ރައީސް ސޯލިހަކީ ޕްރޫވަން ޕްރޮޑަކްޓެއް: ނައިބު ރައީސް

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަކީ 'ޕްރޫވަން ޕްރޮޑަކްޓްއެއް' ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، ރިޔާސީ ކެމްޕޭނަށް ރައީސް ކުރައްވާ ދ...

31 Jul 2023 | 04:52

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަކީ 'ޕްރޫވަން ޕްރޮޑަކްޓްއެއް' ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ، ރިޔާސީ ކެމްޕޭނަށް ރައީސް ކުރައްވާ ދަތުރުގައި ޏ. ފުވައްމުލަކުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ފޯރިއާ ޖޯޝާއެކު ރަށު ބަހުން ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ ހއ. ތުރާކުރުން ފެށިގެން އައްޑޫ ސިޓީއާ ދެމެދު އޮތީ ތަރައްގީއަށް ބޭނުންވާ މަޝްރޫއުތައް ހިންގާފައި ކަމަށެވެ.

އެހެންކަމުން މާ މޮޅު ގޮތެއް ހޯދަން އެހެން ދިމާއަކުން އެހެން މީހަކު ވެރިކަމަށް ގެންނަނީ ކީއްކުރަންތޯ ފައިސަލް ވަނީ ސުވާލު އުފައްދާފައެވެ.

ކޮންމެ ކަމެއް ކުރުމުގައިވެސް ރަނގަޅު މީހުން ހިޔާރު ކުރުމަށް އަންގަވާފައިވާކަން ހަނދާންކޮށްދެމުން ފައިސަލް ވިދާޅުވީ ރައީސް ސޯލިހު މިހާރު ޓެސްޓު ކުރެވިއްޖެ ކަމަށެވެ. އަދި އެއީ 'ޕްރޫވަން ޕްރޮޑަކްޓް' އެއް ކަމަށެވެ.

މި ދައުރުން ކަންކަން ކޮށްދިނުމުގައި ނަތީޖާ ފެނިއްޖެ ކަމަށާއި އެހެންކަމުން ރައީސް ސޯލިހަށް ދެވަނަ ދައުރެއް ހޯދައި ދިނުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ފައިސަލް ވިދާޅުވިއެވެ.

މީގެ އިތުރުން ފައިސަލް ވިދާޅުވީ، ފަސް އަހަރު މިދިޔައީ ތެދުވެރިކަމާ އިހުލާސްތެރި ކަމާއެކު ރައީސްގެ ފަހަތްޕުޅުގައި ކަމަށެވެ. އަދި ރައީސްއަށް ދެވަނަ ދައުރެއް ހޯދައި ދިނުމަށް ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.

ފުވައްމުލަކު ރައްޔިތުން ރައީސް ސޯލިހަށް ފުރިހަމަ އިޖާބައެއް ދެއްވާނެ ކަމުގެ ޔަގީންކަން ފައިސަލް ދެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް