މެކްރޯންގެ އިންޒާރެއް އިސްރާއީލަށް

އިސްރާއީލުން އަވަސްގޮތެއްގައި ޣައްޒާގެ އިންސާނީ ހާލަތު ރަނގަޅު ނުކޮށްފިނަމަ، ފަރަންސޭސި ވިލާތުން އިސްރާއީލަށް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެ އެގައުމުގެ ރައީސް އެމެނުއެލް މެކްރޯން އިންޒާރުދެއްވައިފިއެ...

31 May 2025 | 16:47

އިސްރާއީލުން އަވަސްގޮތެއްގައި ޣައްޒާގެ އިންސާނީ ހާލަތު ރަނގަޅު ނުކޮށްފިނަމަ، ފަރަންސޭސި ވިލާތުން އިސްރާއީލަށް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެ އެގައުމުގެ ރައީސް އެމެނުއެލް މެކްރޯން އިންޒާރުދެއްވައިފިއެވެ.

ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި ވާހަކަފުޅު ދައްކަވަމުން މެކްރޯން ވިދާޅުވީ، އިސްރާއީލުގެ ބްލޮކޭޑުގެ ސަބަބުން ޣައްޒާގައި ކުރިމަތިވަމުންދާ ބަނޑުހައިހޫނުކަމުގެ ކާރިސާއާ ދޭތެރޭ ދުނިޔެއަށް މަޑުން ތިބެވެން ނެތް ކަމަށެވެ.

އެހީދޭ ޖަމާޢަތްތަކުން ބުނާ ގޮތުގައި ޣައްޒާގެ މިހާރުގެ ހާލަތު އޮތީ ވަރަށް ނުރައްކާތެރި ހިސާބުގައެވެ. ބަނޑުހައިހޫނުކަމުގެ ކާރިސާއެއް ދިމާވުމަކީ ގާތްކަމެއް ކަމަށާއި ކާނާއާއި ބޭސްފަރުވާ ނުލިބުމުގެ ސަބަބުން މިހާރުވެސް ގިނަ ބަޔަކު މަރުވަމުންދާކަމަށެވެ.

"އިންސާނީ އެހީ ބަންދުކުރުމުގެ ސަބަބުން ޣައްޒާގައި ދަނީ ބަރުދާޝްތު ނުކުރެވޭ ފަދަ ހާލަތެއް އުފެދެމުން،" ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރެންސް ވޯންގްއާއެކު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެކްރޯން ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، އިސްރާއީލުން ކުރިއަށް އޮތް ދުވަސްތަކުގައި ހާލަތު ރަނގަޅުކުރަށް ފިޔަވަޅު ނާޅައިފިނަމަ، ފަރަންސޭސި ވިލާތާއި އެހެން ޤައުމުތަކުން އެމީހުންގެ ސްޓޭންޑް "ހަރުކަށި" ކުރަން ޖެހިދާނެ ކަމަށެވެ. އޭގެ ތެރޭގައި އިސްރާއީލުގެ ވަޒަންވެރިންނަށް ފިޔަވަޅު އެޅުމުގެ އިޚްތިޔާރުވެސް ހިމެނެއެވެ.

ޕްރެޝަރާއި ހެދި އިސްރާއީލުން ކޮންމެވެސް ވަރަކަށް ކާނާއާއި ބޭސް ޣައްޒާއަށް ވަނީ ވައްދައިފައެވެ. ނަމަވެސް އެއީ ކުޑަ އަދަދެކެވެ. އަދި އެހީ ބެހުމުގެ މަސައްކަތް ހިނގަމުންދަނީ ވަރަށް ހަމަނުޖެހުން ބޮޑު، އަނިޔާވެރި ގޮތަކަށެވެ. ޣައްޒާއަށް އެހީ ފޯރުކޮށްދިނުމުގެ ކަންކަން ބަލަހައްޓަމުން މިހާރު ގެންދަނީ އިސްރާއީލާއި އެމެރިކާ ގުޅިގެން އުފައްދާފައިވާ އައު ޖަމާޢަތެއް ކަމަށްވާ ގާޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) އިންއެވެ. ނަމަވެސް އދ އާއި އެހެން ޖަމާޢަތްތަކުން އެ ފައުންޑޭޝަނަށް ދަނީ ފާޑުކިޔަމުންނެވެ. އެއީ އެ ފައުންޑޭޝަން ހިންގަނީ ރަނގަޅަށް ނޫން ކަމަށާއި، އިންސާނީ އެހީގެ އަސާސީ މިންގަނޑުތަކާ އެއްގޮތަށް ނޫން ކަމަށް ބުނެއެވެ.

ފަލަސްޠީނު ރެފިއުޖީންނަށް އެހީވާ އދ. ގެ އޭޖެންސީ (އަންރުވާ) އިން ބުނެފައިވަނީ އެ އޭޖެންސީއިން ވަރަށް ގިނަ އަދަދެއްދަދެއްގެ އެހީ ޣައްޒާއަށް، ކައިރީގައި އޮތް ޖޯޑަނުންގެ މަގުން ފޮނުވަން ތައްޔާރަށް ތިބި ކަމަށެވެ. ނަމަވެސް އެ އެޖެންސީއިން އަދިވެސް މަޑުކުރަމުންދަނީ ޣައްޒާއަށް ވަނުމުގެ ހުއްދައަށް ކަމަށެވެ.

މެކްރޯން އިތުރަށް ވިދާޅުވެފައިވަނީ ދުނިޔެއިން ފަލަސްޠީނު މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަންޖެހޭ ކަމަށެވެ. އެއީ "ހެޔޮކަމުގެ ޒިންމާއެއް އަދި ސިޔާސީ ގޮތުން ކޮންމެހެން ކުރަންޖެހޭ ކަމެއް" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް އެފަދަ ބަލައިގަތުމެއް އަންނަންވާނީ ޝަރުޠުތަކަކާއެކު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ހަމާސް ޖަމާއަތުން ހަތިޔާރު ބެހެއްޓުން ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް