ބީއެމްއެލްއިން އެންމެ ޒަމާނީ ކަސްޓަމަރ ސަރވިސް ސެންޓަރެއް ހުޅުވައިފި

ބޭންކް އޮފް މޯލްޑިވްސްގެ ޚިދުމަތްތައް ހޯދަމުންދާ ކަސްޓަމަރުންގެ އަދަދު އިތުރުވަމުންދާއިރު އެފަރާތްތަކަށް ފަސޭހަކަމާއެކު އަވަހަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އަމީނީ މަގުގައި ހުންނަ މާލެ ސްކުޔަރ...

31 Jul 2017 | 07:13

ބޭންކް އޮފް މޯލްޑިވްސްގެ ޚިދުމަތްތައް ހޯދަމުންދާ ކަސްޓަމަރުންގެ އަދަދު އިތުރުވަމުންދާއިރު އެފަރާތްތަކަށް ފަސޭހަކަމާއެކު އަވަހަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އަމީނީ މަގުގައި ހުންނަ މާލެ ސްކުޔަރގައި އެންމެ ފަހުގެ ޓެކްނޮލަޖީއާއެކު އާ ކަސްޓަމަރ ސަރވިސް ސެންޓަރެއް މިރޭ ހުޅުވައިފިއެވެ.

ފައިސާގެ މުޢާމަލާތްތައް ފިޔަވައި ބޭންކުން ދޭ ޚިދުމަތްތަކުގެ ބޮޑު ބައެއް މީގެ ފަހުން ދެމުން ގެންދާނީ މި ސެންޓަރުން ކަމަށާއި ގިނަ ވަގުތުތަކަށް ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ މި ސެންޓަރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ހަވީރު 5:00 އަށް ހުޅުވާފައި ހުންނާނޭ ކަމުގައި ބޭންކުން ހާމަކުރެ އެވެ.

"އެންމެ ފަހުގެ ޓެކްނޮލަޖީއާއެކު އައިޕެޑް މެދުވެރިކޮށް ކަސްޓަމަރުންނަށް ޚިދުމަތް ހޯދުމަށް ތަޖުރިބާކާރު މުވައްޒަފުންނާ ގުޅާލެވެއެވެ. އަދި މި ސެންޓަރަށް ކަސްޓަމަރު ޒިޔާރަތް ކުރާ ހިސާބުން ފެށިގެން ބޭނުންވާ ޚިދުމަތަކަށް އެދެވޭނެއެވެ. މި ގޮތުން ކަސްޓަމަރުން ޚިދުމަތް ހޯދުމަށް ހޭދަ ކުރާ ވަގުތު ވަރަށް ބޮޑަށް ކުޑަވެގެން ދާނެއެވެ. މި ސެންޓަރުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި ޗެކް ފޮތް، ސްޓޭޓްމަންޓް، ކްރެޑިޓް އަދި ޑެބިޓް ކާޑު ނެގުން ހިމެނެއެވެ. މީގެ އިތުރުން މޮބައިލް ބޭންކިންގ އަދި އިންޓަރނެޓް ބޭންކިންގ ޚިދުމަތަށް އެދޭ ކަސްޓަމަރުންނަށްވެސް މުވައްޒަފުން އެހީތެރިވެދޭނެއެވެ. " ބޭންކުން ހާމަކުރެ އެވެ.

ބޭންކުން ހާމަކުރާގޮތުގައި މި ސެންޓަރ ފަރުމާކޮށްފައިވަނީ އާންމު ބޭންކްތަކާއި ވަރަށް ތަފާތު ފަރުނީޗަރާއި އެހެނިހެން ޚިދުމަތްތައް ހިމަނައިގެންނެވެ. މިގޮތުން ކަސްޓަމަރުން ޚިދުމަތް ލިބިގަތުމަށް ހޭދަކުރާ ވަގުތަކީ އެންމެ ހިތްހަމަޖެހޭނެ ފަދަ ވަގުތަކަށް ހެދުމަށްޓަކައި ސޯފާ ގޮނޑި ހިމަނައި އަދި ކޮފީ ލިބޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން މި ސެންޓަރާ އިންވެގެން ކަސްޓަމަރުންނަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުން އަދި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ދިނުމަށް ހަތަރު އޭޓީއެމްއާއެކު ސެލްފް ސާވިސް ބޭންކިންގ ސެންޓަރެއްވެސް ވަނީ ގާއިމްކޮށްފައެވެ.

ރޭ ބޭއްވުނު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ މި އާ ސެންޓަރުގެ އެންމެ ޒަމާނީ ސެޓްއަޕް އާއި ހުޅުވާފައި ހުންނަ ވަގުތު އިތުރުވުމުގެ ސަބަބުން ކަސްޓަމަރުންނަށް މާލެއިން ފޯރުކޮށްދެމުންދާ ޚިދުމަތްތަކަށް ރަނގަޅު ބަދަލެއް އަންނާނެ ކަމަށެވެ. މިއަށްފަހު ކަސްޓަމަރުންނަށް ދެން ލިބެމުންދާނީ ހަމައެކަނި އަވަސް އަދި ރަނގަޅު ޚިދުމަތެއް އެކަންޏެއް ނޫން. ލިބިގެންދާނެ އުފާވެރި އަދި ހިތްހަމަޖެހިގެންދާނެ ފަދަ ތަޖުރިބާއެއްވެސްމެ ކަމަށެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 88 އޭޓީއެމް، 4000 ޕީއޯއެސް މަރޗަންޓުން، 205 ކޭޝް އޭޖެންޓުން، 29 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ އަދި 5  ދޯނި ބޭންކިންގ ޔުނިޓުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް