މިއަހަރުގެ ދެވަނަ ކުއާޓާގައި އެސްޓީއޯއަށް 110 މިލިއަން ރުފިޔާގެ ފައިދާވެއްޖެއެވެ.
އެސްޓީއޯގެ ދެވަނަ ކުއާޓާގެ މާލީ ތަފާސް ހިސާބުތައް ދައްކާގޮތުން، އެސްޓީއޯއަށް މިއަހަރުގެ ދެވަނަ ކުއާޓާގައި ޖުމްލަ އާމްދަނީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ދެވަނަ ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި ވަނީ 110 މިލިއަން ރުފިޔާ ލިބިފައެވެ.
މިދިޔަ އަހަރުގެ ދެވަނަ ކުއާޓާގައި އެސްޓީއޯއަށް 1.29 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ސާފު ފައިދާގެ ގޮތުގައި ޖެހިފައިވަނީ 105 މިލިއަން ރުފިޔާއެވެ. އެހެންކަމުން މިއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓާއާ އަޅާބަލާއިރު ފަސް މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓާގައި އެކުންފުންޏަށް ލިބުނު އާމްދަނީ 2.1 ބިލިއަން ރުފިޔާއަށް އަރާއިރު، ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބިފައިވަނީ 109 މިލިއަން ރުފިޔާއެވެ.
އެސްޓީއޯގެ މާލީ ހިސާބުތަކަށް ބަލާއިރު ކުންފުންޏަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ތެލުގެ ވިޔަފާރިންނެވެ. އެގޮތުން 1.4 ބިލިއަން ރުފިޔާ ތެލުގެ ވިޔަފާރިން މިކުއާޓާގައި ލިބިފައިވެއެވެ.
އެސްޓީއޯގެ މާލީ ތަފާސް ހިސާބުތައް ދައްކާގޮތުން ދެވަނަ ކުއާޓާގައި ޖުމްލަ ޚަރަދު 255 މިލިއަން އަށް އަރައެވެ. މިއަހަރުގެ ފުރަތަމަ ކުއާޓާގައި ޚަރަދުވީ 231 މިލިއަން ރުފިޔާ ކަމަށް އެސްޓީއޯއިން ހާމަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް