ވޯޓުލާން ރީ-ރަޖިސްޓްރީ ކުރުމުގެ މުއްދަތު ހޮނިހިރު ދުވަހު ހަމަވާނެ!

ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ވޯޓު ލުމަށް އޮންލައިންކޮށް ރީ- ރަޖިސްޓްރީ ކުރުމުގެ މުއްދަތު ހަމަވެފައި ވާއިރު، ފޯމު ހުށަހަޅައިގެން ރީ-ރެޖިސްޓަރ ވުުމުގެ ފުރުސަތު ހޮނިހިރ...

31 Jul 2023 | 06:33

ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ވޯޓު ލުމަށް އޮންލައިންކޮށް ރީ- ރަޖިސްޓްރީ ކުރުމުގެ މުއްދަތު ހަމަވެފައި ވާއިރު، ފޯމު ހުށަހަޅައިގެން ރީ-ރެޖިސްޓަރ ވުުމުގެ ފުރުސަތު ހޮނިހިރު ދުވަހު ހަމަވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ.

ރީ ރަޖިސްޓަރ ވުމަށް ފޯމު ހުށަހަޅަން ޖެހޭނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 04:00 ގެ ކުރިންނެވެ.

އީސީއިން ބުނީ، މިމުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ރަޖިސްޓަރީ ވެފައިވާ ރަށް ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ރަޖިސްޓަރީވާން އެދޭ ފަރާތްތައް އެކަންޏެވެ. "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020" ގައި މާލޭގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތައް، ރިޔާސީ އިންތިޚާބު 2023 ގައި ވޯޓުލުމަށް ރަޖިސްޓަރީ ވެފައިވާނީ މާލެގައެވެ.

ރިޔާސީ އިންތިޚާބު 2023 ގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) ގެ ޒަރިއްޔާއިން ޗެކްކުރެވޭނެއެވެ. މީގެއިތުރުން (VR space ID.No Send to 1414) އެސް.އެމް.އެސް ކޮށްގެން ޗެކްކުރެވޭނެއެވެ.

ރީ-ރަޖިސްޓަރީ ވުމަށް ފޯމު މެދުވެރިކޮށް ހުށަހަޅާނީ "ރަށްވެހިވެފައިވާ ރަށްނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" އިންނެވެ.

މި ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ އިންތިޚާބާބެހޭ މަރުކަޒު (ދަރުބާރުގެ) އިންނެވެ. އަދި މިފޯމު ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ފޯމު ހުށަހަޅާއިރު، ފޯމު ހުށަހަޅަން ދާ މީހާ، އެމީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، ފޮޓޯޖެހި ރަސްމީ ލިޔުމެއްގެ އަސްލު ހުށަހަޅަންޖެހެއެވެ. އަދި ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް އެފޯމާއެކު ހުށަހަޅަން ޖެހެއެވެ.

ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، ފޯމު ހިފައިގެން ދާ މީހާ އެފޯމަށް ޒިންމާވާ ގޮތަށެވެ.

ރީ-ރަޖިސްޓަރީ ކުރުން ކުރިޔަށްދާނީ އޮގަސްޓު 5 ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށެވެ. ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ. ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށެވެ. 2023 އޮގަސްޓް 5 ވާ ހޮނިހިރު ދުވަހު މެންދުރުފަހު 04:00 ނިޔަލަށެވެ.

އީސީން ބުނީ ހޮނިހިރު ދުވަހުގެ ނިޔަލަށް ރީ- ރަޖިސްޓްރީ ކުރަން ހުށަހަޅާފައި ވަނީ 11933 ފޯމު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް