ޓޫރިޒަމަކީ ރާއްޖޭގެ ލޭނާރު، މަސްވެރިން މަހަށް ފޮނުވަނީ ޓޫރިޒަމުން ލިބޭ ފައިސާއިން: ސިޔާމް

ޓޫރިޒަމް އިންޑަސްޓްރީއަކީ ދިވެހިރާއްޖޭގެ ލޭނާރު ކަމަށް އެމްޑީޕީ ކޯލިޝަންގެ އެއް ޕާޓީ އެމްޑީއޭގެ ރައީސް އަދި ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ވިދާޅުވެއްޖެއެވެ. ސިޔާމް މިހެން ވިދާ...

31 Jul 2023 | 04:34

ޓޫރިޒަމް އިންޑަސްޓްރީއަކީ ދިވެހިރާއްޖޭގެ ލޭނާރު ކަމަށް އެމްޑީޕީ ކޯލިޝަންގެ އެއް ޕާޓީ އެމްޑީއޭގެ ރައީސް އަދި ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ވިދާޅުވެއްޖެއެވެ.

ސިޔާމް މިހެން ވިދާޅުވީ، ރައީސް ސޯލިހުގެ ކެމްޕޭނަށް ރޭ ޏ. ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ސިޔާމް ވިދާޅުވީ ޓޫރިޒަމް އިންޑަސްޓްރީން ފިޔަވައި ރާއްޖެއަށް ފައިސާ ނުލިބޭ ކަމަށެވެ. އަދި މަސްވެރިން މަހަށް ފޮނުވަނީ ފަތުރުވެރިކަމުން ލިބޭ ފައިސާއިން ކަމަށެވެ.

"އަޅުގަނޑުމެން ކޮންމެ އަހަރަކު ޕާލިމެންޓުން އެތައް މިލިއަން ރުފިޔާއެއްގެ ސަބްސިޑީ ދީގެން، މިފްކޯއަށާ ތަންތަނަށް ދީގެން މަސްވެރިން މަހަށް މި ފޮނުވަނީ. އެއީ ހަގީގަތް" ސިޔާމް ވިދާޅުވިއެވެ.

ކޮވިޑްގެ ދުވަސްވަރު އިގްތިސާދަށް އައި ހީނަރުކަމާއި ބޯޑަރު ބަންދު ކުރުމާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމަށް ދެން އަލިމަގެއް ނުފެންނާނެ ކަމަށް އެ ދާއިރާގެ އިސް ސަފުގައި އުޅުނު މީހުން ބުނަމުން ދިޔަ ކަމަށް ސިޔާމް ވިދާޅުވިއެވެ.

ނަމަވެސް އެކަން އެހެން ނުވީ ރައީސް ސޯލިހު ނެންގެވި ހިކުމަތްތެރި ފިޔަވަޅު ތަކުގެ ސަބަބުންކަމަށް ސިޔާމް ވިދާޅުވިއެވެ.

އެއާ ގުޅުވައި ސިޔާމް ވިދާޅުވީ، އޭރު ރާއްޖެއިން ކަންތައްތައް ކުރިއަށް ގެންދިޔަ ފުރިހަމަ ކަމުން، އަވަށްޓެރި ގައުމުތަކުންވެސް ރައްޖެއިން ކަންކުރި ގޮތް ބެލި ކަމަށެވެ.

އެ ހުރިހާ ނިންމުމަކީވެސް ރައީސް ސޯލިހުގެ ނިންމެވުންތަކުގެ ސަބަބުން ކަމަށް ސިޔާމް ވިދާޅުވިއެވެ.

ކޮވިޑްގެ ދުވަސްވަރު ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ތިން ބިލިއަން ރުފިޔާ ސަރުކާރުން އެކި ފަރާތްތަކަށް ދޫކޮށްފައި ވާ ކަމަށް ސިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ސިޔާމް ވިދާޅުވީ، ފުވައްމުލަކު އެއާޕޯޓް ބޮޑުކޮށް، ބޮޑެތި އެއާލައިންތައް އެރަށަށް ޖައްސަން ފެށުމުން މުސްތަގުބަލުގައި ފުވައްމުލަކަކީ ރާއްޖޭގައި އޮންނަ އިތުރު ޑެސްޓިނޭޝަން އެއްގެ ގޮތުގައި ޕްރޮމޯޓް ކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް