއިން ގިނަ މަސައްކަތްތައް ނިމި، އަނެއްބައި މަސައްކަތްތައް މިހާރު ފެށިި އަދި ކޮންޓްރެކްޓް ކޮށްފައި ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ދައުރުގައި ވީ ވައުދާ އެއްގޮތަށް އެ ހުރިހާ ކަމެއް ކޮށްދީ ނިންމާނެ ކަމަށެވެ. އެގޮތުން ނަރުދަމާ މިހާރު ގޭގެއަށް ގުޅާދެވިފައި ވާކަން ފާހަގަ ކުރެއްވިއެވެ.
"ބައެއް ގޭގެއަށް އަދި ނުގުޅި ހުރި ކަމުގެ ޝަކުވާއެއް ދެއްމެ އަޅުގަނޑާ ސަލާން ކުރެއްވި ބޭފުޅަކު ވިދާޅުވި، ތިމަންނަގެ ގެއަށް އަދި ނަރުދަމާ ގުޅާ ނުދޭ ވާހަކަ" އެކަން ބަލައިދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ފުނަދޫގެ ތަރައްޔީއަށް ކުރީގެ ސަރުކާރުތަކުންވެސް މަސައްކަތްތަކެއް ކޮށްދީފައި އެބަހުރިކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ބައެއް ކަންކަން ކޮށްފައި ހުރީ ތަރުތީބެއް ނެތް ގޮތަށް ކަމަށެވެ. އެގޮތުން ތާރު އަޅާ ނިންމާފައި ހުރި ނަމަވެސް އަޑިއަށް ވަޅުލަންވީ އެއްޗެހި ހުރީ ވަޅު ނުލާ ކަމަށް ވިދާޅުވިއެވެ.
އެއާ ޚިލާފަށް މި ސަރުކާރުން މަޝްރޫއުތައް ހިންގާނީ ރޭވުންތެރިކަމާ އެކުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
ކުރިއަށް އޮތް ތަނުގައި ފުނަދޫއަށް ކޮށްދޭނެ ކަންތައްތަކުގެ ތެރޭގައި ރައީސް ވިދާޅުވީ، ދެވަނަ ދައުރެއްގައި ރަށުގެ ދެންހުރި މަގުތަކުގައިވެސް ތާރުއަޅައި ނިންމައިދޭނެ ކަމަށާއި، ބިން ހިއްކުން ވެސް ޕްލޭންގައި އެބަ އޮތް ކަމަށެވެ. އަދި އަމާޒަކީ މި އަހަރު ނިމެންވާއިރަށް އެ މަސައްކަތް ކޮންޓްރެކްޓް ކޮށް ބަޔަކާ ހަވާލު ކުރުން ކަމަށެވެ.
ފުނަދޫގެ ރޯހައުސް ނޫނީ ފްލެޓް އަޅަން ކުރިއަށް އޮތް ދައުރުގައި ހިމަނާފައި ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެރަށު ފަޅުގައި އޮތް 'ފަރުކޮޅު' އެރަށުގެ ރައްޔިތުންނަށް އާމްދަނީ ލިބޭނެގޮތަށް ތަރައްގީގެ މަޝްރޫއުތައް ހިންގާނެ ކަމަށް ވައުދުވެ ވަޑައިގެންނެވިއެވެ.
ރައީސް ވިދާޅުވީ ފުނަދޫ މަސްވެރިންނަށް ބޭނުންވާ އައިސް ހެޔޮއަގުގައި ލިބޭ ގޮތަށް އެރަށުގައި އައިސްޕްލާންޓެއް ބަހައްޓައިދީ 50 އެނދުގެ ހާ ހޮސްޕިޓަލެއް އަޅައިދެއްވާނެ ކަމަށެވެ.
މިހާރުގެ ސިޔާސީ މަޝްރަހަށް އަލިއަޅުވާލަމުން ރައީސް ވިދާޅުވީ ބައެއް ޕާޓީތަކުން ިއިންތިހާބަށް ކުރިމަތިލާ ކަމަށާއި ތިން ހަތަރު މީހެއްގެ ނަން އިވޭ ކަމަށެވެ. އެހެންނަމަވެސް ރާއްޖޭގެ ސިޔާސީ މަޝްރަހު އޮތްގޮތުން ވާދަކުރާނީ އެމްޑީޕީއާ ޕީޕީއެމް ކަމަށެވެ. އެނޫން ބަޔަކަށް އެބުނާ ވަރުގެ ތާއީދެއް އޮތް ތަނެއް ފެނިވަޑާއި ނުގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންވީމަ ތިބޭފުޅުން ނިންމަވަންވީ2018ގެ ކުރީގައި އެއޮތް ހާލަތަށް އަޅުގަނޑުމެން އެނބުރި ދާނީތޯ، ނޫނީއްޔާ ފެށިފާ މިއޮތް ތަރައްގީގެ މަޝްރޫއުތަކާ އެކީގަ، މި ރަށްވެސް ހިމެނޭ ގޮތަށް، މި އަތޮޅުވެސް ހިމެނޭ ގޮތަށް،މަޝްރޫއުތަކާ އެކީގަ ކުރިއަށް ދާނީތޯ" ރައީސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް