ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރިމަތި ލެވޭގޮތް ނުވި ކަމަށާއި ޑިމޮކްރެޓްސްގެ ރަނިންމޭޓަކަށް މީހަކު ކަނޑައަޅަން ޕީޕީއެމްއަށް ފުރުސަތު އެބައޮތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ ރޭ އައްޑޫ ހިތަދޫގައި ބޭއްވި ޑިމޮކްރެޓްސްގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ނަޝީދު ވިދާޅުވީ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބު ދެވަނަ ބުރަށް ދާނެ ކަމާމެދު އެއްވެސް ޝައްކެތް ނެތް ވަރަށް ޔަގީން ކުރެވޭ ކަމަށެވެ. އަދި ދެވަނަ ބުރުން އިލްޔާސް އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.
އެގޮތުން މިއަދު ރާއްޖޭގެ ސިޔާސީ ހާލަތުގައި ޒުވާން ޖީލެއް ވޯޓުލާން ކެތްމަދުވެފައިވާ ކަމަށާއި ތަރައްގީގެ އުމުރުން ފަސް އަހަރު ގެއްލިއްޖެކަމަށް ދެކިގެން ތިބި ބަޔަކާއި އެމްޑީޕީއާ މެދު އުފެދުނު ހިތްހަމަނުޖެހުން އުފެދިފާ ތިބި އެތައް ބަޔަކު އަދި ޕީޕީއެމްގެ އެތައް ބައެއްގެ ވޯޓާއެކުގައި، ފެންނަ ފެނުމުގައި ދެވަނަ ބުރުގައިވެސް އިލްޔާސް ވާދަ ކުރައްވައި ކާމިޔާބު ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"ރައީސް ޔާމީނަށް މި ރިޔާސީ އިންތިހާބަށް ކުރިމަތި ލެވޭގޮތް މިވަނީ ނުވެފަ. އަޅުގަނޑު ޕީޕީއެމްގެ ލޮބުވެތި މެމްބަރުންގެ ކިބައިން އަދި ރައީސް ޔާމީނާއި ޕީޕީއެމްގެ ލީޑަރުންގެ ކިބައިން ވަރަށް އިހުލާސްތެރި ކަމާއެކު އެދެން، އިލްޔާސް ލަބީބުގެ ރަނިންމޭޓެއްގެ ގޮތުގަ ތިބޭފުޅުންގެ ބޭފުޅަކު ހުށަހެޅުމުގެ ފުރުސަތު އޮތީ ވަރަށް ފުޅާކޮށް ހުޅުވިފާކަން" ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ އަބަދުވެސް އަމާޒަކީ ރާއްޖޭގައި ރައްޔިތުންގެ ފަރާތުން ކުރާ ހެޔޮ ވެރިކަމެއް ރައްޔިތުންގެ މައްޗަށް ކުރާތަން ދެކުން ކަމަށެވެ. އަދި ރައްޔިތުންގެ އާއްމު ހާލަތާއި ތަނަވަސްކަން އިތުރުވެގެން ދިއުން ކަމަށެވެ.
ޑިމޮކްރެޓްސްގެ އަމާޒަކީ އާއްމުންގެ ޖީބަލް މިއަދު ލިބުނު އެއްޗަކަށްވުރެ ބޮޑު އެއްޗެއް މާދަމާ ލިބޭނެގޮތް ވެގެން ދިއުން ކަމަށް ނަޝީދު ވިދާޅުވިއެވެ. ޔާމީންގެ ހިޔާލުފުޅާއި ޕީޕީއެމްގެ ހިޔާލުވެސް އެ އަމާޒުތަކާ ތަފާތު ވެދާނެކަމަށް ނުދެކޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ރާއްޖޭގެ ގިނަ ރައްޔިތުން އަނެއްކާވެސް އެދެނީ ބަދަލަކަށް ކަމަށާއި އެއީ ރައީސް ސޯލިހު ނޫންގޮތެއް ހޯދުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް