ފިރިމީހާ ގިނައިރު ކޮފީގައި އުޅޭނަމަ ހަދާނެ ގޮތް ޑރ. ނާޒް ކިޔައިދެއްވައިފިއެވެ.
ނާޒް އާއްމުކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ، ފިރިން ގިނައިރު ކޮފީގައި ވަގުތު ހޭދަކޮށް، ގެއަށް ލަހުން އަންނަ ނަމަ ކަންތައް ކުރާނީ ކިހިނެތްތޯ ވަރަށް ގިނަ މީހުން ސުވާލު ކުރާ ކަމަށެވެ.
އެކަމާ ދެރަވެގެން މީހުން ސުވާލު ކުރާކަން ފާހަގަ ކުރައްވައި ނާޒް ވިދާޅުވީ، އެންމެ ފުރަތަމަ ކަމަކަށް، ލަސްވި ކަމަށް ބަލާނީ ފިރިމީހާ ކިހާ ލަހެއް ވުމުންތޯ ސުވާލު އުފައްދަން ޖެހޭ ކަމަށެވެ.
"ދެމަފިރިންނަށް އެއްބަސް ވެވިފަ އޮންނަ ގަޑިއެއް ދެއްތޯ އަޅުގަނޑުމެން ބަލާނީ. މިސާލަކަށް ކޮންމެ ރެއަކުވެސް12 ޖެހުމުގެ ކުރިން އަންނަން ވާނޭ، އެއަށްވުރެ ލަސްވެއްޖެއްޔާ ނުވަތަ އެއްބަސް ވެފަ އޮންނަން ވާނެ ގެއަށް ވަންނާނެ ގަޑި" ނާޒް ވިދާޅުވިއެވެ.
މީގެ އިތުރުން، ފިރިން ކޮފީގައި ގިނަ ވަގުތު ހޭދަކޮށްފައި ލަހުން ގެއަށް އައުމުން އެކަމާމެދު 'ރިއެކްޓް' ކުރާނީ ކިހިނެތްތޯ އަނބިން ސުވާލު ކުރާ ކަމަށް ނާޒް ވިދާޅުވިއެވެ.
އެގޮތުން އެކަމާ ޝަކުވާ ކުރާނީތޯ ނުވަތަ ރޯނީތޯ ނުވަތަ ޝަކުވާ ކުރާނީތޯ، ނުވަތަ ޝައްކު ކުރާނީތޯ ނުވަތަ އަޅާނުލާ ނިދާނީތޯ އަނބިން ސުވާލު ކުރާ ކަމަށް ނާޒް ވިދާޅުވިއެވެ.
އެކަމަށް ނާޒްގެ ލަޔަފަކީ، އެކަމުގައި އަނބިމީހާއަށް ކުރެވޭ އިހުސާސް ފިރިމީހާއާ ހިއްސާ ކުރުމެވެ.
"އެހެން ލަސްވީމަ ތިމަންނަ ދެރަ ވެޔޭ، އެހެން ލަސްވީމަ ތިމަންނައަށް ރޮވެޔޭ، ތިމަންނަ އެދޭ ގޮތަކީ މީއޭ. ގެއަށް އަންނާށޭ" އަނބިން ބުނަންވީ އެއްޗާއި ކަން ކުރަންތީ ގޮތް ކިޔައިދެއްވަމުން ނާޒް ވިދާޅުވިއެވެ.
އެހެން ނަމަވެސް ފިރިންގެ މަސައްކަތް ހުންނަ ގޮތުންވެސް ގެއަށް ނާދެވި ލަސް ވާނެކަން ނާޒް ފާހަގަ ކުރެއްވިއެވެ. އެހެންކަމަށް ވާނަމަވެސް ލަސް ވާނެކަން ކުރީބައިގައި އަނބިމީހާ ކައިރީ ބުނެލުމަކީ ފިރިމީހާގެ ޒިންމާއެއް ކަމަށް ނާޒް ވިދާޅުވިއެވެ.
ނަމަވެސް ތަކުރާކުކޮށް ލަސް ވާނަމަ، އަމިއްލަ ކުށެއް އޮތްތޯ ސުވާލު ކޮށްލުމަށް ނާޒް ހަނދާންކޮށްދިނެވެ.
އެގޮތުން ފިރިމީހާ ގެއަށް އަންނައިރު، ގެއަކީ އެންމެ ހިތްހަމަ ޖެހޭ، އެންމެ ފުރިހަމަ ތަން ކަމަށް ހެދުމަށް ނާޒް ނަސޭހަތްތެރި ވިއެވެ.
"އެތަނަކަށް ވަނީމަ އަރާމުވާނެ ތަނަކަށް ހިނގާށޭ (ގޭތެރެ) ހަދަމާ. ކުދިން ނިންދަވާލާފަ، ގޭތެރެ ތަރުތީބު ކޮށްލާފަ. ފިރިކަލުންނަށްވެސް އެނގުން، ތިމަންނަ ގެއަށް އަންނައިރު ނިދާފައެއް ނޫންކަން އޮންނާނީ" ނާޒް ވިދާޅުވިއެވެ.
ތިމާއަކީ ޝަކުވާ ނުކުރާ، ބައިވެރިޔާ ހިތްހަމަ ޖައްސައިދޭ މީހަކަށް ވާން ޖެހޭ ކަމަށް ނާޒް ވިދާޅުވިއެވެ. އަދި އާއިލާއަށް ވަގުތު ދިނުމަށް ނާޒް ހަނދާންކޮށްދިނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް