ކުރީ ދެ ދައުރު ޏ. ފުވައްމުލަކުގައި ހިންގުނީ 27 މަޝްރޫއު ކަމަށާއި ނަމަވެސް މިދައުރުގައި އެރަށުގައި ހިންގުނު މަޝްރޫއުގެ އަދަދު 40ށް ވުރެ ގިނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރިޔާސީ ކެމްޕޭނަށް ފުވައްމުލަކަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ 2018 ވަނަ އަހަރުވެސް ފުވައްމުލަކަށް ވަޑައިގެންނެވި ކަމަށާއި އެފަހަރު އިންތިހާބަށް ނުކުތްއިރުގެ މެނިފެސްޓޯއަކީ ރައްޔިތުންގެ އަޑުއަހައިގެން އެކުލަވާލި އެއްޗެއް ކަމަށެވެ.
ކޮންމެ ރަށަކަށް ރައްޔިތުން ބޭނުންވާ ކަންތައްތައް މެނިފެސްޓޯގައި ހިމެނިކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ފުވައްމުލަކަށް ބޭނުންވާ ކަންކަމުގެ އަޑުވެސް އެއްސެވި ކަމަށެވެ.
އެގޮތުން އެންމެ ފުރަތަމަވެސް ފުވައްމުލަކުން ބޭނުންވީ މަގުތައް ހެދުމާއި ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ އިތުރުން ނަރުދަމާ ރަނގަޅަށް ބޭނުން ނުކުރެވޭ ގޮތް ހެދުމާއި ފެނުގެ މައްސަލަ ހައްލުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންކަމުން ފުރަތަމަ ދުވަހުވެސް އެ މަސައްކަތް ފަށައިގަނެ، މިހާރު ފުވައްމުލަކުގައި 19.7 ކިލޯމީޓަރުގެ މަގު އަޅާ ނިމިއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ޕްލޭނަކީ މި މަސައްކަތް ނިންމާއިރު އެރަށުގެ ހުރިހާ މަގެއް ހަދާ ނިންމުން ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ އެރަށު ރަށް ގިރުމުގެ މައްސަލައަށް ހައްލެއް އެ ގެނެވެނީ ކަމަށައި ނަރުދަމާގެ ނިޒާމަށް ހައްލެއް ގެނެވި، ފެނުގެ ނިޒާމު ރަނގަޅު ކުރެވިއްޖެ ކަމަށެވެ.
އަދި އެރަށު ބަނދަރު ހެދި، އެއާޕޯޓެއް އެޅިއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެކަންތައްތަކުން ރައްޔިތުންނަށް ލުއިފަސޭހަ ވި ނަމަވެސް މިހާރު މިވަނީ އަނެއްކާވެސް އެ ކަންކަން ތަރައްގީ ކުރަން ޖެހިފައިކަން ރައީސް ފާހަގަ ކުރެއްވިއެވެ.
އެގޮތުން ބަނދަރާއި އެއާޕޯޓްވެސް ކުޑަވެއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންކަމުން ރައީސްގެ ޕްލޭނަކީ ކުރިއަށް އޮތް ދައުރުގައި އެއާޕޯޓް ބޮޑުކުރެވެން އޮތް ވަރެއް ބަލާ ދިރާސާ ކުރުމަށްފަހުގައި އެއާޕޯޓް ބޮޑު ކުރުމާއެކު ބަނދަރު ބޮޑުކުރަން ދިރާސާ ކޮށް، މިހާރަށްވުރެ ބަނދަރު ބޮޑުކުރުމެވެ.
އޭގެ އިތުރުން ފުވައްމުލަކަށް ކޮށްދޭން ވައުދުވި ބައެއް ކަންކަން އަދި ނުނިމިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ.
އެއީ ސިންތަޓިކް ޓްރެކް، ސްޓޭޑިއަމް އަދި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމު ކުރުމެވެ. އޭގެ ތެރެއިން ބައެއް ކަންކަން ޓެންޑަރިންގެ މަރުހަލާގައި ވާއިރު ބައެއް ކަންތައްތައް އެވޯޑު ކުރެވިފައި ވާކަމަށް ރައީސް ވިދާޅުވިއެވެ.
އަދި އަންނަ ދައުރުގައި އެ ތަންތަނުގެ މަސައްކަތް ކުރެވިގެން ދާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
ފުވައްމުލަކުގައި ވަޒީފާ ނެތުމާއެކު ރަށުގެ ގިނަ ބަޔަކު ރަށުން ބޭރުގައި އުޅެމުންދާ މައްސަލައަށް ހައްލެއް ގެނައުމަށް ސަރުކާރު އޮފީހުގެ ބެކް އޮފީސް ބަދަލު ކުރުމުގެ މަސައްކަތުގެ ދަށުން ހަތަރު ތަނެއް ވަނީ ފުވައްމުލަކަށް ބަދަލު ކުރެވިފައެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް ބައެއް ތަންތަން ބަދަލު ކުރާނެ ކަމަށާއި މަލްޓިޕަރޕަސް އޮފީސް ކޮމްޕްލެކްސްއެއް އެރަށުގައި ގާއިމު ކޮށްދެއްވާނެ ކަމަށެވެ.
ދެހާސް އަށެއްގެ ފަހަށް އައި10 އަހަރު ފުވައްމުލަކަށް ސަރުކާރުތަކުން ހިންގާދީފައި ވަނީ ޖުމުލަ 27 މަޝްރޫއުކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން އެކަނި40ށް ވުރެ ގިނަ މަޝްރޫއު އެރަށުގައި ކުރިއަށްްދާ ކަމަށެވެ.
އަދިވެސް ކުރަން ކަންކަން އެބަހުރި ކަމަށާއި އެ ހުރިހާ ކަމެއް ނިމޭއިރު މި ދައުރުގައި ބިލިއަނެއްހާ ރުފިޔާ ފުވައްމުލަކަށް ހަރަދުކޮށް ނިމޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ އެރަށުގައި 50 އެނދުގެ އާ ހޮސްޕިޓަލެއް އަޅައި، އެ ހޮސްޕިޓަލަކީ ކުޑަކުދިންނަށް ހާއްސަ ހޮސްޕިޓަލެއް ގޮތަށް ސްޕެޝަލައިޒް ކުރާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް